ކުޅިވަރު

ޗެލްސީ ވިއްކާލަން އެކްލަބްގެ އޯނަރު އަބްރަމޮވިޗް ނިންމައިފި


އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެލްސީ ވިއްކާލަން އުޅޭކަން އެކްލަބްގެ ރަޝިޔާ އޯނަރު ރޯމަން އަބްރަމޮވިޗް ހާމަކޮށްފިއެވެ. އޭނާ މިކަން ހާމަކޮށްފައިވަނީ އެކްލަބްގެ ވެބްސައިޓްގައި އާންމުކުރި ބަޔާނެއްގައެވެ.

އަބްރަމޮވިޗްގެ ބަޔާނުގައި ބުނީ އޭނާގެ މިނިންމުމަކީ އޭނާއަށް ނިންމަން ވަރަށް އުނދަގޫވި ނިންމުމެއް ކަމަށާއި އަދި އެކަމާ އޭނާ ހިތާމަ ކުރާކަމަށެވެ. އަބްރަމޮވިޗް ބުނީ އޭނާ ޗެލްސީއަށް ދީފައިވާ ލޯނުގެ އެއްވެސް އަދަދެއް ދައްކަން ކްލަބަށް ނާންގާނެ ކަމަށާއި އަދި މިކްލަބް ވިއްކާލައިގެން ލިބޭ ފައިސާ ހަދިޔާ ކުރުމަށް ނިންމާފައިވަނީ ހަނގުރާމައިގައި ހާލުގައި ޖެހޭ މީހުންނަށް އެހީވުމަށެވެ. މަޢުލޫމާތުލިބޭގޮތުގައި އޭނާ ނިސްބަތް ކޮށްފައިމިވަނީ ރަޝިޔާ އާއި ޔޫކްރެއިންގެ މެދުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުމުގެ ވާހަކައަށް ކަމަށް ބެލެވެއެވެ. ޗެލްސީ ވިއްކާލަން ނިންމުމުގެ ކުރިން އެކްލަބް ހިންގުން ޗެލްސީގެ ޓްރަސްޓީސް ފައުންޑެޝަނާއި ހަވާލުކުރުމަށްވެސް އޭނާވަނީ ހުށަހަޅާފައެވެ. އަބްރަމޮވިޗްވަނީ ޗެލްސީގެ ލޯންގެ ގޮތުގައި އެކެއް ޕޮއިންޓް ފަހެއް ބިލިއަން ޕައުންޑް ދީފައެވެ.

ކްލަބް ވިއްކާލަން އުޅޭކަމުގެ ހަބަރާއެކު ސްވިޓްޒަލަންޑަށް ނިސްބަތްވާ މަހުޖަނެއްކަމަށްވާ ހާންސްޔޯގް ވީސްއަށް ޗެލްސީ ގަތުމުގެ ހުށަހެޅުން އައިސްފައިވާކަން ވަނީ ސްވިޓްޒަލަންޑްގެ ނޫސްތަކުން ހާމަކޮށްފައެވެ. ވީސް ބުނެފައިވަނީ އަބްރަމޮވިޗް ބޭނުންވަނީ ޗެލްސީ ވީހާވެސް އަވަހަކަށް ވިއްކާލަން ކަމަށެވެ. އެންމެ ބޮޑު އެއްސަބަބަކަށް ވެފައިވަނީ ރަޝިޔާއިން ޔޫކްރެއިންއަށް އެރުމާއި ގުޅިގެން އަބްރަމޮވިޗާއި ދެކޮޅަށްވެސް ދަތިކުރުމުގެ ފިޔަވަޅު އިނގިރޭސިވިލާތުން އަޅަފާނެކަމަށް ބެލެވިފައިވުމުންނެވެ.

ގިނަ ފަރާތްތަކުން ބުނަނީ އަބްރަމޮވިޗްއަކި ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕޫޓިން އާއި ގާތް ގުޅުމެއް އޮންނަ ބޭފުޅެއްކަމަށެވެ. ނަމަވެސް އެކަން އަބްރަމޮވިޗް އަންނަނީ ދޮގު ކުރަމުންނެވެ. މަޢުލޫމާތު ލިބޭގޮތުގައި ޗެލްސީ ގަތުމަށް މިހާރުވެސް ބައެއް އޮފަރ ލިބިފައިވެއެވެ. އަބްރަމޮވިޗް ޗެލްސީ ވިއްކާލަން ބޭނުންވަނީ 3 ބިލިއަން ޕައުންޑަށްކަމަށް ވެއެވެ.