ކުޅިވަރު

ވައިޕާސް މޮޅުވަމުން އައި ސިލްސިލާ އަށް ރޯޔަލްސް އިން ނިމުން ގެނެސްފި


ގައުމީ ބާސްކެޓްބޯޅަ ލީގުގެ ފުރަތަމަ ޑިވިޝަންގައި ދި ބައުސް އާއި ޓީރެކްސް މުހިންމު މޮޅެއް ހޯދައިފި. މީގެއިތުރުން ދެ ވަނަ ޑިވިޝަންގައި ވައިޕާސްގެ މޮޅުވުމުގެ ސިލްސިލާ އަށް ރޯޔަލްސް އިން ވަނީ ނިމުން ގެނެސްފަ.
ގައުމީ ބާސްކެޓް މުބާރާތުގެ ފިރިހެން ބައިގެ ދެ ވަނަ ބުރުގެ މެޗުތައް މިހާރު ކުރިއަށްދާއިރު ދެ ވަނަ ޑިވިޝަނާއި ފުރަތަމަ ޑިވިޝަންގެ ފޯރި ވަނީ ގަދަވެފަ. މި ހަފްތާގައި ކުޅޭ މެޗުތަކުން ގައުމީ މުބާރާތަށް ކޮލިފައިވާނެ ޓީމުތައް ކަށަވަރުވާނެ.
މުބާރާތުގެ ފުރަތަމަ ޑިވިޝަންގައި އިއްޔެ ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރީ ބައުސް. ރެޑްވިންގްސްއާ ވާދަކޮށް ބައުސް މެޗު ކާމިޔާބުކުރީ 86-95 ޕޮއިންޓުން. މެޗުގެ ފުރަތަމަ ދެ ކުއާޓާ ނިމުނުއިރު ދެ ދެޓީމް ވަނީ އެއްވަރުވެފަ. ނަމަވެސް ތިންވަނަ ކުއާޓާ ނިމުނުއިރު، އެއް ޕޮއިންޓުން ރެޑްވިންގްސް ކުރިހޯދި. އަދި ފަހު ކުއާޓާގައި ބައުސްގެ ބިދޭސީ ކުޅުންތެރިޔާ ރޮބިންސަންގެ މޮޅު ކުޅުމާއެކު ބައުސް އިން ތަފާތު ދެއްކި. މި މެޗުގެ މޮޅު ކުޅުންތެރިއަކީވެސް ރޮބިންސަން ފޮރެސްޓު. އޭނާ ވަނީ އެ ޓީމަށް 48 ޕޮއިންޓް ހޯދައިދީފަ. ރެޑްވިންގްސްގެ ތޯމަސް މަލިކު ހޯދައިދިނީ 29 ޕޮއިންޓު. އެ ޓީމުގެ ހަސަން ނަދީމް ވަނީ 18 ޕޮއިންޓް ހޯދައި މެޗުގައި ރަނގަޅު ކުޅުމެއް ދައްކައިފަ.
ގައުމީ ބާސްކެޓް ލީގުގެ ދެ ވަނަ ބުރުގައި ޓީރެކްސް އިން ވަނީ ސްޓިންގާސް ބަލިކޮށް ލީގު ހޯދުމުގެ އުންމީދު ދަމަހައްޓައިފަ. ސްޓިންގާސް އަތުން ޓީރެކްސް މޮޅުވީ 80-72 ޕޮއިންޓުން. މެޗުގެ ފުރަތަމަ ތިން ކުއާޓާގައި ވެސް ކުރި ހޯދީ ޓީރެކްސްއިން. ފަހު ކުއާޓާގައި ސްޓިންގާސް އިން ކުޅުން ރަނގަޅުކޮށް ޓީރެކްސް އަށް ވުރެ އިތުރަށް ޕޮއިންޓް ހޯދި ނަމަވެސް ޓީރެކްސް އަތުން މޮޅުވެވޭ ގޮތެއް ނުވި.
ޓީރެކްސްގެ ފިލިޕް ވުކޮސަވްޔެވިކް އެ ޓީމަށް 24 ޕޮއިންޓް ހޯދައިދިންއިރު، އަފްޝަން ރަޝާދާއި އިސްމާއިލް ފަރުހާން ކޮންމެ ކުޅުންތެރިއަކު ވަނީ އެ ޓީމަށް 14 ޕޮއިންޓް ހޯދައިދީފަ. ސްޓިންގާސް އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އަހުމަދު އަލީ މުސްތަފާ. އޭނާ އެ ޓީމަށް 22 ޕޮއިންޓް ހޯދައިދިން.
މުބާރާތުގެ ދެ ވަނަ ޑިވިޝަންގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ރޯޔަލްސް ވަނީ ވައިޕާސް އަތުން މުހިންމު މޮޅެއް ހޯދާފަ. ރޯޔަލްސް މެޗު ކާމިޔާބުކުރީ 59-67 ޕޮއިންޓުން. ފުރަތަމަ ދެ ކުއާޓާ ނިމުނުއިރު ވައިޕާސް އޮތީ އަށް ޕޮއިންޓްގެ ތަފާތުން ކުރީގަ. ނަމަވެސް ފަހު ދެ ކުއާޓާގައި ވައިޕާސް އަށްވުރެ 16 ޕޮއިންޓް އިތުރަށް ހޯދައި ރޯޔަލްސް މެޗު ކާމިޔާބުކުރި.
މިއީ ލީގު ހޯދުމަށް ރޯޔަލްސް ކުރަމުން އަންނަ މަސައްކަތަށް ލިބުނު ކުރިއެރުމެއް. ލީގުގެ ގްރޫޕް ސްޓޭޖު ބުރުގައި ވައިޕާސް އަތުން ރޯޔަލްސް ވަނީ ބަލިވެފަ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ރޯޔަލްސްގެ އަލްދާން އައިކް ރަމީޒް ވަނީ އެ ޓީމަށް 27 ޕޮއިންޓް ހޯދައިދީފަ. ވައިޕާސް އަށް ބަލާއިރު އެ ޓީމްގެ ޔޫސުފް އަވާން 16 ޕޮއިންޓް ހޯދައިދިން އިރު، މުހައްމަދު އައްޝަމް އެ ޓީމަށް 10 ޕޮއިންޓް ހޯދައިދިން.
މުބާރާތުގައި މިއަދު ވެސް ތިން މެޗެއް ކުޅޭނެ. އަންހެން ޑިވިޝަންގައި ސައިކްލޯން އާއި އެލީޓް ވާދަކުރާއިރު، ކުއީންސް ނުކުންނާނީ ބެންޗާ ދެކޮޅަށް. އަދި މިރޭ ފުރަތަމަ ޑިވިޝަންގެ އެންމެ ފަހުގެ ޗެމްޕިއަން ކިންގްސް ނުކުންނާނީ ރެޕްޓާސްއާ ދެކޮޅަށް.