އިނގިރޭސި އެފް އޭ ވިމެންސް ކޮންޓިނެންޓަލް ލީގު ކަޕްގެ ޗެމްޕިއަންކަން މެންޗެސްޓަރ ސިޓީ ވިމެން ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ސިޓީ ހޯދީ ރޭ ކުޅުނު ފައިނަލް މެޗްގައި އެންމެފަހުގެ ޗެމްޕިއަން ޗެލްސީ ވިމެން އާއި ބައްދަލުކޮށް ކާމިޔަބުކޮށްގެންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗް ސިޓީ ކާމިޔާބުކުރީ ފަހަތުން އަރައި 3 ލަނޑު އެއްލަނޑުންނެވެ. މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ ސިޓީއިން އުފެއްދި ނަމަވެސް މިމެޗްގެ ފުރަތަމަ ހާފްގައި ރަނގަޅަށް ކުޅުނީ ޗެލްސީއެވެ. މިގޮތުން މެޗްގެ 34 ވަނަ މިނެޓްގައި ސޭމް ކާރ ވަނީ ލަނޑެއް ޖަހައި މިމެޗްގެ ލީޑުވެސް ޗެލްސީއަށް ނަގައިދީފައެވެ. މިމެޗްގައި ސިޓީއިން މެޗްގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު މެޗްގެ 49 ވަނަ މިނެޓްގައި ޖަހައިދިނީ ކެރޮލީން ވެއާއެވެ. އަދި މިމެޗްގެ ލީޑު ސިޓީއިން ނެގީ މެޗްގެ 58 ވަނަ މިނެޓްގައި އެލެން ވައިޓް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިމެޗްގައި ސިޓީގެ ފަހު ލަނޑު މެޗްގެ 69 ވަނަ މިނެޓްގައި ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކޮށްދިން ވެއާއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗް ގެރެތު ޓެއިލަރ ބުނީ މިމެޗްގެފުރަތަމަ ހާފްގައި އޭނާގެ ކުޅުންތެރިންނަށް ނުކުޅެވުނު ކަމަށާއި ނަމަވެސް ދެވަނަ ހާފްގައި ދެއްކި ކުޅުމާމެދު އޭނާ ފަހްރުވެރިވާކަމަށެވެ.
ޗެލްސީގެ ކޯޗް އެމާ ހޭސްވެސް ވަނީ މިމެޗުން މޮޅުވީ މޮޅު ޓީމްކަމަށް އެއްބަސްވެފައެވެ. އަދި މިމެޗްގައި އެންމެ ބޮޑު މައްސަލައަކަށް ޗެލްސީ އަށް ދިމާވީ ބޯޅަ ހިފަހައްޓައިގެން ނުކުޅެވުން ކަމަށެވެ. މިއީ 2020 ވަނަ އަހަރުގެ އެފް އޭ ކަޕަށްފަހު ސިޓީ ވިމެންއަށް ކާމިޔާބު ކުރެވުނު ފުރަތަމަ ތަށްޓެވެ.