ޚަބަރު

މަޙްމޫދުގެ ޤާތިލް ސާލިމް މެރުމަށް ކޯޓުން ޙުކުމްކޮށްފި


އދ.ދަނގެތީގައި ރަޙުމް ކުޑަގޮތަކަށް މަރާލާފައި އޮއްވައި ފެނުނު މަޙްމޫދު އަބޫބަކުރުގެ ޤާތިލް، ބަންގްލަދޭޝްގެ، ޝާ އަލޮމް މިއާ (ސާލިމް) މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ޝާ އަލޮމް މިއާ މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މަހްމޫދު އަބޫބަކުރުގެ ވާރިސުން އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން މަރަށް މަރު ހިފަން ބޭނުންވާކަމަށް ބުނުމާއި ގުޅިގެންނެވެ.

އދ.ދަނގެތީގައި ރަޙުމް ކުޑަގޮތަކަށް މަރާލާފައި އޮއްވައި ފެނުނު މަޙްމޫދު އަބޫބަކުރު މަރާލިކަމަށް، ޝާ އަލޮމް މިއާ ވަނީ ޝަރިޢަތުގައި އިއުތިރާފްވެފައެވެ. މަޙްމޫދުގެ މަރާއި ގުޅިގެން ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޢުމުރުން 29 އަހަރުގެ ޝާ ޢާލޮމް މިއާގެ މައްޗަށް ދެ ދަޢުވާއެއް އުފުލިއެވެ. އެއީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާއެވެ.

މިދިޔަ އަހަރު އޮކްޓޫބަރު 14ވަނަ ދުވަހު މަހްމޫދުގެ ހަށިގަނޑު ފެނުމާއެކު ފުލުހުން ކުރި ތަޙުޤީގު ތެރެއިން އޭގެ ދެދުވަސް ފަހުން، ކޯޓު އަމުރެއްގެ ދަށުން ޝާ އަލޮމް މިއާ ހައްޔަރުކުރިއެވެ. އޭނާ ދިރިއުޅުނު ދަނގެތީ ނެދުންގެއިން މަޙްމޫދުގެ އަންނައުނާއި، ގަޑިފަދަ ތަކެތި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި އޭނާގެ މައްޗަށް ކުށް ކުރިކަން ސާބިތުވާވަރަށް ހެކިލިބިފައިވާކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މަޙްމޫދުގެ މަރުގެ މައްސަލާގައި މައްސަލަ ބައްލަވާ އިސް ޤާޟީ އަޙްމަދު ޝަކީލް ވަނީ ޝާ އަލޮމް މިއާ ކުށަށް އިއުތިރާފްވެފައިވަނީ އެއްވެސް މީހެއްގެ ނުފޫޒުންތޯ ސުވާލުކުރައްވާފައެވެ. އޭގެ ޖަވާބުގައި ޝާ އަލޮމް މިއާ ވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާއަށް އެއްބަސްވާކަމަށް ބުނެފައެވެ.

މަޙުމޫދު ގެއްލިގެން ހޯދަމުން ދަނިކޮށް ދަނގެތީގެ ފަޅު ގޯއްޗެއްގެ ތެރޭގައި ހުރި ވަޅަކުން އޭނާ ފެނުނުއިރު، ތޫނު އެއްޗަކުން ހަމާލާދީ ބޮޑެތި އަނިޔާތަކެއް ވަނީ ދީފައެވެ. އަދި ޝާ ޢާލޮމް އުޅޭ ގޭގެތެތެރޭގައި މަޙުމޫދަށް ހަމާލާދިނުމަށްފަހު 5 ގަޑިއިރުވަންދެން އެގޭގެތެރޭގައި މަޙުމޫދުގެ ހަށިގަނޑު ބޭއްވިކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި ހުރިހާކަމެއް އޭނާކޮށްފައިވަނީ އިތުރު މީހެއްގެ ބައިވެރިވުން ނެތިކަމަށްވެސް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

މަޙުމޫދަށް ހަމަލާދިނުމުގެ ކުރިން ވައްކަމުގެ މައްސަލައެއްގައި މި ބަންގްލަދޭޝް މީހާގެ ބައިވެރިވުން އޮތްކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.