ކުޅިވަރު

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަށް ސަލްގާޑޯ އާއި ސާރާ ގެންނަނީ


މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާ އަށް ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯ އާއި ފެތުންތެރިޔާ ސާރާ ހޮޔޯސްޓްރޯމް ރާއްޖެ ގެންނާނެކަމަށް ޔޫތު މިނިސްޓްރީން ހާމަކޮށްފިއެވެ. ސަލްގާޑޯ އާއި ސާރާ ރާއްޖެ އަންނަން ހަމަޖެހިފައިވާކަން އިއުލާނުކުރެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފެވެ.

ގިނަ ފަހަރު ރާއްޖެ އައިސްފައިވާ ސަލްގާޑޯ އަކީ ހަ އަހަރުގެ ކޮންޓްރެކްޓެއްގައި އެފްއޭއެމްގެ ފުޓްބޯޅަ ސްކޫލް ޕްރޮޖެކްޓާ ހަވާލުވެފައިވާ ފަރާތެވެ. ރެއާލް މެޑްރިޑާއި ސްޕެއިންގެ ފުޓްބޯޅައިގައި މަގުބޫލު ފަރާތެއްކަމަށްވާ ސަލްގާޑޯ އަކީ ފީފާގެ އެމްބަސަޑަރެކެވެ. އަދި އޭނާ ވަނީ ރެއާލް މެޑްރިޑާއެކު ކްލަބް ފުޓްބޯޅައިގައި އެއް ކްލަބެއްގައި ހުރެގެން ހުރިހާ ކާމިޔާބެއް ހޯދައިފައިވާ މީހެކެވެ. އެ ގޮތުން ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕް ކާމިޔާބު ކޮށްފައިވެއެވެ.

މިމަހުގެ 17 ވަނަ ދުވަހު ބާއްވާ ގައުމީ ސްޕޯޓްސް އެވޯޑްސް ހަފްލާ އަށް ރާއްޖޭން ބޭރުން ދުނިޔޭގެ މަޝްހޫރު ކުޅިވަރު ގިނަ ލެޖެންޑުންތަކެއް އަންނަ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއީ މި އެވޯޑްގެ ހައިބަތު ބޮޑުކޮށް ދުނިޔޭގެ ސަމާލުކަން ލިބޭ އިވެންޓަކަށް ހެދުމާއި ދިވެހި ކުޅިވަރުގެ އަގުވަޒަންކުރުން އެންމެ ފުރިހަމަ އަށް ގެންދިއުމަށް ރާވާ އިވެންޓެއްކަމަށް ޔޫތު މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މިނިސްޓަރު މަހުލޫފްގެ ދައުވަތު ގަބޫލުކޮށް ސާރާ ބުނެފައިވަނީ ރާއްޖެ އަންނަން ކެތްމަދުވެފައިވާ ކަމަށާއި ސްޕޯޓްސް އެވޯޑްސް ހަފްލާގައި ބައިވެރިވެވޭތީ ވަރަށް އުފާވަކަމަށެވެ. އުމުރުން 28 އަހަރުގެ ސާރާ ވަނީ އޮލިމްޕިކްސް އާއި ވޯލްޑް ޗެމްޕިއަންޝިޕް އަދި ޔޫރަޕިއަން ޗެމްޕިއަންޝިޕްގައި ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ. މީގެ އިތުރުން ސާރާ އަކީ ފަސް އިވެންޓެއްގެ ދުނިޔޭގެ ރެކޯޑް ހޯދާފައިވާ ފެތުންތެރިއެއްވެސް މެއެވެ. ސާރާ ހާސިލްކޮށްފައިވާ ރެކޯޑްތަކަށް ބަލާއިރު، ލޯންގް ކޯސްގެ 50 މީޓަރާއި 100 މީޓަރުގެ ފްރީސްޓައިލާއި ބަޓަފްލައި އިވެންޓްތައް ހިމެނެއެވެ. އޭގެ އިތުރުން 4 ގުނަ 50 މީޓަރުގެ ޝޯޓް ކޯސް މެޑްލީ ރިލޭ އިވެންޓްގައި ވެސް ދުނިޔޭގެ ރެކޯޑް އޮތީ ވެސް ސާރާ އަތުގައެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑަށް ރާއްޖެ އަންނަ މަޝްހޫރު ފަރާތްތަކުން ރާއްޖެއައިން މަޑުކުރުމަށް ހަމަޖެހިފައިވަނީ އެވޯޑްސްގެ ހޮސްޕިޓާލިޓީ ޕާޓްނަރ ކަމުގައިވާ، ކްރޮސްރޯޑްސްގައެވެ.