ޚަބަރު

ވިލާތުގެ އިއްތިޙާދުގެ މެންބަރުކަން ދިނުމަށް ޔޫކްރެއިނުން އެދެފި


ވިލާތުގެ އިއްތިޙާދުގެ މެންބަރުކަން ދިނުމަށް ޔޫކްރެއިނުން އެދެފިއެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ވަރުގަދަ ޙަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައި އެ ޤައުމުގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ވިދާޅުވީ އެ ޤައުމަށް ވިލާތުގެ އިއްތިޙާދުގެ މެންބަރުކަން ދިނުން ޙައްޤުކަމަށެވެ. ވީޑިޔޯ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ޒެލެންސްކީ ވިދާޅުވީ ޔޫކްރެއިނުން ހަނގުރާމަކުރަނީ ވިލާތުގެ ޤައުމުތަކުގެވެސް ދިފާޢުގައިކަމަށާއި ޔޫކްރެއިނުގެ ހިތްވަރުގަދަކަން ސާބިތުކޮށްދެމުންދާކަމަށެވެ. އެހެންކަމުން ބަދަލެއްގެ ގޮތުގައި ޔޫކްރެއިނަށް ވިލާތުގެ އިއްތިޙާދުގެ މެންބަރުކަން ދިނުމަކީ ލަސްނުކޮށް ކުރަންޖެހޭކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވިލާތުގެ އިއްތިޙާދާއި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ މެންބަރުކަން ހޯދުމަކީ ޔޫކްރެއިނުގެ ޤާނޫނުއަސާސީގެ ދަށުން އެކުލަވާލާފައިވާ އެ ޤައުމުގެ ޚާރިޖީ ސިޔާސަތުތަކުގެ ތެރޭގައި ހިމަނާފައިވާ ކަންކަމެވެ. ނަމަވެސް ރަޝިޔާއިން ޔޫކްރެއިނަށް ޙަމަލާ ދިނުމުގެ ކުރިން ވިލާތުން ބުނެފައިވަނީ އެ އިއްތިޙާދުގެ މެންބަރުކަން އެ ޤައުމަށް ދިނުން އަދި އަވަސްކަމަށެވެ. ޔޫކްރެއިނުން ބުނެފައިވާ ގޮތުގައި ރަޝިޔާގެ ކިބައިން ސަލާމަތްވާން އޮތް ހަމައެކަނި ގޮތަކީ ވިލާތުގެ އިއްތިޙާދާއި ނޭޓޯގެ މެންބަރުކަން އެ ޤައުމަށް ދިނުމެވެ.

ވައިގެމަގުންނާއި ކަނޑުމަގުންނާއި އެއްގަމުން ރަޝިޔާއިން ވަރުގަދަ ޙަމަލާތަކެއް ދިން ނަމަވެސް ވިލާތުގެ އިއްތިޙާދާއި ނޭޓޯއިން ބުނެފައިވަނީ ޔޫކްރެއިނުގެ ދިފާޢުގައި ރަޝިޔާއާ ކުރިމަތިނުލާނެކަމަށެވެ. ނަމަވެސް ރަޝިޔާއާ ކުރިމަތިލުމަށް ޔޫކްރެއިނަށް 500 މިލިޔަން ޑޮލަރުގެ އަގުހުރި ހަތިޔާރު ދިނުމަށް ވިލާތުގެ އިއްތިޙާދުންވަނީ އެއްބަސްވެފައެވެ. އަދި އެމެރިކާއިންވެސްވަނީ 350 މިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ހަތިޔާރު ޔޫކްރެއިނަށް ފޮނުވުމަށް ނިންމައިފައެވެ.

ޔޫކްރެއިނަށް ޙަމަލާ ދިނުމުގެ ކުރިން ރަޝިޔާއިން ބުނެފައިވަނީ ނޭޓޯގެ މެންބަރުކަން ދުވަހަކުވެސް ޔޫކްރެއިނަށް ނުދޭނެކަން ކަށަވަރުކުރަން ބޭނުންވާކަމަށެވެ. ނަމަވެސް އެފަދަ ޔަޤީންކަމެއް ދިނުމަށް ނޭޓޯއިންވަނީ ދެކޮޅުހަދައިފައެވެ. ރަޝިޔާއިން ބުނެފައިވަނީ އެ ޤައުމާ ސަރަޙައްދީ ރޮނގު ޙިއްޞާކުރާ ޤައުމަކުން ނޭޓޯގެ މެންބަރުކަން ހޯދައި ނިޔުކްލިޔަރ ހަތިޔާރުގެ ޤާބިލްކަން ލިބުމަކީ އެ ޤައުމުގެ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްކަމަށާއި އެފަދަ ފުރުޞަތެއް ނުދޭނެކަމަށެވެ.