ކުޅިވަރު

ޕާރމާ އާއި އެކު ހަދާފައިވާ އެއްބަސްވުން ބުފޮން އާކޮށްފި


އިޓާލިއަން ސެރީ ބީ ގައި ވާދަކުރާ ޕާރމާއަށް ކުޅެމުންދާ އިޓަލީވިލާތުގައި އުފެދުނު އެންމެ ކާމިޔާބު ކީޕަރުންގެ ތެރޭގައި ހިމެނޭ ޖިއާންލުއިޖީ ބުފޮން އެކްލަބާއި އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފިއެވެ. އުމުރުން 44 އަހަރު ވެފައިވާ ތަޖްރިބާކާރު ކީޕަރ ޕާރމާ އާއެކު ހެދި އާ އެއްބަސްވުމުގެ ދަށުން 2024 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް އެކްލަބްގައި ހުންނާނެއެވެ.

މިއާއެކު މިއެއްބަސްވުން ހަމަވާނީ ބުފޮންގެ އުމުރުން 46 އަހަރުއެވެ. ސެރީ އާގެ ތަށި 10 ފަހަރު ޔުވެންޓަސް އާއި އެކު އުފުލާލާފައިވާ އަދި ވާރލްޑް ކަޕްވެސް ކާމިޔާބު ކޮށްފައިވާ ބުފޮން ޕާރމާ އާއި ގުޅިފައިވަނީ މިސީޒަންގައި ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެދަށުންނެވެ. އެއްބަސްވުން އާކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ވާހަކަ ދައްކަމުން ބުފޮން ވަނީ މިއި އޭނާ އަށާއި އޭނާގެ އާއިލާއަށް ވަރަށްއުފާވެރި ދުވަހެއް ކަމަށެވެ. އަދި އެސިޓީ އާއި ކްލަބްގެ ސަޕޯޓަރުންވެސް މިކަމާ އުފާވާނެކަމަށް އުންމީދު ކުރާކަމަށް އޭނާ ބުންޏެވެ. 1995 ވަނަ އަހަރު ޕާރމާއިން އަލަށް ފުޓްބޯޅައިގެ ތެރެއަށް ތައާރަފްވި ބުފޮން މިސީޒަންގައި މިހާތަނަށް ޕާރމާއަށް 23 މެޗް ކުޅެދީފައެވެ. އަދި މިވަގުތު ޕާރމާ އޮތީ 20 ޓީމް ހިމެނޭ ލީގުގެ 13 ވަނައިގައެވެ. ބުފޮން ހާމަކުރިގޮތުގައި އޭނާ ޕާރމާއާއެކު އެއްބަސްވުން އާކުރީ އެކްލަބުން މުސްތަގްބަލާމެދު ގެންގުޅޭ އުސޫލްތައް އޭނާގެ ވިސްނުމާ އެއްގޮތްވުމުންނެވެ.

ޕާރމާގެ ރައީސް ކައިލް ކްރައުސް ވިދާޅުވީ ބުފޮން އަކީ ލީޑަރެއްގެ އިތުރުން މީހެއްގެގޮތުގައި ވެސް ވަރަށް ރަނގަޅު މީހެއް ކަމަށެވެ. އަދި އޭނާ ޕާރމާގައި ހުރުން މިއީ މުޅި ކްލަބަށް ލިބިގެންދާ ޝަރަފެއް ކަމުގައި އޭނާ ވިދާޅުވިއެވެ.