ކުޅިވަރު

އެވަޓަން ބައްދަލުކުރިމެޗް ސިޓީ ކާމިޔާބުކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި އެވަޓަން ބައްދަލުކުރިމެޗް ސިޓީ ކާމިޔާބުކޮށް ތާވަލްގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. އެވަޓަންގެ ދަނޑުގައި ކުޅުނު މިމެޗް ސިޓީ ކަމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ސިޓީއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް އެޓީމަށް މާ ރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއްނުވިއެވެ. އެންމެ ބޮޑު އެއް ސަބަބަކަށް ވީ އެވަޓަންގެ ކުޅުންތެރިން އެފުރުސަތު ސިޓީއަށް ނުދިނުމެވެ. މިމެޗްގައި ސިޓީއަށް އެޓީމުގެ ކުޅުން ރަނގަޅަށް ދެއްކޭވަރުވީ މެޗްގެ ދެވަނަ ހާފްގައެވެ. މިގޮތުން މިހާފްގައި ސިޓީއިން ވަނީ ގިނަ ހަމަލާތަކެއް އެވަޓަންގެ ގޯލަށް އަމާޒުކޮށްފައެވެ. ނަމަވެސް މިހުރިހާ ހަމަލާއެއް ވެސް ވަނީ އެވަޓަންގެ ކީޕަރ ޖޯޑަން ޕިކްފޯޑް ވަރަށް ހުށިޔާރު ކަމާއެކު ދިފާއުކޮށްފައެވެ. މިމެޗްގައި ސިޓީއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 82 ވަނަ މިނެޓްގައި އެވަޓަންގެ ޑިފެންޑަރ މައިކަލް ކީން ދިފާއު ކުރަން އުޅުނު ބޯޅައެއް އޭނާ ފަޔަށް ނޭރުމުގެ ފައިދާ ނަގައި ކާމިޔާބުކޮށްދިނީ ފިލް ފޯޑަންއެވެ. މިނަތީޖާގައި އޮވެގެން މެޗް ނިމެން ދަނޑިކޮށް ސިޓީގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމްގެ ރޮޑްރީ އަތުގައި ބޯޅަ ޖެހުމާއެކު އެއީ ޕެނަލްޓީއަކަށް ވެގެން ހިނގައިދާނެކަމަށް ގިނަ ބަޔަކަށް ހީވި ނަމަވެސް ވިއޭއާރުން ބެލުމަށްފަހު ޕެނަލްޓީ ދީފައެއް ނުވެއެވެ.

މިކާމިޔާބީއާއެކު ސިޓީއަށް އަނެއްކާވެސް މިވަނީ ތާވަލްގައި 6 ޕޮއިންޓްގެ ލީޑެއް ލިބިގެން ގޮސްފައެވެ. އެއީ ކުޅުނު 27 މެޗުން ލިބިފައިވާ 66 ޕޮއިންޓާއެކުއެވެ. ނަމަވެސް ދެވަނައިގައި އުޅޭ ލިވަޕޫލް ނުކުޅެ އެއް މެޗް އޮތުމުން މިނަތީޖާ އަލުން ތިން ޕޮއިންޓަށް ބަދަލުވެގެން ދިއުމުގެ ފުރުސަތު އެބައޮތެވެ. މިމެޗުން ބަލިވުމުން އެވަޓަން މިހާރު އުޅެނީ 22 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ. އަދި 18 ވަނައިގާ އުޅޭ ބަރންލީ އާއި ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތެވެ.