ވިޔަފާރި

ސަވާދީއްތަ ދަތުރުގެ 2 ވަނަ އެޑިޝަން އަންނަ އަހަރު ބާއްވަނީ


ރާއްޖޭގައި ބޭއްވި ފުރަތަމަ ޔޮޓް ރެލީ "ސަވާދީއްތަ ދަތުރު" ގެ ކާމިޔާބީއަށްފަހު ސަވާދީއްތަ ދަތުރުގެ 2 ވަނަ އެޑިޝަން ބޭއްވުމަށް އެމްއައިޓީޑީސީން ނިންމައިފިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ މުނާޞަބަތާއި ގުޅުވައިގެން އެމް.އައި.ޓީ.ޑީ.ސީއާއި މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ގުޅިގެން ސަވާދީއްތަ ދަތުރު ބާއްވާފައިވަނީ މިދިޔަ މަހުގެ 5 ވަނަ ދުވަހުން 20 ވަނަ ދުވަހަށެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރާއިދު ވިދާޅުވީ، ސަވާދީއްތަ ދަތުރު ފެށިއިރުވެސް އަމާޒަކަށްވީ މިއީ ސިލްސިލާކޮށް ކުރިއަށްގެންދެވޭ ހަރަކާތަކަށްވުންކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ތެރޭގައި ސަވާދީއްތަ ދަތުރުގެ 2 ވަނަ އެޑިޝަން އަންނަ އަހަރު އޮންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ސަވާދީއްތަ ދަތުރު ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދިއުމަށްޓަކައި ހަމަ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އަމާޒު ހިފައިގެން އަޅުގަނޑުމެން ފެށި ދަތުރެއް. އިރާދަކުރެއްވިއްޔާ ސަވާދީއްތަ ދަތުރުގެ 2 ވަނަ އެޑިޝަން 2023 ގައި ކުރިއަށްގެންދިއުމަށްޓަކައި އަޅުގަނޑުމެން މިހާރު ވާނީ އިއުލާންކޮށްފައި." ރާއިދު ވިދާޅުވިއެވެ.

ރާއިދު ވިދާޅުވީ، މި ދަތުރުގެ ތެރެއިން ރާއްޖޭގެ 6 ރަށަކަށް އެ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށެވެ. ދަތުރުގެ ތެރެއިން ފަތުރުވެރިންނަށް އެ ރަށްރަށުން ލިބިގެންދިޔައީ ދިވެހިންގެ މެހެމާންދާރީއާއި، ދިވެހިންގެ ރީތި އުޅުމާއި، ދިވެހިންގެ ވައްޓަފާޅިއާއި ދިވެހިން ކެއިންބުއިމަށް ބޭނުންކުރަމުންދާ ތަކެއްޗާއި ދިވެހިންގެ ހެދުން އެޅުމާއި، ދިވެހިންގެ ގެދޮރު ބިނާކުރެވިފައި މިހުރި ގޮތްތަކާއި މިކަންކަން ފަތުރުވެރިންނަށް ފެނިގެން ހިނގައްޖެކަމަށެވެ.

ރާއިދު ވިދާޅުވީ، ސަވާދިއްތަ ދަތުރުގެ ފުރަތަމަ އެޑިޝަން ނިންމާލީ ވަރަށް ކާމިޔާބުކަމާއިއެކުގައިކަމަށެވެ. އެގޮތުން ދަތުރުގައި ބައިވެރިވި 7 ޔޮޓް ދަތުރު ނިމުމާއި ހަމައަށްވެސް ބައިވެރިވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ކާމިޔާބުކަމާއިއެކު އަޅުގަނޑުމެންނަށް ދަތުރުގެ މަޤްސަދު ހާސިލްވި. ދަތުރުގައި އަޅުގަނޑުމެންނާއިއެކު ފެށި 7 ޔޮޓް ހަމަ ދަތުރުގެ އެންމެ ފަހު މަންޒިލާއި ހަމައަށްވެސް ތިއްބެވި. މި 7 ޔޮޓްގައި ދުނިޔޭގެ ތަފާތު 9 ޤައުމެއްގެ ރައްޔިތުން ތިބި. އެހެންވީމަ 21 ދުވަސް ކަނޑުމަތީގައި އެމީހުންނާއިއެކީގައި އެހޭދަކުރުމަކީ ކުޑަކަމެއް ނޫން." ރާއިދު ވިދާޅުވިއެވެ.

ރާއިދު ވިދާޅުވީ، ސަވާދިއްތަ ދަތުރުގެ ކާމިޔާބީއަށް ބެލުމަށްފަހު ލަންކާގައިވެސް ސެއިލިން ޓޫރިޒަމް ކުރިއަރުވަން އެޤައުމުން ބޭނުންވާކަމަށެވެ. އެގޮތުން ރާއްޖެއާއި ލަންކާއާއި ދެމެދުގައި މިފަދަ ސެއިލިންގ ހަރަކާތެއް ބޭއްވުމަށް ލަންކާއިން އެދިފައިވާކަމަށް ރާއިދު ވިދާޅުވިއެވެ.