ޚަބަރު

15 ދިވެހިން ރައްކާތެރި ހިސާބުތަކުގައި، ވަރަށް އަވަހަށް ރާއްޖެ ގެނެވޭނެ: މިނިސްޓްރީ


ޔުކްރައިންގައި ތިބި ދިވެހިންގެ ތެރެއިން އިވަނޯ-ފްރެންކިވްސްކް ގައި ތިބި 15 ދިވެހިން މިވަގުތު ތިބީ ޔޫކްރެއިންއާ ހަންގޭރީ ބޯޑަރާއި ކައިރީގައި އޮންނަ އުޒްހޯޑުގައި ހުންނަ ހަންގޭރީ ކޮންސިއުލޭޓްގައި ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.

މި 15 ދިވެހިންނަށް ބޯޑަރު ހުރަސްކޮށް، ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓަށް ދަތުރުކުރުމުގެ އިންތިޒާމް، ހަންގޭރީ ސަރުކާރާއި ގުޅިގެން ދިވެހި ސަރުކާރުން ހަމަޖައްސާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރެއެވެ.

ފޮރިން މިނިސްޓްރީން މަޢުލޫމާތުދިން ގޮތުގައި ފޮރިން މިނިސްޓަރ ޝާހިދު ހަންގޭރީގެ ޚާރިޖީ ވަޒީރާ މީގެ ކުޑަ ވަގުތުކޮޅެއް ކުރިން ގުޅުއްވައި، ޔޫކްރެއިންގައި ތިބި ދިވެހިން ރައްކާތެރިކަމާއެކު ހަންގޭރީއަށް ގެންދިޔުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިކަމަށެވެ. މިކަމުގައި ހަންގޭރީގެ ފުރިހަމަ އެއްބާރުލުން ދިވެހިންނަށް ލިބޭނެކަމުގެ ޔަޤީންކަން އެޤައުމުން ދީފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ބުޑަޕެސްޓަށް ދިޔުމަށްފަހު 2 ދުވަހުގެ ތެރޭގައި ދިވެހިން ރާއްޖެ ގެނެވޭނެކަމަށްވެސް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއެވެ.
އިވަނޯ-ފްރެންކިވްސްކްގައި ކިޔަވަން ތިބި ދަރިވަރުންނަށް ކުރިން ނުފުރުނީ އެ ދަރިވަރުންގެ ކްލާސްތައް އޮންލައިން ކްލާސްތަކަށް ޔުނިވަރސިޓީން ބަދަލުކުރިތަނާ މާ ގިނަ އިރުތަކެއް ނުވެ އެގައުމުގެ ވައިގެ ސަރަހައްދު ބަންދުވުމާ ގުޅިގެންނެވެ.

ހަރްކީވްގައި ބާކީ ތިބި 8 ދިވެހިން، ޔޫކްރެއިންގެ ހުޅަނގަށް ގެންދިޔުމަށް ދަނީ މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް އެއީ ވަރަށް ދުރު ހިސާބެއްކަމުން، އަދި ހާލަތު އޮތް ގޮތުން އެކަމުގައި ދަތިތަކެއް އެބަހުރިކަމަށާއި، ރައްކާތެރިކަމާއެކު ހަރްކީވްގައި ތިބި ދިވެހިން ގެންދިޔުމަށްވެސް މަސައްކަތްކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ހަރްކީވްގައި ބާކީ ތިބި 8 މީހުންގެ ތެރެއިން 5 ދަރިވަރުންނަކީ އަމިއްލަ އެކި ސަބަބުތަކާ ހުރެ ކުރިން ނުފުރުނު ދަރިވަރުންނެވެ. ބާކީ ތިބި 3 މީހުންގެ އާއިލާ ޔޫކްރެއިންގައި ތިބިކަން ބަރލިންގައި ހުންނަ ދިވެހި އެމްބަސީއަށް އަންގާފައިވަނީ އިއްޔެ ކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ފޮރިން މިނިސްޓްރީން ދަނީ ނިޕްރޯގައި ހުރި ދަރިވަރުވެސް ހަންގޭރީ ބޯޑަރު ސަރަހައްދަށް ގެނައުމަށް މަސައްކަތްކުރަމުންނެވެ. އަދި ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް އެ ސަރަހައްދުގެ އެކި ގައުމުތަކާއެކު ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރެއެވެ.

ދަރިވަރުން ބޯޑަރު ހުރަސްކުރުމުން ބުޑަޕެސްޓަށް ގެންދިޔުމަށް ފޮރިން މިނިސްޓްރީން ވަނީ ޓީމެއް ހަމަޖައްސާފައެވެ.