ޚަބަރު

ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރެވޭ މުއްދަތު 30 ދުވަހަށް ކުޑަކުރަން އިޞްލާހެއް!


ހައިކޯޓުން ނިންމާ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމަށް ހުށަހަޅަންޖެހޭ މުއްދަތު 30 ދުވަހަށް ކުޑަކުރުމަށް ކޯޓުތަކާބެހޭ ޤާނޫނަށް އިޞްލާހެއް ހުށަހަޅައިފިއެވެ.

ކޯޓުތަކާ ބެހޭ ޤާނޫނަށް އިސްލާޙް ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރެވެ. އޭނާ ހުށަހެޅުއްވި ބިލުގައި ކޯޓުތަކާބެހޭ ޤާނޫނަށް ގިނަ އިޞްލާހުތަކެއް ގެނައުމަށް ވަނީ ހިމަނުއްވާފައެވެ.

މި ބިލު ހުށަހެޅުއްވުމުގެ މަޤްޞަދެއްކަމަށް ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގައި ޤާއިމުވެފައިވާ ޢަދުލުއިންޞާފުގެ ނިޒާމުގައި ހިމެނޭ ޝަރުޢީ ކޯޓުތަކާއި އެކޯޓުތަކުން ހިންގާ ޝަރީޢަތްތައް ހިނގަމުންދަނީ އެ ނިޒާމުގައި ކަންކަން ތަރުތީބުކުރެވިފައިވާ ހަމަތަކާއި ގޮތުގެމަތިން، އަދި އެކޯޓުތަކަށް ކަނޑައެޅިފައިވާ އިޚްތިޞާޞްއާއި ބާރުގެ ދާއިރާގެ ތެރޭގައި ކަންކަން ކަށަވަރުކުމަށްޓަކައިކަމަށެވެ. މީގެ އިތުރުން ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް މައްސަލައާ ގުޅުންހުރި ފަރާތްތަކަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤު އޭގެ އެންމެ ފުރިހަމަގޮތުގައި ލިބިދިނުމަށްޓަކައި، ކަމާގުޅޭ އުސޫލުތައް އިޞްލާހުކުރުމަކީވެސް މަޤްޞަދެއްކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ވަކިވަކި ގޮފިތައް އުވާލުމަށާއި، ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އިޞްލާހު ގެނައުމަކީވެސް މަޤްޞަދެއްކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ކޯޓްތަކުގެ ޤާނޫނަށް ޙަސަން ޒަރީރު ހުށައެޅުއްވި އިޞްލާހުތަކުގެ ތެރޭގައި ހައިކޯޓުން ނިންމާ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރަން ހުށައަޅަން ބޭނުންނަމަ 30 ދުވަހުގެ ތެރޭގައި ސްުޕްރީމް ކޯޓަށް ހުށައަޅާންވާނެކަމަށެވެ. ކޯޓުތަކާއި ބެހޭ ޤާނޫނުގައި މިހާރު ބަޔާންކޮށްފައިވަނީ ހައިކޯޓުން ނިންމާ މައްސަލައެއް ހުކުމްކުރި ދުވަހުން ފެށިގެން 90 ދުވަހުގެ ތެރޭގައިކަމަށެވެ.

ޒަރީރު ހުށައެޅުއްވި އިޞްލާހުގެ ބިލުގައި ހައިކޯޓުން ނިމޭ މައްސަލައެއް، ނިމޭ ތާރީޚުންފެށިގެން ގިނަވެގެން 7 ދުވަހުގެ ތެރޭގައި އެ މައްސަލަ ނިންމިގޮތުގެ ރިޕޯޓް މައްސަލައިގެ ޚާސްމުންނަށާއި، އެ މައްސަލައިގެ މަސްލަހަތު އޮތް އެހެން ފަރާތްތަކަށް ދޭންވާނެކަމަށް ބުނެފައިވެއެވެ.

މި ބިލުގައި ވަނީ ރާއްޖޭގެ ހައިކޯޓަށް ޢައްޔަންކުރެވޭ ފަނޑިޔާރުން ޤާއިމްވެ ތިބެންޖެހޭނީ މާލޭގައިކަމަށާއި، ނަމަވެސް ފަނޑިޔާރުގެ ޢަދަދަށް ބަލައި ކަނޑައަޅާ ވަކި އުސޫލެއްގެ ދަށުން ރާއްޖޭގެ އެހެން ރަށްރަށުގައި ހައިކޯޓްގެ އަޑުއެހުންތައް ބޭއްވިދާނެކަަމަށެވެ.

މީގެ އިތުރުން މި ބިލުގައިވަނީ، ހައިކޯޓުގެ އުތުރާއި ދެކުނުގެ ގޮފި އުވާލުމަށްވެސް ހިމަނާފައެވެ. ރާއްޖޭގެ އުތުރާއި ދެކުނުގައި ހައިކޯޓްގެ ގޮފިތަކެއް ޤާއުިމްކުރީ ކުރީ ސަރުކާރުގައި ކޯޓުތަކުގެ ޤާނޫނަށް ގެނައި އިޞްލާހަކުންނެވެ.