ޚަބަރު

50 ގަޑިއިރު ޑައިވް: ޝަފްރާޒް 5 ގަޑިއިރަށް ވުރެ ގިނަ ވަގުތު އަޑީގައި


އޯޝަން 6/50 އިވެންޓްގައި މޫދު އަޑީގައި 50 ގަޑިއިރު މިވަގުތު ހޭދަކުރަމުންދާ ޝަފްރާޒް ނައީމްގެ ހާލު ރަގަނޅު ކަމަށް އޯޝަން 6/50 އިވެންޓް އިންތިޒާމް ކުރާ ފަރާތްކަމުގައިވާ ޔުނިކް ސްޕޯޓްސްއިން ބުނެފިއެވެ. މިއިވެންޓްގައި މޫދު އަޑީގައި 50 ގަޑިއިރު ހޭދަކުރާ ޝަފްރާޒް ނައީމަކީ ކުރިން ދިފާއީ ބާރުގައި ޑައިވަރަކަށް މަސައްކަތްކުރި މީހެކެވެ. މިއަދު މެންދުރު ފަހުގައި މިއިންވެޓް ފެށުމުގެ ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަމާއި ރާއްޖޭގެ ރީތިކަމުގެ މައްޗަށް އަލިއަލުއްވާލައްވަމުން ވިދާޅުވީ ރާއްޖޭގެ ކަޑުއަޑީގެ ރީތިކަމަކީ ފަތުރުވެރިން ބަލާ ފޫހިނުވާފަދަ މަންޒަރުތަކެއް ކަމަށެވެ.

އޯޝަން 6/50 އިވެންޓްގައި ޑައިވް ކުރާ ޝަފްރާޒް ޑައިވްއަށް ފުއްމާލާފައިވަނީ މިއަދު މެންދުރު ފަހު 03:30ގައެވެ. ޔުނިކް ސްޕޯޓްސްގެ ފަރާތުން މަޢުލޫމާތުދެމުން ރޭޝަން ޝަރީފް ވިދާޅުވީ ޝަފްރާޒުގެ ހާލު ރަގަނޅު ކަމަށާއި ޝަފްރާޒްއާއި މުއާސަލާތީ ގޮތުން ގުޅި، ވާހަކަދައްކަމުންދާކަމަށެވެ. އަދި މިއިވެންޓަށް ތައްޔާރުވުމުގެ ގޮތުން، މީގެ ދެދުވަސް ކުރިން ދިޔާ އެއްޗެތި ބޭނުންކޮށްގެން ޝަފްރާޒް ޑައިޓެއް ފަށާފައިވާ ކަމަށާއި މޫދު އަޑީގައި އޮވެގެން އޭނާ ބޭނުންކުރާނީ ދިޔާ ކާއެއްޗެތި ކަމަށް ރޭޝަން މަޢުލޫމާތުދިނެވެ. މިއަދު 03:30 ގައި އިވެންޓަށް ޝަފްރާޒް ފުންމާލާފައިވާއިރު، 50 ގަނޑިއިރު ހަމަވާނީ މިއަންނަ އާދިއްތަ ދުވަހުގެ ހަވީރު 05:30އަށެވެ.

ޝަފްރާޒްއަކީ ޑައިވް އިންސްޓްރަކްޓަރެއްގެ ގޮތުގައި މިއިންޑަސްޓްރީގައި 27 އަހަރު މަސައްކަތްކޮށްފައިވާ ފަރާތެކެވެ. މި އެކްސްޓްރީމް ޑައިވް އިވެންޓަށް ތައްޔާރުވުމަށް އޭނާ ވަނީ ފަންސާސް ގަޑިއިރު މޫދު އަޑީގައި އޮތުމަށްޓަކައި ހަށިގަނޑު ހާނާ، ނަފްސާނީ ގޮތުން ވާންޖެހޭ ތައްޔާރީތަކުގެ އިތުރުން ޓެކްނިކަލް ތަމްރީންތައްވެސް ފުރިހަމަކޮށްފައެވެ.

އޯޝަން 650 އަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ޑައިވިންގ އިންޑަސްޓްރީއަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ އެކްސްޓްރީމް ޑައިވިންގ އިވެންޓެކެވެ. މި ހަރަކާތުގެ ސަބަބުން ޕްލާސްޓިކް ކުނިން ކަނޑު ތަޣައްޔަރުވުމާއި މޫސުމަށް އަންނަ ބަދަލުތަކާއި، ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަނޑުގެ ދިރުންތައް އަދި މުޅި ކަނޑުފަޅުގެ ދިރުންތަކާމެދު ހޭލުންތެރިކަން އިތުރުކުރުމާއި މިކަންކަމަށް މާނަވީ އަދި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް ރާއްޖޭގެ އަދި ބައިނަލްއަޤްވާމީ ޑައިވިން ކޮމިއުނިޓީއާއި، މެރިން ރިސާޗަރުންނާއި، ތިމާވެށީގެ އެކްޓިވިސްޓުން އެއްތަނަކުން ބައްދަލުވެ ވަކާލާތުކުރުމަށް މަގުތަނަވަސް ވެގެންދާނެއެވެ.

ކުޑަގިރި ފަރުގައި ޝަފްރާޒް 50 ގަޑިއިރު މޫދުގެ 63 މީޓަރުގައި ހޭދަކުރާނެއެވެ. އޭނާގެ ޓީމުގައި ތަޖުރިބާކާރު ޑައިވަރުން ބައިވެރިވާނެއެވެ.