ޚަބަރު

ބީއެމްއެލުގެ އެހީގައި 3 ޢާއިލާއަކަށް ގެ ޢިމާރާތްކޮށްދެނީ


ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށް ދަތި ޢާއިލާތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސްއިން ހައުސިންގ ގްރާންޓް އިފްތިތާހުކޮށްފިއެވެ.

މި ހިލޭ އެހީގެ ދަށުން ތިން ޢާއިލާއަކަށް އެމީހުން ދިރިއުޅެމުންދާގެ ޒަމާނީ ފެންވަރަށް ޢިމާރާތްކޮށް ފަރުނީޗަރު ހޯދުމުގެ ޚަރަދުތައް ބޭންކުން ހަމަޖައްސައިދޭނެއެވެ. މިއީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ އެބޭންކުގެ 40ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ޙަރަކާތުގެ ތެރެއިން ހިންގަން ނިންމާފައިވާ އެއް ހަރަކާތްކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.

މިފަދަ އެހީއަކަށް ބޭނުންވެފައިވާ ޢާއިލާތައް ހޮވައި މި ހިލޭ އެހީއަށް އެދި ހުށަހަޅެމުގެ ފުރުސަތު ބީއެމްއެލުންވަނީ ޖަމްޢިއްޔާތަކާއި ކައުންސިލްތަކަށް ހުޅުވާލާފައެވެ.

މި ޙަރަކާތާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑަރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ އެ ބޭންކުގެ އަމާޒަކީ އެންމެ ބޮޑަށް މިކަމަށް ބޭނުންޖެހިފައިވާ ނާޒުކު ޙާލަތުގައި ދިރިއުޅެމުންދާ ޢާއިލާތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލުގެނައުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

" މި ހިލޭ އެހީގެ ޒަރިއްޔާއިން ދިރިއުޅުމުގައި ދަތިކަން ތަޙައްމަލު ކުރަމުންދާ އާއިލާތަކަށް ރައްކާތެރި ބޯހިޔާވަހިކަން ފޯރުކޮށްދެވިގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ މި މަޝްރޫޢުގެ ދަށުން އެންމެ ބޮޑަށް (މިކަމަށް)ބޭނުންޖެހިފައިވާ، ނާޒުކު ހާލަތުގައި ދިރިއުޅެމުންދާ އާއިލާތަކަށް ދިރިއުޅުމަށް ހެޔޮ ބަދަލުގެނައުމުގެ ފުރުސަތު ހޯދައިދިނުން." ޓިވް ސޯޔަރ ވިދާޅުވިއެވެ.

މި އެހީއަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މާރޗުމަހުގެ 31ވަނަ ދުވަހެވެ. ބީއެމްއެލްގެ 40ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް، ކޮންމެމަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް ހިންގާފައިވާ ހަރަކާތްތަކުގެތެރޭގައި، ބީއެމްއެލް ސްކޮލާޝިޕް ފަންޑު އިފްތިތާޙުކުރުމާއި، ގައުމީ ކުތުބުޚާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުގެނައުމަށް ބީއެމްއެލުން އެހީވުމާއި، ބީއެމްއެލް ސްޓާރޓަޕް ގްރާންޓް ހިމެނެއެވެ.