ވިޔަފާރި

މިދިޔަ މަހު 149،000 ފަތުރުވެރިން ރާއްޖެ އައި - ގިނައީ ރަޝިއާ ފަތުރުވެރިން


މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިއާއިންކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބު ތަކުން ދައްކައިފިއެވެ.

އިމިގްރޭޝަނުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ރާއްޖެއަށް 149،011 މީހުން އައިސްފައިވެއެވެ. އެއް ދުވަހެއްގެ ތެރޭ މިދިޔަ އެންމެ ގިނަ މީހުން ރާއްޖެ އައިސްފައިވަނީ ފެބްރުއަރީ 12 ވަނަ ދުވަހު ކަމަށްވާއިރު އެދުވަހު 7611 މީހުން ރާއްޖެ އައިސްފައިވެއެވެ. މިއީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވުމަށްފަހު އެއް ދުވަހުގެ ތެރޭ އެންމެ ގިނަ ފަތުރުވެރިން ރާއްޖެއައި ދުވަހެވެ.

މީގެ ތެރެއިން އެންމެ ގިނަ މީހުން އައިސްފައިވަނީ ރަޝިއާއިންނެވެ. ރަޝިއާއިން މިދިޔަ މަހު އެކަނިވެސް، 20،082 ރާއްޖެ އައިސްފައިވެއެވެ. ރަޝިއާއިން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިދިޔަ މަހުގެ 19ވަނަ ދުވަހުއެވެ. އެދުވަހު ރަޝިއާއިން 1200އަށް ވުރެ ގިނަ ފަރުވެރިން އައިސްފައިވެއެވެ.

މިދިޔަ މަހުގެ ޢަދަދުތަކަށް ބަލާއިރު ދެން އެންމެ ގިނަ މީހުން އައީ އިނގިރޭސިވިލާތުންނެވެ. އިނގިރޭސި ވިލާތުން 18000އަށްވުރެ ގިނަ މީހުން އައިއިރު، އެ ޤައުމުން މިދިޔަމަހު 12ވަނަ ދުވަހު އެކަނިވެސް، 1400އަށްވުރެ ގިނަ މީހުން އައިސްފައިވެއެވެ. ފެބްރުއަރީ މަހު ތިންވަނަ މާކެޓުގެ ގޮތުގައި ހިފެހެއްޓީ މިދިޔަ މަހުގެ އެންމެ ވަރުގަދަ މާކެޓުގެ ގޮތުގައި އޮތް އިނޑިއާ މާކެޓެވެ. އެ މާކެޓުން ރާއްޖެއަށް 14000އަށްވުރެ ގިނަ ފަރުވެރިން އައެވެ.

ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު މިވަގުތު މާބޮޑު އަސަރެއްކޮށްފައި ނުވިނަމަވެސް، ރަޝިއާއި ޔޫކްރެއިން ދެމެދު މިވަގުތު ހަނގުރާމައެއް ފެށިފައިވުމުން ކުރިއަށް އޮތް ދުވަސްތަކުގެ މި މާކެޓަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވެއެވެ. ހާއްސަކޮށް ރާޢްޖޭގެ އެއްވަނަ މާކެޓު ގޮތުގައި މިވަގުތު ރަޝިއާއޮތް އިރު، ހުޅަނގުގެ ޤައުމުތަކުން އަޅާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރުކޮށް ރަޝިއާއަށް ވައިގެ ދަތުރުތައް ދަނީ މަނާ ކުރަމުންނެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިން އަދަދުތައް މިވަގުތު ރަނގަޅުވެފައިވާއިރު، ރާއްޖެއަށް އަންނަ ފަރާތްތަކަށް މިހާރު މިވަނީ ޕީސީއާރް ޓެސްޓު ހެދުމުގައި ލުއި ދީފައެވެ. އެގޮތުން ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކުން ރާއްޖެ އަންނަ އިރު 72 ގަޑިއިރު ނުވާ ޕީސީއާރް ޓެސްޓެއް ހުށަހަޅަން ނުޖެހޭ ގޮތަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގެ ފަތުރުވެރިކަމަށް އަތުވެދާނެ ބަދަލުތަކަށް ބަލައި އެމްއެމްޕީއާރްސީން ދަނީ އެހެން މާކެޓުތަކުގައިވެސް ރާއްޖެ އިސްތިހާރު ކުރަމުންނެވެ.