ޚަބަރު

ގައިދީން ރަނގަޅު ފަރުދުންގެ ގޮތުގައި މުޖުތަމައަށް ނެރުމުގެ ބޮޑު ތަސައްވުރެއް


ތަފާތު އެކި ކުށްތަކުގައި ޖަލަށްލެވޭ މީހުންނަކީ، ތާއަބަދު ޖަލުގައި ތިބެންޖެހޭ މީހުންކަމަށް ދެކޭދެކުމަށް ބަދަލުގެނެސް، އެމީހުންނަކީ މުޖުތަމައަށް ބޭނުންތެރި ރަނގަޅު ފަރުދުންތަކަށް ހެދުމުގެ ޚާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ.

ޖަލުތަކުގައި ތިބޭ ގައިދީންގެ ތެރެއިން އެކި ކުށްތަކުގައި ޖަލަށް ލެވިފައިވާ މީހުންނަށް ރިހެބިލިޓޭޝަން ޕްރޮގުރާމުތައް ހިންގައި އޭގެ ނަތީޖާއަކަށް ދިއުމަށް މީގެ ކުރިންވެސް ވަނީ މަސައްކަތްތަކެއް ކުރެވިފައެވެ. ކުރިން ހިންގިފައިވާ ޕްރޮގުރާމުތަކުގެ މަޤްސަދަކަށް ވެފައިވަނީ ޖަލުގައި ތިބޭއިރު ގައިދީންގެ އަޚްލާގު ރަނގަޅު ކުރުމާއި، އެންމެ އަސާސީ ކަންކަން ގައިދީންނަށް ދަސްކޮށް ދިނުމެވެ.

ޖަލުގައި ހިންގޭ ރިހެބިލިޓޭޝަން ޕްރޮގުރާމުތަކަށް ބަދަލު ގެނެސް ކުދި ކުށްތަކުގައި ނުވަތަ މަދު އަހަރުތަކަށް ޖަލަށްލެވޭ މީހުންނަށް ޚާއްސަކޮށްގެން ޕްރޮގުރާމުތައް ހިންގައި އަލުން މުޖުތަމައަށް ނެރެވޭނެ ފުރުސަތު ތަނަވަސް ވާނެ ގޮތަކަށް ވަނީ މި ޕްރޮގުރާމަށް ބަދަލު ގެނެސްފައެވެ.

ކަރެކްޝަނުން ވަނީ ޖަލުގައި ތިބި ގައިދީންނަށް އަމާޒުކޮށްގެން 5 ބާވަތެއްގެ ރިހެބިލިޓޭޝަން ޕްރޮގުރާމު ހިންގުމަށް ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޑްރަގު ރިހެބިލިޓޭޝަންގެ ޕްރޮގުރާމާއި، ޓެރަރިޒަމްގެ ކުށްތަކުގައި ޖަލުގައި ތިބި މީހުންނަށް ހިންގޭ ޕްރޮގުރާމާއި، ޖިންސީއެކި ކުށްތަކުގައި ޖަލުގައި ތިބި މީހުންނަށް ހިންގޭ ޕްރޮގުރަމާއި، ޖަލުގައި ތިބި ކުޑަކުދިންނަށް ހާއްސަ ޕްރޮގުރާމުގެ އިތުރުން ކުދި ކުށްކުރާ މީހުން ޚާއްސަ ރިހެބިލިޓޭޝަން ޕްރޮގުރާމެވެ.

މީގެ ތެރެއިން މިހާރު ޖަލުގައި ފަށާފައިވަނީ މަސްތުވާތަކެތީގެ މައްސަލައިގައި ހުކުމްކޮށްފައި ޖަލުގައި ތިބޭ ގައިދީންނަށް ޚާއްސަ ޕްރޮގުރާމެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި ނެޝަނަލް ޑްރަގް އެޖެންސީ ގުޅިގެން ކުރިއަށްގެންދާ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހި ޖަލުގައި ތިބި ގައިދީންނަށް ޚާއްސަކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ އެންމެ ބޮޑު މަގްސަދަކީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާދިނުމަށްފަހު މުޖުތަމައުއަށް ނިކުންނައިރު އެ ފަރާތްތަކުގެ ކުރިމަގު އުޖާލާވެގެން ދިއުމެވެ.

ކަމިޝަނަރ އޮފް ޕްރިޒަން އަހުމަދު މުހައްމަދު ފުޅު ވިދާޅުވީ، މި ޕްރޮގުރާމުތަކުގެ މައިގަނޑު މަގުސަދަކީ ޖަލަށްލެވޭ ކޮންމެ މީހަކީ ހުކުމް ނިމެންދެން ޖަލުގައި އޮންނަން މީހަކަށް ނަހަދައި، މުޖުތަމައަށް ބޭނުންތެރި މީހަކަށްވެ، އަލުން މުޖުތަމައަށް ނެރެވޭނެ މަގު ފަހިކޮށް ދިނުންކަމަށެވެ.

"އަޅުގަނޑުމެން މިކުރާ ރިހެބިލިޓޭޝަން ފުރިހަމަ ވެގެންދާނީ އާއިލާތަކައި އަޅުގަނޑުމެންނާއި ގުޅުންހުރި ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއި އެހީތެރިކަމާއިއެކު. ވަކިން ޚާއްސަކޮށް ގައިދީން އަލުން އަބުރާ މުޖުތަމައަށް ނެރޭއިރު އާއިލާގެ ފަރާތުން އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑުމެން އުންމީދުކޮސްގެން މިތިބީ. އޭރުން މިކަމަށް ދާއިމީ ހައްލެއް ލބިގެންދާނެ. އަޅުގަނޑުމެންގެ މަޤްސަދަކީ ޖަލުގައި ތިބި ގައިދީން ރަނގަޅު ފަރުދުންގެ ގޮތުގައި ހަދާ އަނބުރާ މުޖުތަމައަށް ނެރެން މަސައްކަތް ކުރުން." އަހުމަދު ވިދާޅުވިއެވެ.

މިފަހަރުގެ ޕްރޮގުރާމުގައި 40 ގައިދީން ވަނީ ބައިވެރިކޮށްފައެވެ. އަދި މިހާރުވަނީ އެގައިދީންގެ އިނީޝަލް އެސެސްމަންޓެއް ހަދަމުންދާކަމަށް ސީޕީ ވިދާޅުވިއެވެ. ކަރެކްޝަންގެ އަމާޒަކީ ޖަލަށްލެވޭ މީހުންނަށް މުޖުތަމައަށް ޚިދުމަތް ކުރެވޭނެ ފުރުސަތުތަކެއް ތަނަވަސް ކުރުންކަމަށާއި، އެކަން މި ޕްރޮގުރާމުގެ ތެރެއިން ގިނަ ގައިދީންނަށް ލިބިގެންދާނެކަމަށް ސީޕީ ވިދާޅުވިއެވެ.

ކަރެކްޝަނުން ވަނީ ގައިދީންނަށް ހިންގޭ މި ޕްރޮގުރާމުތަކުގައި ތަމްރީން ދެވޭ ގައިދީންގެ ތެރެއިން ފާހަގަކޮށްލެވޭ ގައިދީންނަށް އަލުން މުޖުތަމައަށް ނެރުމަށްޓަކައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކާއިއެކު އާމްދަނީއެއް ލިބޭނެ ގޮތަށް ރިހެބިލިޓޭޝަންގެ މުއްދަތެއް ކަނޑައަޅައި މަސައްކަތް ކުރެވޭނެ މަގުވެސް ތަނަވަސްކޮށްފައެވެ. މިފުރުސަރު ރިހެބިލިޓޭޓް ކުރެވޭ ގައިދީންނަށް ދިން ނަމަވެސް މީގެ އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ ގައިދީންގެ އާއިލާތަކަށް ކަމުގައި ސީޕީ ވިދާޅުވިއެވެ.

ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން މުޖުތަމަޢުގެ ތެރޭގައި ހިނގާ ކުށްތަކަށް ހައްލެއް ލިބިގެންދާނެއެވެ. އަދި މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމުން މުޖުތަމައު ތެރެއިން ފުރުސަތުތައް ފަހިވެގެންދާނެއެވެ.