ޚަބަރު

ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންގެ މެއިން ޕާޓްނަރަކަށް އެޗް.ޑީ.ސީ


އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރިއަށްގެންދާ ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންގެ މެއިން ޕާޓްނަރަކަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީ ހަމަޖައްސައިިފިއެވެ.

އެޗް.ޑީ.ސީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕާޓްނަޝިޕް އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހްމަދެވެ. އައިޖީއެސްގެ ފަރާތުން ސޮއިކުރެއްވީ ޗެއަރމަން އަދި ސީއީއޯ ރިފްއަތު މުހައްމަދެވެ.

މި މިޝަންގެ ފުރަތަމަ އަމާޒަކީ ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓް ހަދާ ޓެސްޓް ކުރުމެވެ. މިއީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރަން އަޖުމަބެލުމުގެ ގޮތުން ހަދާ ސެޓެލައިޓެކެވެ. މި ސެޓެލައިޓް ހަދައި، ޓެސްޓުކޮށް ލޯންޗު ކުރަން ހަމަޖެހިފައިވަނީ ދިވެހި ޒުވާން ޓީމަކުންނެވެ.

އެޗް.ޑީ.ސީން ވިދާޅުވީ، މި ތާރީޚީ މިޝަންގެ މެއިން ޕާޓްނަރަކަށްވުމަކީ އެ ކޯޕަރޭޝަނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމަށެވެ. އަދި ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން ކުރިއަށްގެންދާ އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސުން ބުނެފައިވަނީ އެޗްޑީސީގެ އެހީތެރިކަމާއެކު، އެންމެ ފުރިހަމަ ގޮތުގައި މިޝަންގެ މަޤްޞަދު ހާސިލުކުރެވޭނެކަމަށެވެ.

މިއީ އެމެރިކާގެ ކޭ.އެސް.އެފް ސްޕޭސް ފައުންޑޭޝަންގެ ފަންނީ އެހީތެރިކަމާއެކު އައިޖީއެސްއިން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

ކޭ.އެސް.އެފް ސްޕޭސް ފައުންޑޭޝަނަކީ ސްޕޭސް ޢިލްމު ފުޅާކޮށް، ސެޓެލައިޓް ލޯންޗުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގައި އެމެރިކާގެ ޖައްވީ އިދާރާ ނާސާއާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީސާ) އާއި މަޝްހޫރު ސްޕޭސް ކުންފުނި ސްޕޭސް އެކްސްގެ ސައިންސްވެރިންނާއި ތަޖުރިބާކާރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.