ޚަބަރު

ދެ ސަފީރަކު އެހެން ދެ ޤައުމަކަށް ބަދަލުކުރައްވާ ރުހުން ހޯއްދެވުމަށް ފޮނުއްވައިފި


ދެ ޤައުމަކަށް ކަނޑައަޅުއްވާފައި ތިއްބެވި ސަފީރުން ބަދަލުކުރެއްވުމަށް ނިންމަވައި އެބޭފުޅުންނަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ. އެ ދެ ސަފީރުންނަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީ ވަނީ މަޖިލީހަށް އިއްވަވާފައެވެ.

ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށައަޅުއްވާފައިވަނީ، ބެލްޖިއަމަށާއި ވިލާތުގެ އިއްތިޙާދަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް ހ.ހިކިފިނިފެންމާގެ ޢުމަރު ޢަބްދުއްރައްޒާޤު އައްޔަންކުރެއްވުމަށެވެ. ޢުމަރު ޢަބްދުއްރައްޒާޤު މިހާތަނަށް ހުންނެވީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުކަމުގެ މަޤާމުގައެވެ.

މީގެ އިތުރުން ރުހުން ހޯދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެން ފޮނުއްވާފައިވަނީ ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށްގ.ފިޔާތޮށިގެ ޙަސަން ޞާބިރު އައްޔަންކުރެއްވުމަށެވެ. ޙަސަން ޞާބިރު މިހާތަނަށް ހުންނެވީ ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނެވި ސަފީރުކަމުގެ މަޤާމުގައެވެ.

ޢުމަރު ޢަބްދުއްރައްޒާޤަކީ، އޮސްޓްރޭލިއާގެ އެޑިތް ކޮވިން ޔުނިވަރސިޓީއިން މަރސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެ ކުރިން ސަރުކާރުގެ އިސް ބައެއް މަޤާމުތައް ފުރުއްވާފައިވެއެވެ. މީގެ އިތުރުން ޙަސަން ޞާބިރަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސައުތް ވޭލްސް އިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެ އިތުރުން އެމަނކިފާނު ވަނީ އެމެރިކާއިން ޑިޕްލޮމާ އިން އިކޮނޮމިކް ސްޓެޓިސްޓިކްސް ހާސިލުކުރައްވައި، އިންޑިޔާއިން ބެޗެލަރ އޮފް ކޮމަރސް ހާސިލުކުރައްވާފައެވެ. ޙަސަން ޞާބިރަކީ ދިވެހި ޚާރިޖިއްޔާގައި ތަފާތު އެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ވަޒީރުކަންވެސް ކުރައްވާފައިވެއެވެ.

މި ދެބޭފުޅުންނަށް ރުހުން ހޯއްދެވުމުގެ މައްސަލަ ދިރާސާކުރެއްވުމަށް ފޮނުއްވާފައިވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ. ދެ ސަފީރުންނަށް ރުހުން ދެއްވުމާއި ގުޅޭގޮތުން މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމަވާނީ، ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން މައްސަލަ ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވުމުންނެވެ.