ޚަބަރު

އަމާޒަކީ މިއަހަަރު 1000ގޭގައި ހޯމް ސޯލާ ހަރުކުރުން: ޝައުނާ


ފެނަކައާއި ގުޅިގެން ފަށާފައިވާ "ހޯމް ސޯލާ" ޕްރޮގްރާމްގެ ޢަމަޒާކީ، މިއަހަރު މަދުވެގެން 1000 ގޭގައި އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކޮށް ޚިދުމަތް ދިނުންކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝައުނާ މިހެން ވިދާޅުވީ ކ.ހުރާގެ ރައްޔިތުންގެ އިންޖީނުގޭގެ ހިންގުން ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެންވަޔަރަމެންޓް މިނިސްރީން ހަކަތައިގެ އެންމެ ބޮޑު ޢަމާޒެއް ހިފާފައިވަނީ ތެލަށް ބަރޯސާވާ ބަރޯސާވުން ކުޑަކޮށް، ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެން ނިޒާމުން އުފައްދާ ކަރަންޓު އިރުކުރުމަށެވެ.

މި މަސައްކަތުގެ ޢަމަލީ މަސައްކަތް ރާއްޖޭގެ ބައެއް އަތޮޅުތަކުގައި ދަނީ ކުރިއަށެވެ. މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލިޖީ އާމިނަތު ޝައުނާ ވިދާޅުވީ ސަރުކާރުގެ ވިސްނުން ހުރީ 2023ވަނަ އަހަރު ނިމޭއިރު ރާއްޖޭގައި އުފައްދާ ކަރަންޓުގެ %26އަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށްކަމަށެވެ.

"ރާއްޖޭގެ އުފެއްދުންތެރިކަމުގެ %10 އާމްދަނީ ޚަރަދުކުރަނީ ހަކަތަ އުފެއްދުމަށް ތެޔޮ ގަތުމަށް. އެއީ އަހަރަކަށް 400މިލިއަނަށްވުރެ ގިނަ ޑޮލަރު" މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމަށް ރާއްޖެ ބަދަލުކުރުމުގައި، ކަރަންޓުގެ ޚިދުމަތްދޭ ކުންފުނިތަކުގެ ދައުރު ވަރަށް ފުޅާކަމަށެވެ. ފެނަކައަކީ ރާއްޖޭގެ 150އަށްވުރެ ގިނަ ރަށަށް ހަކަތަ ފޯރުކޮށްދޭ ކުންފުންޏެވެ.

މި މަސައްކަތުގައި އެންމެ ފަހުން ތައާރަފްކޮށްފައިވަނީ، ގޭގޭގެ ފުރާޅުގައި ސޯލާ ނިޒާމު ހަރުކޮށްގެން ހަކަރަ އުފައްދާ "ހޯމް ސޯލާ" ނިޒާމެވެ. މިނިސްޓަރ ޝައުނާ ވިދާޅުވީ މިއީ ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ފަރުދީ ފެންވަރުގައި ބައިވެރިވެވޭނެ އެންމެ މުހިންމު މަސައްކަތް ކަމަށެވެ. އަދި އާއްމު ރައްޔިތު މީހާ ކަރަންޓުގެ ޚިދުމަތަށް ކުރާ ހޭދަ ވަރަށް ބޮޑަށް ކުޑަ ކުރެވޭނެ ނިޒާމެކަމަށެވެ.

"މިއަހަރަށް ޓަރގެޓް ހިދާފައި މިވަނީ މަދުވެގެން 1000ގޭގައި އަހަރު ނިމޭއިރު ސޯލާ ހަރުކޮށް ޚިދުމަތް ދިނުން. ގޭގަ ހަރުކުރާ ނިޒާމުގެ ސަބަބުން %90އަށް ބިލްތައް ކުޑަވެގެންދާނެ." މިނިސްޓަރ ޝައުނަ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކަރަންޓުގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރާ މަސައްކަތާއި އެއްވަރަށް، ތައްޔިތުން ހަކަތަ އިޤްތިޞާދު ކުރުމަށް ކުރާ މަސައްކަތް މުހިންމުކަމަށެވެ. އެގޮތުން ކަރަންޓު އިސްރާފު ނުކުރުމާއި، އިލެކްޓްރޯނިކް ވަސީލަތްތައް ހޯދާއިރު ކަރަންޓު މަދުންނަގާ ވަސީލަތްތައް ހޯދުމަކީވެސް މުހިންމު ކަމެއްކަމަށެވެ.

ކަރަންޓު ޚަރަދު ކުޑަކުރުމަށް ކުރާ މަސައްކަތުގައި އާއްމުންނަށް އެހީވުމަށް، އިލެކްޓްރޯނިކް ވަސިޅަތްތައް ގަންނައިރު ވަކި ވަކި އުފެއްދުންތަކަށް ކަރަންޓު ހޭދަވާ މިންވަރު ބަޔާންކުރާ ލޭބަލްއެއް ހަރުކުރުމުގެ މަސައްކަތް ކުރުމަށްވެސް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ނިންމާފައެވެ. އެގޮތުން އެއަރ ކޮންޑިޝަންއާއި، ދޮންނަ މެޝިން އަދި ފްރިޖްގައި މިފަދަ ލޭބަލްތައް ޖެހުން ހިމެނެއެވެ.