ވިޔަފާރި

އައްޑޫ ކުކުޅު ފާމްގެ މަސައްކަތް ފަށައި، ދިރޭ ކުކުޅު ވިއްކަން ފަށައިފި


އައްޑޫގައި ޕައުލްޓްރީ ފާމެއް ޤާއިމުކޮށް ދިރޭ ކުކުޅު އާލާކޮށް ވިއްކުމުގެ މަސައްކަތް އައްޑޫ ކުންފުންޏަކުން ފަށައިފިއެވެ.

މާރިޗުމަހުން ފެށިގެން ދިރޭ ކުކުޅު ވިއްކުމުގެ މަސައްކަތް ފަށާއިރު މިކަމަށްޓަކަައި ހިތަދޫ ބަނދަރުގައި ބީޓެކު ކުންފުނިން ހިންގާ މަސް މާރުކޭޓުގައި މިކަމަށްޓަކައި ރަސްމީއްޔާތެއް ވަނީ ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު އަދި ކައުންސިލް މެންބަރުންގެ އިތުރުން އައްޑޫގެ ކުރީގެ މޭޔަރ ހައިސިއްޔަތުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ސޯދިޤްވެސް ބައިވެރިވެވަޑައިގަތެވެ.

ދިރޭ ކުކުޅު ވިއްކަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އައްޑޫސިޓީ މޭޔަރ އަލީ ނިޒާރު ވިދާޅުވީ، މިފަދަ ވިޔަފާރި ފުޅާކުރުމަށް އައްޑޫއަށް ދިރޭ ތަކެތި ގެނައުމުގައި މިހާރު މާބޮޑެތި ހުރަސްތަކެއް ނެތް ކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ކަރަންޓީން ފެސިލީޓީއެއްވެސް އެއްކޮށް ޤާއިމުކޮށް މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށް ނިޒާރު ވިދާޅުވިއެވެ.

" އިންޓަނޭޝަނަލް ކަނެކްޝަން ކަނޑުގެ މަގުންވެސް ވައިގެ މަގުންވެސް އައްޑޫއަށް އެބަ އޮވޭ. އެހެންވީމަ ގެންނަން ޖެހޭ ސާމާން ގެނައުމުގައި އަދި އެއްވިއަސް ވަސީލަތެއް ގެނައުމުގައި އެއްވެސް ހުރަހެއް ނެތް. އުއްމީދަކީ މިފަދަ ވިޔަފާރިތައް އައްޑޫ ފުޅާވެގެން ދިއުން. އުއްމީދު ކުރަނީ ކުރިއަށް އޮތް ދެތިން މަސް ތެރޭ ކަރަންޓީނު ފެސިލިޓީވެސް ޤާޢިމުވެގެން ދާނެ ކަމަށް. އެހާ ހިސާބުން، އެއްވެސް ހުރަހެއް އައްޑޫއަށް ދިރޭ ތަކެތި ގެނައުމުގައި ނުވަތަ ގުޅުން ހުރި ތަކެތި ގެނައުމުގައި ނޯންނާނެ. " ނިޒާރު ވިދާޅުވިއެވެ.

މި ޕައުލްޓަރީ ފާމް ހިންގާ ބީޓެކް ކުންފުނިން މަޢުލޫމާތު ދޭ ގޮތުގައި ފުރަތަމަ ޝިޕްމެންޓުގައި 5000 ބިސް ގެނެސް ކާމިޔާބުކަމާއި ކުކުޅުތައް އާލާކޮށް، މިހާރު ވަނީ ވިއްކަން ފަށާފައެވެ. ބީޓެކް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަބްދުﷲ ވިދާޅުވި ގޮތުގައި، މިތަނުގައި މިހާރުވެސް ދުވާލެއްގެ މައްޗަށް 1000 ބިސް ހެޗަރީން ނެރެވޭނެ ނިޒާމު ޤާއިމު ކުރެވިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އޮޕަރޭޝަން އިތުރަށް ފުޅާކޮށް ދިރޭ ކުކުޅާއި އެކު ބިސްވެސް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ގޮތަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިއީ މި އޮޕަރޭޝަންގެ ކުރީކޮޅުކަން ފާހަގަކޮށް އެކުންފުނީ ބުނީ މި ފާމުގައި ކުކުޅުތައް ގެންގުޅުމަށް، ކްލައިމެޓް ކޮންޓްރޯލް ނިޒާމެއް ޤާއިމު ކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ސަބަބުން ކުކުޅުތައް ބެލެހެއްޓުމަށް މީހުން ތިބެން ޖެހޭ މިންވަރު މަދުވެ، ހުރިހާ ކަމެއްވެސް އޮޓެމޭޓެޑް ނިޒާމެއްގެ ދަށުން މެނޭޖް ކުރެވޭނެކަމަށް އެކުންފުނިން ބުނެއެވެ. އަދި އޮޕަރޭޝަން ފުޅާވެ ކުކުޅު ގެންގުޅެން އިތުރު ތަނެއް ތައްޔާރުކޮށްފައިވާއިރު އެތަންވެސް އޮޕަރޭޝަނަށް ކުރިއަށް ހުރި ދުވަސްތަކުގައި ގެނެސް 6 މަސް ދުވަހުގެ ތެރޭގައި ހުރިހާ ކަމެއް ޓައިމްލައިނާއި އެއްގޮތަށް ދަންޏާ ބިސް ވިއްކޭނެކަން އެކުންފުނިން ފާހަގަކުރެއެވެ.

އައްޑޫގައި އިންޑަސްޓްރިއަލް ސްކޭލެއްގައި ކުކުޅު ފާމެއް ފަށާފައިވާއިރު، މިއީ ރާއްޖޭގައިވެސް މިހާ ބޮޑުކޮށް މިމަސައްކަތް ފެށި ފުރަތަމަ ފަހަރެވެ. ބީޓެކް ކުންފުނިން ބުނީ މި ފާމުން ވިއްކާ ކުކުޅުތަކުގެ އަގު ރާއްޖޭގެ ބާޒާރުގައި މިހާރު ވިއްކާ އައިސް ކުކުޅަށް ވުރެ ބޮޑު ނުވާނެ ކަމަށެވެ. އަދި އަބަދުވެސް ތާޒާ ކުކުޅު ހިތަދޫގައި ބަނދަރު ސަރަހައްދުގައި ހުންނަ މާރުކޭޓުން ލިބޭނެކަމަށް
ބީޓެކުން ބުނެއެވެ.