15ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ އަންހެން ޑިވިޝަންގައި ބެންޗު ސްޕޯޓްސް ކުލަބާއި އެލީޓް ސްޕޯޓްސް ކުލަބު ވާދަކުރި ފޯރިގަދަ މެޗު 69-61 ޕޮއިންޓުން ބެންޗުން ކާމިޔާބުކޮށްފިއެވެ.
ގައުމީ ބާސްކެޓްބޯޅަ ލީގުގެ އަންހެން ޑިވިޝަންގައި މިފަހަރު ހަ ޓީމު ވާދަކުރާއިރު ދެ ވަނަ ބުރުން ޖާގަ ލިބޭނީ ހަތަރު ޓީމަކަށެވެ. ލީގުގެ ފުރަތަމަ ބުރުގެ ކުޅުން މާދަމާ ނިމޭއިރު، ލަޔަނެސް އާއި ކީންސް ވަނީ މުބާރާތުން ކަޓައިފައެވެ. ދެ ވަނަ ބުރުން ފުރުސަތު ލިބުނު ހަތަރު ޓީމަކީ ޗެމްޕިއަން ކުއީންސް ސްޕޯޓްސް ކުލަބު، ސައިކްލޯން ބީސީ، އެލީޓް އަދި ބެންޗެވެ.
އަންހެން ޑިވިޝަންގައި އެންމެ ފަހުން ކުޅުނު ދެ މެޗު ކާމިޔާބުކުރީ ބެންޗާއި ލަޔަނެސްއެވެ. އެލީޓާއި ވާދަކޮށް ލަޔަނެސް އަށް ޕޮއިންޓްގެ ތަފާތަކުން މެޗު ކާމިޔާބުކުރިއިރު، މެޗުގެ ފުރަތަަ ދެ ކުއާޓާގައި އެ ޓީމުން ތަފާތު ދެއްކިއެވެ. މިގޮތުން ތިން ވަނަ ކުއާޓާއަށް ނިކުތީ 11 ޕޮއިންޓުގެ ލީޑަކާއެކުގައެވެ.
ފަހު ހާފުގައި އެލީޓް ފެނުނީ ވަރަށް ވަރުގަދަ ކޮށެވެ. އާއިޝަތު އިނާޝާގެ މޮޅު ކުޅުމާއެކު އެ ޓީމުން ފަހު ދެ ކުއާޓާގެ ސްކޯ އަށް ބަލާއިރު ތިން ޕޮއިންޓްގެ ކުރިއެރުމެއް ހޯދިއެވެ. ފުރަތަމަ ދެ ކުއާޓާގައި އޮތް ބޮޑު ލީޑުގެ ސަބަބުން މެޗުން ބެންޗު މޮޅުވިއެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އިސްރާއު އަބްދުއްޝުކޫރު ބެންޗަށް މި މެޗުގައި 32 ޕޮއިންޓް ހޯދައިދިންއިރު، އިފާ އާތިފް އެ ޓީމަށް 20 ޕޮއިންޓް ހޯދައިދިނެވެ. އެލީޓްގެ އިނާޝާ ވަނީ އެ ޓީމަށް 22 ޕޮއިންޓް ސްކޯކޮށްދީފައެވެ.
އަންހެން ޑިވިޝަންގައި އިއްޔެ ކުޅުނު އަނެއް މެޗަށް ބަލާއިރު، ލަޔަނެސްއިން ވަނީ ކީންސް ބަލިކޮށް ލީގުގައި އެ ޓީމްގެ ފުރަތަމަ މޮޅު ހޯދާފައެވެ. ލަޔަނެސް މި މެޗު ކާމިޔާބުކުރީ 51 ޕޮއިންޓު 27 ޕޮއިންޓުންނެވެ. ޒުވާން ގިނަ ކުޅުންތެރިން ހިމެނޭ މި ދެ ޓީމުން މެޗަށް ނިކުތުމުގެ ކުރިން ކުޅުނު ހުރިހާ މެޗަކުންވަނީ ބަލިވެފައެވެ. އަދި މި މެޗާއެކު ދެ ޓީމަށް ވެސް މުބާރާތް ނިމުނީއެވެ.
މެޗުގައި ދެ ޓީމަށް އެންމެ ގިނަ ޕޮއިންޓު ހޯދައިދިން ކުޅުންތެރިންނަށް ބަލާއިރު، ލަޔަނެސްގެ އައިޝަތު ޔާނިއާ އިއުތިމާދު އެ ޓީމަށް 17 ޕޮއިންޓް ހޯދައިދިނެވެ. ކީންސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ ޢާއިޝަތު އުމެއިރާއެވެ. އޭނާ ވަނީ ކީންސްއަށް 15 ޕޮއިންޓް ހޯދައިދީފައެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގައި އިއްޔެ ކުޅުނު މެޗު ކާމިޔާބުކުރީ ރެޕްޓާސް ބީސީއެވެ. ސްޓިންގާސް އާއި ވާދަކުރި ފޯރިގަދަ މެޗު ރެޕްޓާސް ކާމިޔާބުކުރީ 88 ޕޮއިންޓް 82 ޕޮއިންޓުންނެވެ.
މެޗުގެ ފުރަތަމަ ކުއާޓާއާއި ދެވަނަ ވަނަ ކުއާޓާގައި ރަނގަޅަށް ކުޅުނީ ރެޕްޓާސްއެވެ. މިގޮތުން ދެ ކުއާޓާގެ ކުޅުން ނިމުނުއިރު އެ ޓީމް އޮތީ 9 ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތިން ވަނަ ކުއާޓާގައި ސްޓިންގާސް ފެނުނީ ތަފާތުކޮށެވެ. މި ގޮތުން އެޓީމުން މި ކުއާޓާގައި އެކަނިވެސް ރެޕްޓާސް އަށް ވުރެ 13 ޕޮއިންޓް އިތުރަށް ހޯދިއެވެ. އަދި މެޗުގެ ލީޑު ނެގިއެވެ. މި ކުއާޓާ ނިމުނުއިރު 61-65 ޕޮއިންޓުން އެ ޓީމު އޮތީ ކުރީގައެވެ. ރެޕްޓާސް އިން މެޗުގެ ނަތީޖާ އަނބުރާލީ ފަހު ކުއާޓާގައެވެ. މި ކުއާޓާގައި އެ ޓީމުން ސްޓިންގާސް އަށް ވުރެ ދިހަ ޕޮއިންޓް އިތުރަށް ހޯދައި ހަ ޕޮއިންޓުގެ ލީޑަކާއެކު މެޗު ކާމިޔާބުކުރިއެވެ.
މެޗުގައި ދެ ޓީމުގެ ބިދޭސީ ކުޅުންތެރިން ވެސް ތަފާތު ދެއްކިއިރު، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޖެފްރީ ކޯބީއެވެ. އޭނާ ވަނީ އެ ޓީމަށް 59 ޕޮއިންޓް ހޯދައިދީފައެވެ. ސްޓިންގާސްގެ ކްރިސްޓިއަން ބެއިލީ ވަނީ 38 ޕޮއިންޓު ހޯދައިދީފައެވެ.
މި މުބާރާތުގައި މިއަދު ވެސް ތިން މެޗެއް ކުޅޭނެއެވެ. އެ ގޮތުން މިއަދު ހަވީރު ކުޅޭ ދެ ވަނަ ޑިވިޝަންގެ މެޗުގައި ވައިޕާސް ނުކުންނާނީ ރޯޔަލްސްއާ ދެކޮޅަށެވެ. މިރޭ ކުޅޭނީ ފުރަތަމަ ޑިވިޝަންގެ ދެ މެޗެވެ. މިގޮތުން ރެޑް ވިންގްސް ބީސީ ނުކުންނާނީ ބައުސްއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ޓީރެކްސް ނުކުންނާނީ ސްޓިންގާސްއާ ދެކޮޅަށެވެ.