ކުޅިވަރު

ޑިއާޒަށް އަނިޔާވެ މަހެއްހާ ދުވަހު ކުުޅުމާއި ދުރަށް


އިންގްލިޝް ޕްރިމިއަރ ލީގުގެ އެންމެފަހުގެ ޗެމްޕިއަން އަދި މިވަގުތު ތާވަލްގެ އެއްވަނައިގައި އުޅޭ މެންޗެސްޓަރ ސިޓީގެ އިތުބާރު ޑިފެންޑަރ ރުބެން ޑިއާޒަށް އަނިޔާވެ މަހެއްހާ ދުވަހު ކުުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ. ޑިއާޒަށް އަނިޔާވިކަން ހާމަކޮށްފައިވަނީ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް މާދަމާ ކުޅުމަށް ހަމަޖެހިފައިވާ މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓީމުގެ ކޯޗް ޕެޕް ގާޑިއޯލާއެވެ.

ގާޑިއޯލާ ބުނީ ޑިއާޒްގެ ފަލަމަސްގަނޑަށް އަނިޔާވެފައިވަނީ އެންމެފަހުން އެފް އޭ ކަޕްގެ ފަސްވަނަ ބުރުގައި ޕީޓަރބޮރޯ އާއި ދެކޮޅަށް ކުޅުނު މެޗްގައެވެ. އެމެޗްގެ ފުރަތަމަ ހާފްގައި ޑިއާޒް ކުޅުނު ނަމަވެސް ދެވަނަ ހާފްގައި އޭނާ ކުޅެން އަރުވާފައެއް ނުވެއެވެ. މިއަނިޔާގެ ސަބަބުން ޑިއާޒަށް ފަސް މެޗް ގެއްލިގެންދާނެކަމަށް ވަނީ ބެލެވިފައެވެ. އޭގެ ތެރޭގައި ޕްރިމިއަރ ލީގުގެ ތިން މެޗްވެސް ހިމެނެއެވެ. އަދި މިހާރު ލިވަޕޫލާއި ދެމެދުގައި ލީގަށް އޮތް ވާދަވެރިކަން ބޮޑުވެފައިވާ މިދަނޑުވަޅުގައި އޭނާ ނެތުން އެއީ ޓީމަށް ލިބޭނެ ވަރަށް ބޮޑު ހީނަރުކަމެއް ކަމަށް ގާޑިއޯލާ ވެސް ގަބޫލް ކުރެއެވެ. ގާޑިއޯލާ ބުނީ ޑިއާޒަކީ އޭނާގެ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި އޭނާ ނެތުން އެއީ ޓީމުން ބޭނުންވާގޮތެއް ނޫން ކަމަށެވެ. ނަމަވެސް ސީޒަނެއް މިހެން ކުޅޭއިރު އަނިޔާވެސް ވާނެކަމަށާއި މިވަގުތު ސިޓީގައި ތިބީ ފިޓް ދެ ސެންޓްރަލް ޑިފެންޑަރުންކަމަށެވެ.

މާދާމާ ޔުނައިޓޭޑާއި ކުޅޭ މެޗަށްފަހު ސިޓީ ދެން ކުޅެން ހުރި މެޗްތަކުގެ ތެރޭގައި މިއަންނަ ބުދަދުވަހު ޗެމްޕިއަންސް ލީގުގައި ސްޕޯޓިންގ ލިޒްބަން އާއި ދެކޮޅަށް ކޫޅޭ މެޗާއި މާރޗް 14 ވަނަ ދުވަހު ކްރިސްޓަލް ޕެލަސް އާއި ބައްދަލުކުރާ މެޗާއި މާރޗް 19 ވަނަ ދުވަހު އެފް އޭ ކަޕްގެ ކްއާޓާރ ފައިނަލްގައި ސައުތެމްޕްޓަން އާއި ބައްދަލުކުރާ މެޗް ހިމެނެއެވެ.