ޚަބަރު

އެންމެ ފަހުން ޔޫކްރެއިނު މަޝްވަރާގެ މޭޒަށް


ހަނގުރާމަ ހުއްޓާލައި ޞުލްޙަ ޤާއިމުކުރުމަށް އެންމެފަހުން ޔޫކްރެއިނުން ރަޝިޔާއާ މަޝްވަރާކުރަން ފަށައިފިއެވެ.

އަވަށްޓެރި ބެލަރޫސްގައި ބާއްވައި މަޝްވަރާތަކަށް ޔޫކްރެއިނުގެ ވަފުދެއް ހާޒިރުވެފައިވަނީ ޝަރުތުތަކަކާއެކުއެވެ. އެ ގޮތުން ޔޫކްރެއިނުން ބުނެފައިވަނީ މަޝްވަރާތަކުގައި އެއްބަސްވުމަކަށް އަންނާނީ އެ ޤައުމަށް ޙަމަލާ ދިނުން ވަޤުތުން ހުއްޓާލައި ރަޝިޔާގެ ފައުޖުތައް އެ ޤައުމުން ފޭބުމުންކަމަށެވެ. ނަމަވެސް ޔޫކްރެއިނުގެ ޝަރުތުތަކަށް ރަޝިޔާއިން އެއްބަސްވާނެ ކަމެއް އަދި ނޭނގެއެވެ.

ބެލަރޫސްގައި ބާއްވައި މަޝްވަރާއަށް ވަފުދެއް ފޮނުއްވާނެކަމަށް އިޢުލާންކުރައްވަމުން ޔޫކްރެއިނުގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ވިދާޅުވީ މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ލިބޭނެކަމަށް ޤަބޫލުނުކުރައްވާކަމަށެވެ. ނަމަވެސް ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުޑަ ނަމަވެސް ފުރުޞަތެއް އޮތްނަމަ މަޝްވަރާތަކުގައި ޔޫކްރެއިނުން އެއްބާރުލުން ދޭނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން އޭނާވަނީ ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއާއި ވިލާތުގެ އިއްތިޙާދުގެ މެންބަރުކަން ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓާލައި އެއްވެސް ކޮޅަކަށް ނުޖެހޭނެ ޤައުމެއްގެ ގޮތުގައި ޔޫކްރެއިނު އޮތުމަށް އެއްބަސްވެވިދާނެކަމަށް ވިދާޅުވެފައެވެ.

ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ކަނޑުމަގުންނާއި ވައިގެމަގުންނާއި އެއްގަމުން ޔޫކްރެއިނަށް ޙަމަލާ ދިނުމަށްފަހު ރަޝިޔާއިންވަނީ މަޝްވަރާގެ ދޮރުހުޅުވާލައިފައެވެ. އަދި މަތީފަންތީގެ ވަފުދެއް އެކުލަވާލައި އަވަށްޓެރި ބެލަރޫސްގެ ވެރިރަށް މިންސްކުގައި މަޝްވަރާކުރުމަށް ރަޝިޔާއިން ތައްޔާރުވިއެވެ. ނަމަވެސް ޔޫކްރެއިނުންވަނީ ބެލަރޫސްގައި މަޝްވަރާނުކުރާނެކަމަށް ބުނެފައެވެ. ސަބަބެއްކަމަށް އެ ޤައުމުން ދެއްކީ ޔޫކްރެއިނަށް ޙަމަލާ ދިނުމަށް ބެލަރޫސްގެ ސަރަޙައްދީ ރޮނގު ބޭނުންކުރުމެވެ. ބަދަލުގައި ޔޫކްރެއިނުން ހުށަހަޅާފައިވަނީ ޕޯލޭންޑުގެ ވެރިރަށް ވޯސޯއާއި ހަނގޭރީގެ ވެރިރަށް ބުޑަޕެސްޓާއި ސުލޮވޭކިޔާގެ ވެރިރަށް ބުރަޓިސްލާވާއާއި އަޒަރުބައިޖާނުގެ ވެރިރަށް ބާކޫއާއި ތުރުކީވިލާތުގެ އިސްތަންބޫލެވެ.

ރަޝިޔާގެ ރިޔާސީ ގަނޑުވަރުގެ ތަރުޖަމާނު ދިމިތުރީ ޕެސްކޯފް ވިދާޅުވީ މަޝްވަރާކުރުމުގެ ބަދަލުގައި ޔޫކްރެއިނުން ވަޤުތު ނަގާލުމަށް މަސައްކަތްކުރަމުންދާކަމަށާއި ޞުލްޙައަށް މަސައްކަތްކުރުމުގެ އެއްވެސް ވިސްނުމެއް އެ ޤައުމުން ނުގެންގުޅޭކަމަށެވެ. އެ ގޮތުން ޕެސްކޯފް ފާހަގަކުރެއްވި ގޮތުގައި މަޝްވަރާކުރުމަށް ތައްޔާރަށް އޮތްކަމަށް އެންމެ ފުރަތަމަ ބުނެފައިވަނީ ޔޫކްރެއިނުންކަމަށާއި މިންސްކުގައި މަޝްވަރާގެ ވާހަކަތައް ބޭއްވުމަށް އެންމެ ފުރަތަމަ ހުށަހެޅީވެސް ޔޫކްރެއިނުންކަމަށެވެ.

މަޝްވަރާގެ މޭޒަށް ޔޫކްރެއިނުން ގެނައުމަށް އެންމެ މުޙިއްމު ދަޢުރެއް ޢަދާކޮށްފައިވަނީ ބެލަރޫސްގެ ރައީސް އެލެކްސަންދަރް ލުކަޝެންކޯއެވެ. އެ ގޮތުން ޒެލެންސްކީއާ ތެލެފޯނުން ގުޅުއްވައި ލުކަޝެންކޯވަނީ ބެލަރޫސްގެ އެއްވެސް ފައުޖެއް ރަޝިޔާގެ އަސްކަރީ ޙަރަކާތްތަކުގައި ބައިވެރިނުވާކަމަށާއި މަޝްވަރާތަކުގައި ބައިވެރިވާ ވަފުދުތަކަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ބެލަރޫސްގެ ސަރުކާރުން ހަމަޖައްސާނެކަމުގެ ޔަޤީންކަންދެއްވައިފައެވެ.

ރަޝިޔާއާ މަޝްވަރާކުރުމަށް ޔޫކްރެއިނުން ފުރަތަމަ ބޭނުންވި ނަމަވެސް ފަހުން ތަފާތު އުޒުރުތައް ދައްކަން ފެށީ އެ ޤައުމުގެ ދިފާޢުއަށް ހުޅަނގުގެ ބާރުތަކުން ޒަމާނީ ހަތިޔާރު ދިނުމަށް އެއްބަސްވުމުންނެވެ. އެ ގޮތުން ރަޝިޔާއާ ކުރިމަތިލުމަށް ޔޫކްރެއިނަށް 500 މިލިޔަން ޑޮލަރުގެ އަގުހުރި ހަތިޔާރު ދިނުމަށް ވިލާތުގެ އިއްތިޙާދުންވަނީ އެއްބަސްވެފައެވެ. އަދި އެމެރިކާއިންވެސްވަނީ 350 މިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ހަތިޔާރު ޔޫކްރެއިނަށް ފޮނުވުމަށް ނިންމައިފައެވެ.

އަމިއްލައަށް މިނިވަންކަން އިޢުލާންކޮށްފައިވާ ޔޫކްރެއިނުގެ އިރުމަތީގައި އޮންނަ ދޮންބާސްގެ ދެ ދަޢުލަތުގެ ދިފާޢުގައި އެ ޤައުމުގައި އަސްކަރީ ޙަރަކާތްތަކެއް ހިންގުމުގެ ޢަމުރުދެއްވާފައިވާކަން އިޢުލާންކުރައްވަމުން ރަޝީޔާގެ ރައީސް ވުލަޑުމީރް ޕުޓިން ވިދާޅުވީ ޔޫކްރެއިނު އިސްތިޢުމާރުކުރުމުގެ އެއްވެސް ވިސްނުމެއް ރަޝިޔާއިން ނުގެންގުޅޭކަމަށެވެ. އަދި ރަޝިޔާގެ އަސްކަރީ ޙަރަކާތްތަކުގެ ބޭނުމަކީ ގިނަ ޢަދަދެއްގެ މުސްލިމުން ދިރިއުޅޭ ދޮންބާސްގައި ފާއިތުވި 8 އަހަރުދުވަހު ޔޫކްރެއިނުގެ ފައުޖުތައް ހިންގަމުންދިޔަ ލާއިންސާނީ ޖަރީމާތަކާއި ޤަތުލުޢާއްމުތައް ހުއްޓުވުންކަމަށް ޕުޓިން ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ރަޝިޔާގެ އަސްކަރީ ޙަރަކާތުގެ ދަށުން ޔޫކްރެއިނުގެ އަސްކަރީ ބާރުވެރިކަން ނައްތާލައި އެ ޤައުމުގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރިވުމުގެ ޢަމަލުތައް އިތުރަށް ނުހިންގޭނެކަން ކަށަވަރުކުރާނެއެވެ. ޔޫކްރެއިނަށް ޙަމަލާ ދިނުން ނޫން ގޮތެއް ރަޝިޔާއަށް ނެތްކަން ފާހަގަކުރައްވައި ޕުޓިން ވިދާޅުވީ ނޭޓޯގެ މެންބަރުކަން ޔޫކްރެއިނަށް ދުވަހަކުވެސް ނުދޭނެކަމުގެ ޔަޤީންކަން ދިނުމަށް އެ އިއްތިޙާދުން ދެކޮޅުހެދިކަމަށެވެ. އަދި ރަޝިޔާއާ އިންވެގެން އޮންނަ ޔޫކްރެއިނަށް ނިޔުކްލިޔަރ ހަތިޔާރުގެ ޤާބިލްކަމާއި ބާރުވެރިކަން ހޯދުމުގެ ފުރުޞަތު ނުދެއްވާނެކަމަށްވެސް ޕުޓިން ވިދާޅުވިއެވެ.

ޔޫކްރެއިނަށް ހަމަލާ ދިނުމުން ވިލާތުގެ އިއްތިޙާދުގެ 27 ޤައުމުންނާއި އިނގިރޭސިވިލާތާއި އެމެރިކާއާއި ކެނެޑާއިންނާއި އޮސްޓުރޭލިޔާއިންނާއި ޖަޕާނުންވަނީ ރަޝިޔާއާ ދެކޮޅަށް ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފައެވެ. އެ ފިޔަވަޅުތަކުގެ ތެރޭގައި ރަޝިޔާގެ ބޭންކުތަކާއި އެއްވެސް މާލީ މުޢާމަލާތެއް ނުކުރުމަށާއި އެ ބޭންކުތަކުގެ މުދަލާއި ފައިސާ ހިފެހެއްޓުމާއި ސުޓާލިން ޕައުންޑާއި ޑޮލަރުގެ މުޢާމަލާތްތައްކުރުން މަނާކުރުމާއި ލޯނުތައް ލިބޭނެ ދޮރުތައް ބަންދުކުރުމާއި ރަޝިޔާގެ 100އަށްވުރެ ގިނަ ކުންފުންޏާއި ވަކިވަކި ފަރުދުންގެ މުދަލާއި ފައިސާ ހިފަހައްޓައި ޓެކްނޮލޮޖީގެ ދާއިރާއިންނާއި ހަކަތައިގެ ދާއިރާއިން ރަޝިޔާއިން ބޭނުންވާ ސާމާނު ނުހޯދޭނެ ގޮތް ހެދުން ހިމެނެއެވެ. އޭގެ އިތުރުން ދުނިޔޭގައި އޮންލައިންކޮށް ފައިސާގެ މުޢާމަލާތްކުރާ ނިޒާމުން ރަޝިޔާ ބާކީކޮށް އެ ޤައުމުތަކުގައި ހުރި ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިންގެ މުދަލާއި ފައިސާ ހިފެހެއްޓުމަށްވެސްވަނީ ނިންމައިފައެވެ.