ކުޅިވަރު

2022 ވަަނަ އަހަރުގެ ވިންޓަރ ޕެރަލިމްޕިކްސް ފަށައިފި


2022 ވަަނަ އަހަރުގެ ވިންޓަރ ޕެރަލިމްޕިކްސް މުބާރާތް ހުޅުވުމުގެރަސްމިއްޔާތު ބެއިޖިންގ ގައި ފަށައިފިއެވެ. ޕެރަލިމްޕިކްސް މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި މުބާރާތުގެ އިސްވެރިންވަނީ ސުލްހައަށް ވަރަށް ބޮޑަށް ގޮވާލާ ވާހަކަ ދައްކާފައެވެ.

ޕެރަލިމްޕިކްސް މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އިންޓަރނޭޝަނަލް ޕެރަލިމްޕިކްސް ކޮމެޓީގެ ރައީސް އެންޑްރޫ ޕަރސަންސް ވަނީ ދުނިޔެއަކީ އެންމެން ގުޅިގެން އުޅެންވީ ތަނެއް ކަމަށާއި ބައިބައިވުމަކަށް ފުރުސަތެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި މިވަގުތު ދުނިޔޭގައި ހިނގަމުންދާ ކަންކަމާމެދު ކަންބޮޑު ވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި 21 ވަނަ ގަރުނަކީ ވާހަކަ ދައްކައިގެން ކަންކަން ނިންމަންޖެހޭ އިރެއް ކަމަށާއި ހަނގުރާމައާއި ރުޅިވެރިކަން އިސްކުރަންވީ އިރެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. ދި އޮލިމްޕިކް ޓްރޫސް – ފޯ ޕީސް ޑިއުރިންގ އޮލިމްޕިކް އެންޑް ޕެރަލިމްޕިކް ގޭމްސް އަކީ އދގެ ގަރާރެއް ކަމަށާއި އެއަށް ހުރިހާ ފަރާތަކުންވެސް އިހްތިރާމް ކޮށް އެއަށް އަމަލުކުރަންވާނެކަމަށްވެސް ޕަރސަންގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ޕަރސަންގެ ވާހަކައާ އޭގެ ކުރިން ބެއިޖިންގ ގައި ހިނގާދިޔަ ކަންތައްތަކާ އަދި މިފަހަރުގެ ވިންޓަރ ޕެރަލިމްޕިކް ގޭމްސްއަށް މިވަނީ ރަޝިޔާއާއި ޔޫކްރެއިންގެ މެދުގައި ހިނގަމުންދާ ހަމަނުޖެހުމުގެ ހިޔަނި ވަރަށް ބޯޑަށް އެޅިފައިވާކަން ހާމަވެއެވެ. އަދި ޕަރސަންގެ ވާހަކައިގައި ހަނގުރާކމައިގެ ވާހަކަ އަންނަބައި ޗައިނާގެ ސްޓޭޓް ބްރޯޑްކާސްޓަރއިން ސެންސަރު ކުރިކަމަށް ދެކެވޭ ވާހަކަ މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބަލަމުން އަންނަކަމަށްވެސް އެފަރާތުން ވަނީ ހާމަކޮށްފައެވެ.

މިފަހަރުގެ މުބާރާތުގައި ރަޝިޔާއިން އަރައިގެން އުޅޭ ޔޫކްރެއިންގެ ވަރުގަދަ ކޮންޓިންގޖެންޓެއް ވަނީ ބައިވެރިކޮށްފައެވެ. މިގޮތުން 54 އެތުލީޓުން މިފަހަރުގެ ގޭމްސްގައި ޔޫކްރެއިން ތަމްސީލް ކުރާނެކަމަށް ވެއެވެ. އަދި ރަޝިޔާ އާއި ބެލަރޫސް ގެ އެތުލީޓުންނަށް ނިއުޓްރަލްސްގެ ގޮތުގައި ބައިވެރިވުމުގެ ހުއްދަ ދިނުމަށްފަހު އެ އެތުލިޓުން ބެއިންޖިންއަށް ދިޔަފަހުން ގިނަ ޤައުމުތަކުގެ ޕެރަލިމްޕިކް ކޮމެޓީ ތަކާއި ސިޔާސީ ފަރާތްތަކުން ހިތްހަމަ ނުޖެހުން ފާޅުކޮށް އެފަރާތްކުގެ ނުފޫޒުން ވަނީ އެއެތުލީޓުންނަށް ފަހުން މުބާރާތުގައި ބައިވެރި ނުވެނޭނެކަން އައިޕީސީއިން ހާމަކޮށްފައެވެ. އައި.ޕީ.ސީ. ގެ މިނިންމުމަށް ރަޝިޔާގެ ޕެރަލިމްޕިކް ކޮމެޓީއިން އެޕީލް ނުކުރާނެކަން އެފަރާތުން ފާހަކުރި ނަމަވެސް އައި.ޕީ.ސީ. ދެފުށް ދެގޮތް ސިޔާސަތަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އަދި ކުޅިވަރުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ މިންވަރު މިކަންތަކުން ވަރަށް ރަނގަޅަށް ހާމަވާކަމަށްވެސް އެފަރާތުން ހާމަކުރެއެވެ.

މަޢުލޫމާތު ލިބޭގޮތުގައި ބެއިޖިންގ ގައި ތިބި ރަޝިޔާ އާއި ބެލަރޫސްގެ އެތުލީޓުން އާދިއްތަ ދުވަހު އެނބުރި އެދެޤައުމަށް ދިއުމަށްވަނީ ހަމަޖެހިފައެވެ.