ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ޙަމަލާތަކުން އެ ޤައުމު ދިފާޢުވުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އެ ޤައުމަށް 500 މިލިޔަން ޑޮލަރުގެ އަގުހުރި ހަތިޔާރު ދިނުމަށް ވިލާތުގެ އިއްތިޙާދުން ނިންމައިފިއެވެ.
ވިލާތުގެ ޚާރިޖީ ސިޔާސަތާބެހޭ އެންމެ އިސްވެރިޔާ ޖޮސެޕު ބޮރެލް ވިދާޅުވީ އެ އިއްތިޙާދުން ފޯރުކޮށްދޭން ނިންމާފައިވާ އަސްކަރީ އެހީތެރިކަމުގެ ދަށުން ހަނގުރާމަމަތީ މަތިންދާބޯޓުތައް ޔޫކްރެއިނަށް ދޭނެކަމަށެވެ. ވިލާތުން ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވަނީ ޕޯލޭންޑުގެ ސަރަޙައްދީ ރޮނގު މެދުވެރިކޮށެވެ. އޭގެ އިތުރުން 55 މިލިޔަން ޑޮލަރުގެ އަގުހުރި ތެލާއި ޞިއްޙީ ސާމާނުވެސް ޔޫކްރެއިނަށް ފޮނުވުމަށް ވިލާތުންވަނީ ނިންމައިފައެވެ.
ވިލާތުގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ޔޫކްރެއިނަށް ފޮނުވުމަށް ނިންމާފައިވަނީ ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ވައިގެމަގުންނާއި ކަނޑުމަގުންނާއި އެއްގަމުން ޔޫކްރެއިނަށް ދޭން ފެށި ޙަމަލާތަކުގައި އެ ޤައުމުގެ ވައިގެ އަސްކަރީ ފައުޖު ނައްތާލުމުންނެވެ. އެއާއެކު ޔޫކްރެއިނުން އެދިފައިވަނީ އެ ޤައުމުން އަސްކަރިއްޔާއަށް ބޭނުންކުރަން އެނގޭ މަތިންދާބޯޓު ފޯރުކޮށްދިނުމަށެވެ. ޔޫކްރެއިނުގެ ވައިގެ ފައުޖުތަކުން ޢާއްމުކޮށް ބޭނުންކުރަނީ ސޯވިއެޓު ޒަމާނުގައި އުފައްދާފައިވާ އެސްޔޫ ސީރީސްގެ އަސްކަރީ މަތިންދާބޯޓުތަކާއި މިގު ސީރީސް މަތިންދާބޯޓުތަކެވެ. އެ މަރުކައިގެ މަތިންދާބޯޓުތައް ބޭނުންކުރާ ވިލާތުގެ ޤައުމުތަކުގެ ތެރޭގައި ބަލްގޭރިޔާއާއި ޕޯލޭންޑާއި ސުލޮވޭކިޔާ ހިމެނެއެވެ.
ވިލާތުގެ އިއްތިޙާދުން ބުނެފައިވާ ގޮތުގައި ޔޫކްރެއިނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ އިއްތިޙާދުގައި ހިމެނޭ 27 ޤައުމުން ބައިވެރިވާނެއެވެ. އަދި ރަޝިޔާގެ ފައުޖުތަކާ ކުރިމަތިލުމަށް ބޭނުންވާ އެންމެ ޒަމާނީ ހަތިޔާރުތައް ޔޫކްރެއިނަށް އެ ޤައުމުތަކުން ފޯރުކޮށްދޭނެއެވެ. އޭގެ އިތުރުން އެމެރިކާއިންވެސްވަނީ 350 މިލިޔަން އެމެރިކާ ޑޮލަރުގެ އަގުހުރި ހަތިޔާރު ޔޫކްރެއިނަށް ފޮނުވުމަށް ނިންމައިފައެވެ.
ޔޫކްރެއިނަށް ދެމުންދާ ވަރުގަދަ ޙަމަލާތަކުގެ ސަބަބުން ވިލާތުގެ އިއްތިޙާދުންވަނީ ރަޝިޔާއާ ދެކޮޅަށް ހަރުކަށި އިޤްތިޞާދީ ފިޔަވަޅުތަކެއް އަޅައިފައެވެ. ބޮރެލް ވިދާޅުވި ގޮތުގައި ރަޝިޔާގެ މަރުކަޒީ ބޭންކުގެ ރިސާވުގެ %50 ހުރީ ޖީ7ގެ ޤައުމުތަކުގައެވެ. އޭނާ ވިދާޅުވި ގޮތުގައި ހިފަހައްޓަން ނިންމި ރަޝިޔާގެ ބޭންކުތަކުގެ މުދަލާއި ފައިސާގެ ތެރޭގައި އެ ޤައުމުގެ މަރުކަޒީ ބޭންކުގެ ރިސާވުގައި ހުރި ފައިސާވެސް ހިމެނެއެވެ. އެހެންކަމުން އެއީ ރަޝިޔާއަށް ފޫނުބެއްދޭނެވަރުގެ ގެއްލުމަކަށްވާނެކަމަށް އޭނާ ވިދާޅުވިއެވެ.