ކުޅިވަރު

50 ގަޑިއިރު މޫދު އަޑީގައި އޮތުމަށްފަހު ކާމިޔާބުކަމާއެކު ޝަފްރާޒް އިވެންޓް ނިންމާލައިފި


މޫދު އަޑީގައި 50 ގަޑިއިރު ހޭދަކުރުމަށްފަހު ކާމިޔާބުކަމާއެކު ޝަފްރާޒް ނައީމް އޯޝަން 50/6 އިވެންޓް ނިންމާލައިފިއެވެ. މިއިވެންޓްއަކީ ރާއްޖޭގެ ޓުއަރިޒަމަށް 50 އަހަރުން ފުރުން ފާހަގަކުރުމަށް ތަޖުރިބާކާރު ޑައިވަރ ޝަފްރާޒް ނައީމް އާއި ޔުނިކް ސްޕޯޓްސް ގުޅިގެން ކުރިއަށް ގެންދިޔަ އިވެންޓެކެވެ. ޝަފްރާޒް މޫދު އަޑީގައި ހޭދަކޮށްފައިވަނީ 6 މީޓަރު އަޑީގައެވެ.

މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް ކުރިއަށް ގެންދިޔަ ފުރަތަމަ އިވެންޓެވެ. 50 ގަޑިއިރު މޫދު އަޑީގައި އޮތުމަށް ޝަފްރާޒް މޫދަށް ފުންމާލާފައިވަނީ މިދިޔަ ހުކުރު ދުވަހު03:30 ގައެވެ. އަދި 50 ގަޑިއިރު ހަމަކުރުމަށްފަހު މިއަދު ހަވީރު 05:34ގައި ޝަފްރާޒް ވަނީ މައްޗަށް އަރާފައެވެ.

ޝަފްރާޒްގެ މިޑައިވް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ވަރަށް ގިނަ ބައެއްގެ އެހީތެރިންކަން ވަނީ ލިބިފައެވެ. ޝަފްރާޒްގެ ސިއްހީ ކަންކަން ބެލުމަށް ޚާއްސަ ޑޮކްޓަރުންގެ ޓީމެއް ހަރަކާތްތެރިވެފައިވާއިރު، ކެއިން ބުއިމުގެ ކަންކަން ކުރިއަށް ގެންދިއުމަށްވެސް ޚާއްސަ ޓީމެއްވަނީ ހަރަކާތްތެރިވެފައެވެ. އަދި މީގެ އިތުރުންވެސް މޫދު އަޑީގައި ބައެއް ކުޅިވަރުތައް ކުޅުނުކަންވެސް ފާހަގަކޮށްލެވެއެވެ.

ޝަފްރާޒަކީ ޑައިވް އިންސްޓްރަކްޓަރެއްގެ ގޮތުގައި ޑައިވިންގެ ދާއިރާގައި 27 އަހަރު މަސައްކަތްކޮށްފައިވާ މީހެކެވެ. ކާމިޔާބުކަމާއެކު 50 ގަނޑިއިރު މޫދު އަނޑީގައި އޮތުމަށްފަހު ޝަފްރާޒް މޫދުން މައްޗަށް އެރިވަގުތު ޑޮކްޓަރުންގެ ހާއްސަ ޓީމެއް ވަނީ އޭނާއަށް ފަރުވާ ދިނުމަށް އެހީތެރިވެފައެވެ. މޫދުން މައްޗަށް އެރުމަށްފަހު މާގިނަ އިރުތަކެއް ނުވަނީސް ޝަފްރާޒް ވަނީ ހިގަންފަށާ އެންމެނާއިވެސް ރަގަނޅަށް ވާދަކަދައްކަން ފަށާފައެވެ. މިއާއެކު ޝަފްރާޒަށްވަނީ މިއިވެންޓް ކުރިއަށްގެންދިޔަ ފަރާތްތަކުން ހޫނު މަރުހަބާއެއް ވެސް ކިޔާފައެވެ. މިކާމިޔާބީ ފާހަގަކުރުމަށް ޓުއަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ވެސް ވަނީ ޝަފްރާޒަށް ހޫނު މަރުހާބާއެއް ކިޔާފައެވެ. މޫދުގެ އަޑީގައި 50 ގަޑިއިރު ހޭދަކުރި ޝަފްރާޒްބުނީ މިއީ ވަރަށް ކާމިޔާބު އިވެންޓްއެއްކަމަށާއި މިއިންވެންޓް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކުކަމަށެވެ. ޚާއްސަކޮށް އޭނާގެ އާއިލާގެ ބޭފުޅުން އޭނާ ވަނީ ފާހަގަކޮށްފައެވެ.

މިއިވެންޓުގައި މޫދު އަޑީގައި 50 ގަޑިއިރު ހޭދަކުރާ ޝަފްރާޒް ނައީމަކީ ކުރިން ޤައުމީ ދިފާއީ ބާރުގައި ޑައިވަރަކަށް މަސައްކަތްކުރި މީހެކެވެ. އަދި ޝަފްރާޒަކީ ޑައިވް އިންސްޓްރަކްޓަރެއްގެ ގޮތުގައި ޑައިވިންގެ ދާއިރާގައި 27 އަހަރު މަސައްކަތްކޮށްފައިވާ މީހެކެވެ. މި އެކްސްޓްރީމް ޑައިވް އިވެންޓަށް ތައްޔާރުވުމަށް އޭނާ ވަނީ ފަންސާސް ގަޑިއިރު މޫދު އަޑީގައި އޮތުމަށްޓަކައި ހަށިގަނޑު ހާނާ، ނަފްސާނީ ގޮތުން ވާންޖެހޭ ތައްޔާރީތަކުގެ އިތުރުން ޓެކްނިކަލް ތަމްރީންތައްވެސް ފުރިހަމަކޮށްފައެވެ.