ވިޔަފާރި

ބީއެމްއެލްއިން ރ. މަޑުއްވަރީގައި އޭޓީއެމްގެ ޚިދުމަތްދޭން ފަށައިފި


ބޭންކް އޮފް މޯލްޑިވްސްއިން މުޅި ރާއްޖެއަށް ބޭންކިންގގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރ.އަތޮޅު މަޑުއްވަރީގައި ސެލްފް ސަރވިސް ބޭންކިންގ އޭޓީއެމް ސެންޓަރެއް ހުޅުވައި ޚިދުމަތްދޭން ފަށަފިއެވެ.

މި ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެކަމަށް އެބޭންކުން ވިދާޅުވެއެވެ.

އޭޓީއެމް ޚިދުމަތާއެކު މިވަގުތު ރ.އަތޮޅު އުނގޫފާރާއި މީދޫގައި ސެލްފް ސަރވިސް ބޭންކިންގއާއެކު ޤާއިމުކޮށްފައިވާ ދެ ބްރާންޗް މެދުވެރިކޮށް ދަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން 3 ރަށެއްގައި މިވަނީ ސެލްފް ސަރވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކުރެވިފައެވެ. މި ރަށްތަކަކީ އަލިފުށި، ދުވާފަރު އަދި މަޑުއްވަރީއެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މަޑުއްވަރީގައި މި ހުޅުވުނު އޭޓީއެމް ސެންޓަރުން ދައްކުވައިދެނީ އަތޮޅުތަކުގައި ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމާއި ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްކަމަށެވެ. އަދި ކުރިޔަށްއޮތް ހަފްތާތަކުގެ ތެރޭގައި ބީއެމްއެލް އޭޓީއެމް ވިއުގައަށް އޭޓީއެމް އިތުރުކުރެވިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 79 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 137 އޭޓީއެމް، 200އަށްވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.