ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށް ވިޔަފާރީގެ ދާއިރާއިން ކުރިއަށްދިއުމުގެ މަގު ފަހިކޮށްދިނުމަށް "ޒަކާތު ނަފާ"ގެ ނަމުގައި ޕްރޮގްރާމެއް ފަށަން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން ކުރިއަށްގެންދާ "ޒަކާތު ނަފާ" ޕްރޮގްރާމަކީ ފުދުންތެރިކަން ނެތިގެން، ފަޤީރުންގެ ލިސްޓުގައި ހިމެނިފައިވާ ގިނަ ބަޔަކަށް އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ދޮރު ހުޅުވިގެންދާނެ ފުރުސަތު ލިބިގެންދާނެ ޕްރޮގްރާމެކެވެ.
މިކަމާގުޅޭ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަރ ޑރ.އަޙްމަދު ޒާހިރެވެ. މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރައްވާފައިވަނީ މިނިސްޓަރ ފައްޔާޟް އިސްމާޢީލެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވީ މި ޕްރޮގްރާމް ހިންގުމުގެ އެންމެބޮޑު މަޤްސަދަކީ ފަގީރުންގެ ލިސްޓު މުޅިން ނައްތާލައި އެމީހުންނަށް އަމިއްލަ ފައިމައްޗަށް ތެދުވެވޭވަރު ކޮށްދެއްވުންކަމަށެވެ.
"އަޅުގަނޑުމެން އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން، މިނިސްޓްރީއާއެކު މަސައްކަތްކުރައްވާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޮމްޕެނީގެ އިތުރުން އެގްރޯނެޓް ފަދަ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވާ ކުންފުނިތައް މެދުވެރިކޮށްގެން މިފަދަ ފަރާތްތަކަށް ބޭނުންވާ އެކިއެކި އެހީތެރިކަން އަޅުގަނޑުމެން ފޯރުކޮށްދޭނަން." މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވީ އެ މިނިސްޓްރީގެ އެންމެ ބޮޑު އަމާޒަކީ މި ޕްރޮގްރާމްގެ ދަށުން ފަގީރުންނަށް ފަހި ފުރުސަތުތަކެއް ލިބިގެންދިއުންކަމަށެވެ. އަދި މި ޕްރޮގަރާމްގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރޭގައި އެ މީހަކަށް ޓެކްނިކަލް ސަޕޯޓް ލިބިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"މި ޕްރޮގްރާމްގެ ދަށުން ޓެކްނިކަލް ސަޕޯޓް ބޭނުންވާ ފަގީރުންގެ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް އެ ބޭނުންވާ ޓެކްނިކަލް ސަޕޯޓް ދީގެން އެބޭފުޅުންނަށް ބޭނުންވާ ހުރިހާ މައުލޫމާތާއި ލަފަޔާ އިރުޝާދާ ދީގެން އެބޭފުޅުން އެކުރާ މަސައްކަތެއް ފުރިހަމައަށް ކުރުމުގެ ދޮރު އަޅުގަނޑުމެން މި ހުޅުވާލަނި." މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވިއެވެ.
ސަރުކާރުން އިސްނަންގަވައިގެން ހިންގަވާ މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން މިއީ މުޖުތަމައުގައި ހާލުގައި ޖެހިފައިތިބި މީހުންނަށް ފަހިވެގެންދާ ރަނގަޅު ފުރުސަތެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.