ކުޅިވަރު

ބާސެލޯނާއިން ބިލްބާއޯ ބަލިކޮށް ތާވަލްގެ ހަތަރު ވަނައަށް ކުރިއަށް ޖެހިލައިފި


ސްޕެނިޝް ލަލީގާގައި އެފްސީ ބާސެލޯނާ އާއި އެތުލެޓިކް ބިލްބާއޯ ބައްދަލުކުރިމެޗް ބާރސާ ކާމިޔާބުކޮށް ތާވަލްގެ ހަތަރު ވަނައަށް ކުރިއަށް ޖެހިލައިފިއެވެ. ބާރސާގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކަމިޔާބުކުރީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު 4 ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާރސާއިންނެވެ. މިމެޗްގައި ބާރސާގެ ފުރަތަމަ ލަނޑު މެޗްގެ 37 ވަނަ މިނެޓްގައި ޖަހައި އެޓީމަށް ލީޑު ނަގާދިނީ ޕިއޭ އެމެރިކް އައުބަމެޔާންގއެވެ. މިއީ އޭނާ އެންމެފަހުން ކުޅުނު ތިން މެޗްގައި ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ. އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 73 ވަނަ މިނެޓްގައި ޖަހައިދިނީ އޮސްމާނޭ ޑެމްބެލޭއެވެ. ބާރސާގެ ތިންވަނަ ލަނޑު މެޗްގެ 90 މިނެޓްގައި ފްރޭންކީ ޑި ޖޯންގ ޖަހައިދިން އިރު ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހައިދިނީ މެމްފިސް ޑިޕާއީއެވެ.

މިކާމިޔާބިއާއެކު ބާރސާއަށް މިވަނީ 25 މެޗުން ލިބިފައިވާ 45 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައަށް އަރާފައެވެ. އަދި ތިންވަނައިގައި އުޅޭ ރެއާލް ބެޓިސްއަށް ވުރެ އެއްމެޗް މަދުން ކުޅެފައިވުމުން އެމެޗާއެކު ތާވަލްގެ ތިންވަނައަށް އެރުމުގެ ފުރުސަތުވެސް ބާރސާއަށް އެބައޮތެވެ. އަދި ބިލްބާއޮ އުޅެނީ 26 މެޗުން ލިބިފައިވާ 37 ޕޮއިންޓާއެކު ތާވަލްގެ 8 ވަނައިގައެވެ.