ޔޫކްރެއިނުގައި ޙަމަލާބަދަލުކުރުން މަނާ ސަރަޙައްދުތަކެއް ކަނޑައަޅަން ނިންމައިފިއެވެ.
ޔޫކްރެއިނާއި ރަޝިޔާއާ ދެމެދު ބާއްވައި ޞުލްޙައިގެ މަޝްވަރާތަކުގެ ދެވަނަ ބުރުގައި އެ ދެ ޤައުމުންވަނީ ޙަމަލާބަދަލުކުރުން މަނާ ސަރަޙައްދުތަކެއް ކަނޑައަޅައި ރައްކާތެރިކަން ހޯދުމަށް ޢާއްމުންނަށް ޤައުމުން ބޭރަށް ދަތުރުކުރެވޭނެ ގޮތްތަކެއް އިންތިޒާމުކުރުމަށް އެއްބަސްވެފައެވެ. އަވަށްޓެރި ބެލަރޫސްގައި ބޭއްވި މަޝްވަރާތަކަށްފަހު ޔޫކްރެއިނުން ބުނެފައިވަނީ ޢާއްމުންނަށް ޤައުމުން ބޭރަށް ދަތުރުކުރެވޭނެ ގޮތްތަކެއް އިންތިޒާމުކުރުމަށް ރަޝިޔާއާއެކު އިތުރަށް ވާހަކަދައްކާނެކަމަށެވެ. އަދި އެ މަޝްވަރާތަކުގައި ޙަމަލާބަދަލުކުރުން މަނާ ސަރަޙައްދުތަކެއްވެސް ކަނޑައަޅާނެކަމަށް އެ ޤައުމުން ބުނެފައިވެއެވެ. ދެވަނަ ބުރުގެ މަޝްވަރާތަކަށްފަހު ރަޝިޔާއިން ބުނެފައިވަނީ އެންމެ މުޙިއްމު އިސްކަމެއް ދޭން ނިންމާފައިވަނީ ޢާއްމުންގެ ފުރާނަ ސަލާމަތްކުރުމަށާއި ދެ ޤައުމުގެ ދެމެދުގައި ސިޔާސީގޮތުން ގުޅުންބަދަހިކުރުމަށްކަމަށެވެ. އަދި ދެ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ނިންމުންތަކެއް ނިންމޭނެކަމާމެދު ކުރަމުންދާ އުއްމީދަށް ކުރިއެރުންތަކެއް ލިބިފައިވާކަމަށް ރަޝިޔާއިން ބުނެފައިވެއެވެ.
ޔޫކްރެއިނާއި ރަޝިޔާއާ ދެމެދު ބާއްވައި ޞުލްޙައިގެ މަޝްވަރާތަކުގެ ތިންވަނަ ބުރެއް ބޭއްވުމަށް އެއްބަސްވި ނަމަވެސް އެ ބައްދަލުވުން ބާއްވާނެ ތަނަކާއި ދުވަހެއް އަދި ނިންމާފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި ތިންވަނަ ބުރުގެ މަޝްވަރާތައްވެސް ބާއްވާނީ ބެލަރޫސްގައެވެ.