ކުޅިވަރު

ލީޑްސްގެ ކޯޗުކަމުން ބިއެލްސާ ވަކިކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގެ ލީޑްސް ޔުނައިޓެޑްގެ ކޯޗް ކަމުން މާސެލޯ ބިއެލްސާ ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކޮށްފައި މިވަނީ ފަހަކަށް އައިސް ލީޑްސް ހޯދަމުންދާ ދަށް ނަތީޖާ ތަކުގެ ސަބަބުން ކަމަށް އެކްލަބުން ވަނީ ހާމަކޮށްފައެވެ.

2018 ވަނަ އަހަރު ލިޑްސްގެ ކޯޗް ކަމާއި ހަވާލުވި އުމުރުން 66 އަހަރުގެ ބިއެލްސާ މަގާމުން ވަކިކުރިއިރު އެޓީމް އޮތީ ރެލިގޭޝަނަށް ނުވެއްޓި ދެ ޕޮއިންޓް މަތީގައެވެ. ލީޑްސްގެ ކޯޗް ކަމާއި ބިއެލްސާ ހަވާލުވުމަށްފަހު އެޓީމްގެ ކުޅުމުގެ ވަށްޓަފާޅި މުޅިން ބަދަލުކޮށް މީހުން ބަލާހިތްވާ މޮޅު ކުޅުމެއް ދައްކާ ޓީމަކަށް އެޓީމް ހަދާފައިވެއެވެ. އަދި ފުރަތަމަ ސީޒަންގައި ޗެމްޕިއަންޝިޕްގެ ޕްލޭ އޮފްގައި ނާކާމިޔާބު ވި ނަމަވެސް ޖެހިގެން އައި ސީޒަންގައި އޭނާވަނީ ލީޑްސް ޗެމްޕިއަންޝިޕްގެ ތަށްޓާއެކު އިންގްލިޝް ޕްރިމިއަރ ލީގަށް ޕްރޮމޯޓް ކޮށްދީފައެވެ. އެޓީމް މިދިޔަ ސީޒަންގައި ޕްރިމިއަރ ލީގަށް ޕްރޮމޯޓް ވެފައިވަނީ 16 އަހަރުގެ މެދު ކެނޑުމަކަށްފަހުއެވެ. އަދި ޕްރިމިއަރ ލީގަށް އެނބުރި އައިސް ފުރަތަމަ ސީޒަން ނިންމާލީ ގިނަ ބައެއްގެ ތައުރީފާއެކު ލީގުގެ ނުވަވަނައިގައި އޮވެގެންނެވެ. ނަމަވެސް ސީޒަންގައި ލީޑްސްއަށް ވަނީ މިދިޔަ ސީޒަންގެ މޮޅު ކުޅުން ދެއްކޭ ގޮތް ނުވެފައެވެ. އަދި އެންމެފަހުން ކުޅުނު ހަތަރު މެޗުންވަނީ ބަލިވެފައެވެ. އަދި ގިނަ އަދަދަކަށް ބައިކޮޅަށް ގޯލް ވަދެފައިވާކަންވެސް ފާހަގަ ކޮށްލެވެއެވެ.

ލީޑްސްގެ ޗެއާމަން އެންޑްރިއާ ރަޑްރިޒާނީ ވިދާޅުވީ މިއީ އޭނާއަށް މިހާތަނަށް ނިންމަން ޖެހުނު އެންމެ އުނދަގޫ ނިންމުންކަމަށެވެ. އަދި ބިއެލްސާ ކްލަބަށް މިދިޔަ ތިންއަހަރު ހޯދައިދިން ކާމިޔާބީ ތަކާއެކު އަނެއްކާވެސް ލީޑްސްއަށް ކާމިޔާބު ދުވަސްތަކެއް މިވަނީ ކްލަބަށް އައިސްފައިކަން އޭނާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް މިސީޒަންގައި މިހާރު ހޯދެމުންދާ ނަތީޖާ ތަކާއި ގުޅިގެން ކޯޗްގެ މަގާމަށް ބަދަލު ގެނައުން މިއީ އެންމެ ރަނގަޅު ވަގުތު ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އާކޯޗެއް އައިސް ގެން ޓީމަށް ބަދަލެއް ގެނެވޭނީ އޭނާއަށްވެސް ވަގުތު ދީގެން ކަމަށް ފެންނާތީ ކަމުގައި ރަޑްރިޒާނީ ވިދާޅުވިއެވެ.