ކުޅިވަރު

މުޅިރާއްޖޭގައި ކުރިއަށްގެންދާ ޕްރިމިއަރ ލީގު ލޯގޯ ދައްކާލައިފި


މުޅި ރާއްޖެ ހިމެނޭގޮތަށް ކުރިއަށްގެންދަން ނިންމާފައިވާ 2023/2024 އަހަރުގެ ދިވެހި ޕްރިމިއަރ ލީގްގެ ލޯގޯ ރަސްމީކޮށް ލޯންޗްކޮށްފިއެވެ. ދިވެހި ޕްރިމިއަރ ލީގްގެ ލޯގޯ ރަސްމީކޮށް ދައްކާލާފައިވަނީ ގަލޮޅު ބޯލަ ދަނޑުގައި ބޭއްވި ހާއްސަ ރަސްމިޔާތެއްގައެވެ. މިލޯގޯ ލޯންޗްކޮށްދެއްވީ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފެވެ.

ގަލޮޅު ދަޑުގައި ބޭއްވި ރަސްމިއްޔާތުގައިވަނީ ދިވެހި ލީގުގެ އާ ފޯމެޓާއި ބެހޭގޮތުންނާއި 2023/2024ވަނަ އަހަރުގެ ސީޒަނަށް ޓީމަށް ކޮލިފައިވުމަށް ކުޅޭ އެކިއެކި މުބާރާތްތަކާއި ބެހޭގޮތުން މަޢުލުމާތުދީފައެވެ. އެފްއޭއެމްއިން މުޅި ރާއްޖެއަށް ހުޅުވާލެވިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އާ ފޯމެޓްގެ ކޮންސަލްޓަންޓެއްގެ ގޮތުގައި އެފްއޭއެމަށް އެހީތެރިވެދީފައިވަނީ ކޯޗް މުހައްމަދު އާދަމެވެ.

އެފްއޭއެމްއިންވަނީ 2023/2024ވަނަ އަހަރު ސީޒަން ކުރިއަށްގެންދަން މުޅި ރާއްޖެ 4 ޒޯންއަކަށް ބަހާލާފައެވެ. ޒޯން 1ގައި ހިމެނެނީ ހއ، ހދ، ށ، ނ، ރ.އަތޮޅެވެ. ޒޯން 2ގައި ހިމެނެނީ ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ.އަތޮޅެވެ. ޒޯން ތިނެއްގައި ހމެނެނީ ތ، ލ، ގއ، ގދ، ޏ، ސ.އަތޮޅުއެވެ. އަދި ޒޯން 4ކީ މިހާރު މާލޭގައި ކުރިއަށްދާ ފުރަތަމަ ޑިވިޝަނެވެ.

އާ ފޯމެޓާއެކު އެފްއޭއެމްއިން ބޭނުންވަނީ ފުޓްބޯޅައިގެ ފޯރި މުޅި ރާއްޖެއަށް ފަތުރާލާށެވެ. އެއާއެކު 53 ރަށުން 61 ޓީމް ވަނީ ކޮލިފިކޭޝަންގައި ބައިވެރިވެފައެވެ. 2023/2024ވަނަ އަހަރުގެ އާ ފޯމެޓާއެކު ތިން ޑިވިޝަނެއް ކުރިއަށްދާނެއެވެ. އެއީ އޯޕަން ޑިވިޝަނާއި 3ވަނަ ޑިވިޝަން، ދެވަނަ ޑިވިޝަން އަދި ފުރަތަމަ ޑިވިޝަނެވެ. އެގޮތުން އެންމެ ފުރަތަމަ ކުރިއަށްދާނީ ރަށު ފެންވަރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޯޕަން ޑިވިޝަނެވެ.

2023/2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ލޯގޯ ފަރުމާކުރީ ޢަބްދުﷲ ނަޝާތެވެ. ޒޯން ލީގުތަކުގެ ލޯގޯ ފަރުމާކުރީ ޢަލީ މަމްދޫހެވެ. މިހާރު އެފްއޭއެމުން ވަނީ އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވާ އޯޕަން ޑިވިޝަންގެ ތާރީޚާއި ރަށްތައް އާންމުކޮށްފައެވެ.