ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް އިންތިޚާބު ބާއްވައިފި


ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ނުވަތަ އެފަދަ މީހުންނަށް ޚިދުމަތްދޭ މަދަނީ ޖަމްޢިއްޔާތަކުން ޢައްޔަންކުރާ މެންބަރަކު އިންތިޚާބުކޮށްފިއެވެ.

މި މަޤާމަށް އިންތިޙާބުވެފައިވަނީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ޗީފް އެގްޒިކިއުޓިވް އޮފިސަރ ޑރ.އިސްމާޢީލް ޝަފީއުއެވެ. މި މަޤާމަށް ޑރ.އިސްމާޢީލް ޝަފީޢު އިންތިޚުބުވެފައިވަނީ 4 ވޯޓު ލިބިގެންނެވެ.

މި މަޤާމަށް ދެން ކުރިމަތިލާފައިވާ މަރްޔަމް ސަހުދާއަށް 3 ވޯޓް ލިބިފައިވާއިރު އާމިނަތު ހައިފާ ނައީމަށް ލިބިފައިވަނީ 2 ވޯޓެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިތުރު ދެ ދާއިރާއެއްގެ އިންތިޚާބު ވަނީ ފަސްކޮށްފައެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބެވެ.

މި ދެ އިންތިޚާބު ފަސްވެފައިވަނީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤުލިބިގެންވާ މީހުންނަށް އިންތިޚާބުގެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާގޮތުން ވޯޓުލުމުގައި އެންމެ ފުރިހަމައަށް ބައިވެރިވުގެ ފުރުޞަތު ލިބިގެންނުދާކަމުގެ ޝަކުވާތައް ލިބެމުންދާތީކަމަށް ޖެންޑަރ މިނިސްޓްރީން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، މިކަންކަމަށް ރިއާޔަތްކުރުމަށްފަހު ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންނަށް ވޯޓުލުމުގެ ޙައްޤު ގެއްލިގެން ދާތީވެ، ވޯޓުލުމުގެ ޙައްޤު ލިބޭ ހުރިހާ ފަރާތްތަކަށް ފަސޭހަކަމާއިއެކު ވޯޓުލެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެހެންނަމަވެސް އެ ދާއިރާތަކުގެ އިންތިޚާބު އަލުން ބޭއްވުމަށް އަދި ވަކި ތާރީޚެއް ކަނޑައަޅާފައެއް ނުވެއެވެ.

މި އިންތިޚާބަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ 4ވަނަ މާއްދާގެ (ހ)ގެ ދަށުން އުފައްދަންޖެހޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލެވެ.