ކުޅިވަރު

މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ޝޭން މަރުވެއްޖެ


ދުނިޔެ ދުށް އެންމެ ފާހަގަ ކޮށްލެވޭ ކްރިކެޓް ކުޅުންތެރިންގެ ތެރޭގައި ހިމެނުނު އޮސްޓްރޭލިއާގެ ކުރީގެ ކުޅުންތެރިޔާ ޝޭން ވޯން މަރުވެއްޖެއެވެ. އުމުރުން 52 އަހަރުގެ ވޯން މަރުވެފައިވަނީ ބެލެވޭގޮތުގައި ހަރޓް އެޓެކެއް ޖެހިގެންނެވެ.

އޭނާ މަރުވެފައިއޮއްވައި ފެނުނީ އޭނާ މިހާރު ދިރިއުޅޭ ތައިލަންޑްގެ ކޯ ސަމައި ރަށުގައި ހުންނަ އޭނާގެ ވިލާގައި އޮއްވައި ކަމަށް އޭނާގެ މެނޭޖްމަންޓް ކުންފުނިން މަޢުލޫމާތުދެއެވެ. އަދި އޭނާ މައުވެފައިވަނީ ހަރޓް އެޓޭކެއް ޖެހިގެންކަމަށް ބެލެވޭކަމަށް ވެސް ހާމަކޮށްފައިވެއެވެ. ހަމައެއާއެކު މެޑިކަލް ޓީމުން އައިސް އޭނާ ސަލާމަތް ކުރެވޭތޯ ވަރަށް މަސައްކަތް ކުރި ކަމަށާއި އެކަން ކާމިޔާބު ވާގޮތް ނުވީކަމަށްވެސް ހާމަކުރިއެވެ. ވޯންގެ އާއިލާއިން ވަނީ ހިތާމައިގެ މިވަގުތު އާއިލާއަށް ވަކިން ވަގުތު ކޮޅެއް ދިނުމަށް އެދިފައެވެ. އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންވަނީ ވޯން ވަޅުލުން ރަސްމީ އިއްޒަތުގައި ބާއްވާނެކަން ހާމަކުރައްވާފައެވެ.

ވޯން އަކި ކްރިކެޓްގެ ދުނިޔެ ދުއް އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިޔާއެވެ. އޭނާ ބޮޑަށް ފާހަގަ ވެގެން ގޮސްފައިވަނީ އޭނާގެ އުކުމަށެވެ. އޭނާ ވަނީ 15 އަހަރުގެ ބައިނަލްއަޤްވާމީ ކެރިއަރުގައި އޮސްޓްރޭލިއާއަށް ކުޅުނު 145 މެޗްގައި 708 ވިކެޓް ނަގައިދީފައެވެ. ވޯން ވަނީ 1999 ވަނަ އަހަރުގެ 50 އޯވަރުގެ ކްރިކެޓް ވާރލްޑް ކަޕް އޮސްޓްރޭލިއާއަށް ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި 1993 ވަނަ އަހަރާއި 2005 ވަނަ އަހަރާއި ދެމެދު އޭނާ އޮސްޓްރޭލިއާ ޤައުމީ ޓީމަށް ކުޅުނު 194 އެއް ދުވަހުގެ މެޗްތަކުގައި ވަނީ 293 ވިކެޓް ނަގައިދީފައެވެ. 2000 ވަނަ އަހަރު އޭނާވަނީ ޤަރުނުގެ ފަސް ވިސްޑެން ކްރިކެޓް ކުޅުންތެރިންގެ ތެރޭގައިގައިވެސް ހިމެނިގެން ގޮސްފައެވެ.

ވޯން ބައިނަލްއަޤްވާމީ ކްރިކެޓް ކުޅުން ހުއްޓާލާފައިވަނީ 2007 ވަނަ އަހަރު އިންގްލަންޑާއެކު ކުޅުނު އޭޝެސް މެޗްތައް ފަހެއް ސުމަކުން އޮސްޓްރޭލިއާއަށް ކާމިޔާބުކޮށްދިނުމަށްފަހުއެވެ. އަދި އެންމެ މަތީ ފެންވަރުގެ ކްރިކެޓުން އޭނާ ވަނީ ހަމައެއަހަރުގެ ފަހު ކޮޅު ރިޓަޔަރ ކޮށްފައެވެ. ނަމަވެސް 2013 ވަނަ އަހަރާއި ހަމައަށް އޭނާ ޓީ 20 ކްރިކެޓް ކުޅުމުގައި ދެމިހުއްޓެވެ. އަދި އޭގެ ފަހުން ޤަވައިދުން ކޮމެންޓޭޓަރެއްގެ އިތުރުން ކްރިކެޓް އެނަލިސްޓެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވެފައެވެ.