ކުޅިވަރު

78 ކުޅުންތެރިންނާއެކު 8 ބޯލް އެސޯސިއޭޝަން ކަޕް ފަށައިފި


8 ބޯލް އެސޯސިއޭޝަން ކަޕްގެ ކުޅުން ފަށައިފިއެވެ. މިއީ މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)އިން މިއަހަރު ބާއްވާ ފުރަތަމަ މުބާރާތެވެ. ރޭ ފެށި މިމުބާރާތް ފެށިއިރު މުބާރަތުގައި ބައިވެރިވި ކުޅުންތެރިން ވަނީ 16 ގުރޫޕަކަށް ބަހާލާފައެވެ. ދެވަނަ ބުރަށް ދަތުރުކުރާނީ ކޮންމެ ގުރޫޕަކުންވެސް އެންމެ މޮޅު ދެ ކުޅުންތެރިންނެވެ. ދެވަނަ ބުރުވެގެންދާނީ ނޮކްއައުޓް ބުރަކަށެވެ. 78 ކުޅުންތެރިންވާދަ ކުރާ 8 ބޯލް އެސޯސިއޭޝަން ކަޕްގެ ގުރޫޕް ސްޓޭޖްގައި 144 މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ.

މިދިޔަ އަހަރުގެ 8 ބޯލް އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަނަކީ ހުސައިން ފަޔާޒެވެ. އަދި ދެ ވަނަ ހޯދީ މުހައްމަދު ޝަރީފެވެ. މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)އިން މިއަހަރު 10 މުބާރާތެއް ބޭއްވުމަށްވަނީ ނިންމާފައެވެ. މިމުބާރާތަށްފަހު އެންމެ އަވަހަށް ދެން ފެށުމަށް ހަމަޖެހިފައިވަނީ 8 ބޯލް ޗެމްޕިއަންޝިޕެވެ. މިމުބާރާތް ކުރިއަށްދާނީ މިއަންނަ މަހުގައެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)އިން މިއަހަރު ބާއްވާ އިތުރު މުބާރާތަކަށް ބަލާއިރު، އިންޓަ އޮފީސް ބިލިއާޑް މުބާރާތް، މޯލްޑިވްސް އޯޕަން، 10 ބޯލް އެސޯސިއޭޝަން ކަޕް އަދި 10 ބޯލް ޗެމްޕިއަންޝިޕްގެ އިތުރުން 9 ބޯޅް އެސިއޭޝަން ކަޕް، 9 ބޯލް ޗެމްޕިއަންޝިޕް އަދި އަހަރުގެ އެންމެ ޝަރަފްވެރި މުބާރާތްކަމަށްވާ ގައުމީ ބިލިއާޑް މުބާރާތް ނޮވެމްބަރު މަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.