ޚަބަރު

ސްޓެލްކޯގެ އެމްޑީކަމުން މުޣުނީ ވަކިކޮށް، އެމަޤާމަށް ޝަރީފް


ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމުން ޙަސަން މުޣުނީ ވަކިކޮށް، އެ މަޤާމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަޙްމަދު ޝަރީފް އައްޔަނުކޮށްފިއެވެ.

މިކަމާގުޅިގެން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ފޮނުވި ސިޓީގައި ވިދާޅުވީ، މި ބަދަލު ގެނެސްފައިވަނީ ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބަދަލުގެންނަވަން ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާތީކަމަށެވެ. އެހެންކަމުން ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުގައި ހުންނެވި ޙަސަން މުޣުނީ ވަކިކޮށް، ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުކަމަށާއި، މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް އަޙްމަދު ޝަރީފް މިއަދު އައްޔަނުކޮށްފައިވާކަމަށެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރކަމަށް އަލަށް އައްޔަނުކުރެއްވި އަޙްމަދު ޝަރީފަކީ މީގެކުރިން އިލެކްޝަންސް ކޮމިޝަންގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޝަރީފު އައްޔަންކުރެއްވުމާއި ގުޅިގެން އެ ކޮމިޝަނުގެ ރައީސްގެ މަޤާމަށް އަޙްމަދު ޝަރީފް އިންތިޚާބު ކޮށްފައިވަނީ 2018 ވަނަ އަހަރުގެ މާޗްމަހުގެ 6 ވަނަ ދުވަހުގައެވެ. ނަމަވެސް މިދިޔައަހަރުގެ ޖޫންމަހުގެ 15 ވަނަ ދުވަހު ޝަރީފް ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަޤާމުން އަމިއްލަފުޅަށް އިސްތިއުފާދެއްވާފައެވެ. ޝަރީފް ވަނީ މީގެކުރިން ފެނަކަ ކޯރޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރކަމުގެ މަޤާމުންވެސް ފުރުއްވާފައެވެ.

ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑު އެކުލެވިގެންވަނީ 5 މެންބަރުންގެ މައްޗަށެވެ. އެއީ ޗެއަރމަނާއި، މެނޭޖިންގ ޑިރެކްޓަރުގެ އިތުރުން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރާއި 2 ޑިރެކްޓަރުންނެވެ.