ޚަބަރު

ރަޝިޔާއާ ދެކޮޅަށް ޗައިނާއިން ވޯޓެއް ނުދޭނެ، ފިޔަވަޅެއްވެސް ނާޅާނެ


ޔޫކްރެއިނަށް ދެމުންދާ ޙަމަލާތައް ހުއްޓާލައި އެ ޤައުމުން ރަޝިޔާގެ ފައުޖުތައް ފޭބުމަށް ގޮވާލައި އދގެ ޢާއްމު މަޖިލީހުން ފާސްކުރި ޤަރާރަށް ޗައިނާއިން ވޯޓުދިނުމަށް ދެކޮޅުހަދައިފިއެވެ.

ރަޝިޔާއާ ދެކޮޅަށް 193 މެންބަރު ޤައުމުގެ މައްޗަށް އެކުލެވޭ ޢާއްމު މަޖިލީހުން ޤަރާރެއް ފާސްކޮށްފައިވަނީ 141 ވޯޓުންނެވެ. އެ ޤަރާރާ ދެކޮޅަށް ވޯޓުދީފައިވަނީ ރަޝިޔާއާއި ބެލަރޫސްސާއި އުތުރު ކޮރެޔާއާއި ސޫރިޔާއާއި އެރިތުރިޔާއެވެ. ޗައިނާ ހިމެނެނީ ވަކިކޮޅަކަށް ވޯޓުނުދޭ 35 ޤައުމުގެ ތެރޭގައެވެ.

ރަޝިޔާއާ ދެކޮޅަށް ޤަރާރެއް ފާސްކުރުމަށް ޢާއްމު މަޖިލީހުން ބާއްވާފައިވަނީ ކުއްލި ބައްދަލުވުކެވެ. ޢާއްމު މަޖިލީހުން އެންމެ ފަހުން ކުއްލި ބައްދަލުވުމެއް ބާއްވާފައިވަނީ 1982ވަނަ އަހަރުގެ ތެރޭގައެވެ.

ޗައިނާއިން އދއަށް ކަނޑައަޅާފައިވާ މަންދޫބު ޝާން ޖުން ވިދާޅުވީ ޤަރާރާ އެއްކޮޅަށް އެ ޤައުމުން ވޯޓުނުދިނީ ޤަރާރު ހުށަހެޅުމުގެ ކުރިން ޢާއްމު މަޖިލީހުގެ މެންބަރު ޤައުމުތަކާ މަޝްވަރާކޮށްފައިނުވާތީއެވެ. އޭގެ އިތުރުން ދުނިޔޭގެ ތާރީޚަށާއި ސަލާމަތާއި މަޝްވަރާކޮށްގެން ދެބަސްވުންތައް ނައްތާލުމަށް އެ ޤަރާރުގައި އަލިޢަޅުވާލާފައިވާނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެއީ ޗައިނާއިން ސިޔާސަތުތަކާ ޚިލާފަށް ފާސްކުރި ޤަރާރެއްކަމަށާއި ހުޅަނގުގެ ޤައުމުތަކުން ރަޝިޔާއަށް އަޅަމުންދާ ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ޗައިނާއިން ބައިވެރިނުވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން ރަޝިޔާއާ ދެކޮޅަށް އދގެ ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ޤަރާރަށް އެ ޤައުމުންވަނީ ހުރަސްއަޅައިފައެވެ. އަދި ފަނަރަ މެންބަރު ޤައުމުގެ މައްޗަށް އެކުލެވޭ ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު ޤަރާރަށް ވޯޓޫދިނުމަށް ޗައިނާއާއި އިންޑިޔާއާއި ޔޫއޭއީންވަނީ ދެކޮޅުހަދައިފައެވެ.