ކުޅިވަރު

ޓީ-10 މެޗްތައް މާލޭ ވެޓްރަންސް، މާލޭ ސްޕޯރޓްސް، ކޮމެޓްސްއާ މިލާންއަށް މޮޅެއް


ފުރަތަމަ ޓީ ޓެން ކްރިކެޓް މުބާރާތުގައި އިއްޔަ ކުޅުނު މެޗްތަށް މާލޭ ވެޓްރަންސް، މާލޭ ސްޕޯރޓްސް، ކޮމެޓްސް އަދި މިލާން ކްރިކެޓް އެކަޑަމީއިން ކާމިޔާބުކޮށްފިއެވެ. ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ފުރަތަމަ ޓީ ޓެން ކްރިކެޓް މުބާރާތުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗް މާލޭ ވެޓްރަންސް ކާމިޔާބުކޮށްފައިވަނީ ސީބީއެލްއާއި ވާދަކޮށް 8 ވިކެޓުން މެޗް ކާމިޔާބުކޮށްގެންނެވެ.
ފުރަތަމަ މެޗް ސީބީއެލް ކުޅެންއަރާ 7 ކުޅުންތެރިން ނުބައިވެގެން އެޓީމަށް ހެދުނީ 72 ލަނޑެވެ. ސީބީއެލްގެ ޝާޒް ހަބީބް 14 ލަނޑު ހެދިއިރު، ޗަންދަނާ 3 ވިކެޓްނެގިއެވެ. ޖަވާބުގައި މާލޭ ވެޓްރަނސް ކުޅެންއަރާ 2 ކުޅުންތެރިން ނުބައިވެގެން އެޓީމުން ވަނީ 7 އޯވަރުގެ ތެރޭގައި 73 ލަނޑު ހަދާފައެވެ. އަދި ޗަންދަނާ ނުބައިނުވެ 34 ލަނޑު ހެދިއެވެ.

ކުޅިވަރު އެކުވެނީގެ އެއްނަންބަރ ދަނޑުގައި މިމުބާރާތުގެ މެޗްތައް ކުރިއަށްދާއިރު، ދެވަނަ މެޗް މާލޭ ސްޕޯރޓްސް ކްލަބް ކާމިޔާބުކުރީ ނިއުސްޓާރއާ ވާދަކޮށް 7 ލަނޑުންނެވެ. މިމެޗްގައި މާލޭ ސްޕޯރޓްސް ކްލަބްރ ފުރަތަމަ ކުޅެންއަރާ 10 އޯވަރުގެ ތެރޭގައި 4 ކުޅުންތެރުން ނުބައިވެގެން އެޓީމަށް ހެދުނީ 73 ލަނޑެވެ. މިމެޗްގައި މާލޭ ސްޕޯރޓްސްއިން އެންމެ ރަގަނޅަށް ކުޅުނީ 20 ލަނޑު ހެދި އިސުރު 19ލަނޑު ހެދި ސަޗިތެވެ. ޖަވާބުގައި ނިއުސްޓާރ ކުޅެންއަރާ 10 އޯވަރު ހަމަވިއިރު 8 ކުޅުންތެރިން ނުބައިވެގެން އެޓީމަށް ހެދުނީ 66 ލަނޑެވެ. ނިއުސްޓަރ ޓީމުން އެންމެ ރަގަނޅަށް ކުޅުނީ ޢަބްދުލް ހައިރާމް އާއއި މެހެންދި ހަސަނެވެ. މިއިން ކޮންމެ އުކުންތެރިއެއް ވަނީ 2 ވިކެޓްނަގާފައެވެ.

ތިންވަނަ މެޗް ކޮމެޓްސް ކާމިޔާބުކޮށްފައިވަނީ އޮފް އެފްސީއާއި ވާދަކޮށް 9 ވިކެޓުން މެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗްގައި އޮފް އެފްސީއިން ކުޅެންއަރާ 10 އޯވަރުގެ ތެރޭގައި 8 ކުޅުންތެރިން ނުބައިވެގެން އެޓީމަށް ހެދުނީ 63 ލަނޑެވެ. އޮފް އެފްސީއިން އެންމެ ރަގަނޅަށް ކުޅުނީ 5 ވިކެޓް ނެގި ނަޒުމީއެވެ. ޖަވާބުގައި ކޮމެޓްސްއިން ކުޅެން އަރާ 6 ވަނަ އޯވަރުގެ ތެރޭގައި އެންމެ ކުޅުންތެރި އެއް ނުބައިވެގެން 64 ލަނޑުހަދާ މެޗް ކާމިޔާބުކުރިއެވެ. ކޮމެޓްސްއިން އެންމެ ރަގަނޅަށް ކުޅުނީ 32 ލަނޑު ހެދި ސައުފްއެވެ.

ހަތަރުވަނަ މެޗް މިލާން ކްރިކެޓް އެކަޑަމީ ކާމިޔާބުކުރީ އައިޒީ އާއި ވާދަކޮށް 88 ލަނޑުންނެވެ. މިލާން ކްރިކެޓް އެކަޑަމީ ކުޅެންއަރާ 3 ކުޅުންތެރިން ނުބައިވެގެން 158 ލަނޑު ހެދިއެވެ. އެޓީމްއިން އެންމެ ރަގަނޅަށް ކުޅުނީ ނާސިފުއާއި އަޒިޔާންއެވެ. މީގެއިން ކޮންމެ ކުޅުންތެރިއެއްވަނީ 38 ލަނޑު ހަދާފައެވެ. އަދި އިރުފާން ވަނީ 2 ވިކެޓް ނަގާފައެވެ. ޖަވާބުގައި އައިޒީ ކުޅެންއަރާ 10 އޯވަރުގެ ތެރޭގައި އެއް ކުޅުންތެރިއަކު ނުބައިވެގެން އެޓީމަށް ހެދުނީ 70 ލަނޑެވެ. އައިޒީއަށް އެންމެ ގިނަ ލަނޑު ހެދީ 33 ލަނޑު ހެދި އަފްލާހެވެ.