ޚަބަރު

އެމް.އެން.ޑީ.އެފް މެރިންކޯގެ ސްޕެޝަލް އޮޕަރޭޝަން ގްރޫޕް ރަސްމީކޮށް އިފްތިތާޙުކޮށްފި


މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް މެރިންކޯގެ އެލީޓް ޔުނިޓް ނުވަތަ ސްޕެޝަލް އޮޕަރޭޝަން ގްރޫޕް (އެސް.އޯ.ޖީ)، ރަސްމީކޮށް މިއަދު އިފްތިތާޙުކޮށްފިއެވެ.

ސްޕެޝަލް އޮޕަރޭޝަން ގްރޫޕް އިފްތިތާހް ކުރުމަށް ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ، ދިވެހިންގެ ޙަޤީޤީ ތަބީޢަތަކީ، ޤައުމަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިތޯ ބަލައި، ޙިކުމަތްތެރިކަމާއެކީ، ހުރިހާ ޤައުމުތަކާ ގުޅިގެން، އެކުވެރިކަމުގެ ރޫޙެއްގައި މަސައްކަތްކުރުން ކަމަށެވެ. އެގޮތުން ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ޞުލްޙަޔާއި އަމާންކަމަށް ލޯބިކުރާ ޤައުމެއްކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

"ސިފައިންގެ އާއިލާތަކުގެ މެންބަރުންގެ ޤުރުބާނީއަކީ އެއްވެސް ތަރާދަކުން ކިރޭ ވަރަށްވުރެ މާ ބަރު، މާ އަގުބޮޑު ޤުރުބާނީއެއް. އަދި އެބޭފުޅުންނަކީ ދިވެހި ޤައުމީ ދިފާޢީ ބާރުގެ ވަރަށް މުހިންމު ޙިއްސާއެއް. އަދި ކޯސް ފުރިހަމަކުރި ސިފައިންގެ ކޮނޑުގައިވާ ޓެބާއި، މޭމަތީގައިވާ ބެޖާއި، ބޮލުގައިވާ ބެރޭއިން ރަމްޒުކޮށްދެނީ، އެމީހުންގެ ކޮނޑާއި، މެއާއި، ބޮލުގައި އެޅިފައިވާ ޒިންމާގެ މަތިވެރިކަމާއި މަސްއޫލިއްޔަތުގެ ބުރަކަން." މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މެރިން ކޯރ ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕަކީ އެމްއެންޑީއެފްގެ އިސްތިރާޖީ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި، އެއްގަމާއި ކަނޑުގައި ހިންގަންޖެހޭ ޚާއްޞަ އޮޕަރޭޝަންތައް ހިންގުމުގައި ހަރަކާތްތެރިވާ އަދި ކުއްލި ނުރައްކަލުގެ ހާލަތުގައި ހަރަކާތްތެރިވާ ފޯސްއެއްގެ ގޮތުގައި، ޚާއްޞަ އޮޕަރޭޝަންތައް ހިންގުމަށް މުޅިން އަލަށް އެކުލަވާލެވުނު ޚާއްޞަ ޔުނިޓެކެވެ.

މިޔުނިޓު އިފްތިތާޙު ކޮށްފައި މިވަނީ، ޔުނިޓުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ބޭނުންވާނޭ ހުނަރު، ނުވަމަސް ދުވަހުގެ ޓްރެއިނިންއެއްގެ ތެރެއިން އުގަންނައި ދިނުމަށްފަހުއެވެ.

ނުވަ މަސް ދުވަހުގެ މުއްދަތަށް ލ.ކައްދޫގައި ހިންގި މި ކޯހުގައި ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕަށް ނިސްބަތްވާ 30 މެރީންސް ބައިވެރިވިއެވެ. މީގެ ތެރޭގައި އެސްއޯޖީގެ ހަތަރު އޮފިސަރުންގެ އިތުރުން ހުރިހާ ބައިވެރިން ވެސް ވަނީ ކާމިޔާބު ކަމާއެކު ކޯސް ފުރިހަމަކޮށް، ކޯހުގެ ބެޖު ހާސިލްކޮށްފައެވެ. މިކޯސް ފުރިހަމަ ކުރި ފަރާތްތަކަށް ވަނީ އެސްއޯޖީ ޔުނިޓުގެ ޓެބާއި، އެސްއޯޖީގެ ފްލޭޝް އަދި އެސްއޯޖީގެ ބެރޭ ހަވާލުކޮށްފައެވެ. މީގެ އިތުރުން، ތަމްރީނު ފުރިހަމަކޮށް، ޓެބް ހާސިލްކުރި މެރިންސްއަށްވަނީ މަޤާމުގެ ކުރިއެރުންވެސް ހަވާލުކޮށްދެއްވާފައެވެ.

އެމްއެންޑީއެފް ކޮލެޖު އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ މި ކޯސް ވިލަރެސް ކޮށްފައިވަނީ މެރިން ކޯ ޓްރެއިނިންގ ސްކޫލުންނެވެ. މި ކޯހުގައި ކިޔަވައިދިން ބައިތަކުގެ ތެރޭގައި ލީޑަރޝިޕް އެންޑް މެނޭޖްމަންޓް، ވޯޓަރބޯން އޮޕަރޭޝަންސް، ޓެކްޓިކަލް ކޮމްބެޓް ކެޝުއަލްޓީ ކެއަރ، ވޯރ ފައިޓިންގް އެންޑް ޓެކްޓިކްސް، ފިޒިކަލް ޓްރެއިނިންގް، ކޮމްބެޓް ޑައިވިންގް، މާޝަލް އާޓްސް، އަދި ޓެކްޓިކަލް ރެޕަލިންގް ފަދަ ބައިތައް ހިމެނެއެވެ.

މި ރަސްމިއްޔާތުގައި ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕުގެ ލައިވް ފަޔަރ ޑެމޮންސްޓްރޭޝަނެއް ވަނީ ދައްކާލާފައެވެ. މި ޑެމޮންސްޓްރޭޝަންގައި ނިރުބަވެރި ހަނގުރާމަވެރިންތަކެއްގެ ސްޓްރޯންގް ހޯލްޑެއް ނައްތާލާނެ ގޮތުގެ ރެއިޑް އޮޕަރޭޝަނެއް އެސްއޯޖީ މެރިންސްއިން ވަނީ ދައްކާލާފައެވެ.

މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިޘް ވަޙީދާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންގެ އިތުރުން ޔުނިޓްތަކުގެ ބައެއް ކޮމާންޑަރުންނާއި ސީނިއަރ އޮފިސަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.