ރިޕޯޓް

ރިޕޯޓް: ކުޅިވަރު ސިޔާސަތުގެ ދަށުން އިސްކަންދެއްވަނީ ނަތީޖާއަށް


ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއްދޭ އެއް ދާއިރާއަކީ ކުޅިވަރާއި ޒުވާނުންނެވެ. ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދީ ތަފާތު ދާއިރާތަކުން ޒުވާނުން ކުރިއެރުވުމެވެ. ކުޅިވަރުގެ ދާއިރާއަކީ ޒުވާނުންގެ މައްޗަށް ބިނާވެފައިވާ ޒުވާނުންގެ ދާއިރާއެކެވެ. މިއަދުގެ ސަރުކާރުން ޒުވާނުންނާއި ކުޅިވަރަށްދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ އެންމެ ބޮޑު އެއް ހެއްކަކީ ޒުވާނުންނާއި ކުޅިވަރުގެ މިނިސްޓްރީއަށް ތިންސަތޭކަ މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅުއްވުމެވެ. ކުޅިވަރުގެ ވަޞީލަތްތައް ޤާއިމްކުރެއްވުމަށް މާލެއާއި އަތޮޅުތެރޭގައި ގިނަ މަޝްރޫއުތަކެއް ހިންގެވުމެވެ. ރާއްޖޭގެ ކްލަބްތަކާއި، ޤައުމީ ޓީމްތަކާއި، އުމުރުފުރާގެ ޓީމްތައް ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގައި މާލީ އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދާ ގެންދިއުމެވެ. ބޮޑަތި ގޭމްސްތަކުގައި ރާއްޖޭގެ ޓީމްތަކާއި ކުޅުންތެރިންނާއި އެތްލީޓުން ވާދަކުރާއިރު، ޚަރަދުގެ ބޮޑު އިންސައްތައެއް ދިވެހި ސަރުކާރުން ޙިއްޞާކުރެއްވުމެވެ. ވޭތުވެދިޔަ ދެއަހަރުގެ ހިސާބުތަކަށް ބަލާއިރު ފެންނަން އޮތް ހަޤީޤަތަކީ މިއީއެވެ. ހަމައެކަނި 2014 އަހަރުގެ މިދެންނެވި ދާއިރާތަކަށް އެކަނި ބެލިޔަސް 91 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދައެއް ކޮށްފައިވާކަން އެމިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ. އޭގެތެރޭގައި ރާއްޖޭގެ ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް 22 މިލިއަނާއި ކައިރިކުރާ އަދަދަދަކަށް ފައިސާ ހޭދަކޮށްފައިވާކަން ފާހަގަކުރެވެއެވެ. 15 އެސޯސިއޭޝަނަކަށް 2014 އަހަރުވެސް ސަރުކާރުން ފައިސާދީފައިވާކަމަށް އެމިނިސްޓްރީން މައުލޫމާތުދެއްވައެވެ. އޭއެފްސީކަޕްގައި ވާދަކުރި ރާއްޖޭގެ ދެކްލަބަށް އެކަނިވެސް ދެމިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަން މިނިސްޓްރީގެ ހިސާބުތަކުން ފާހަގަކުރެވެއެވެ. ހަމައެހެންމެ ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށްވެސް ދެމިލިއަނާއި ގާތްކުރާ އަދަދަކަށް ފައިސާ ހޭދަކޮށްފައިވެއެވެ. މީގެއިތުރުން އެޓީމްތަކުގެ ކޯޗުންނަށް ދޫކުރި ފައިސާއާއި، ދެވަނަ ޑިވިޝަންގެ ކްލަބްތަކަށް ދޫކުރި އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ހިމެނެއެވެ. ކްލަބް ޖަމްއިއްޔާތަކާއި ކައުންސިލްތަކަށްވެސް މިނިސްޓްރީގެ ބަޖެޓުން ވަނީ 2014 އަހަރުވެސް ބޮޑު ހޭދައެއް ކުރައްވާފައެވެ. އެއަހަރު ރާއްޖޭގައި އޮތް ކުޅިވަރުގެ އެންމެ ބޮޑު އިވެންޓް އޭއެފްސީ ޗެލެންޖްކަޕް ބޭއްވުނީވެސް ސަރުކާރުގެ ވަރަށް ބޮޑު ހޭދަޔަކާއެކުގައެވެ. މިނިސްޓްރީގެ ބަޖެޓުން އެކަނިވެސް 62 މިލިއަނަށްވުރެ ގިނަ ރުފިޔާ އެމުބާރާތަށް ހޭދަކުރައްވާފައިވާކަމަށް ހިސާބުތަކުން ދައްކައެވެ.ދެހާސް ސާދަވަނަ އަހަރު ރާއްޖޭގެ އެތްލީޓުން ވާދަކުރި ގޭމްސްތަކަށްވެސް ސަރުކާރުންވަނީ އެހީތެރިވެދީފައެވެ. އޭގެތެރޭގައި އޭޝިއަން ގޭމްސް، އޭޝިއަން ބީޗްގޭމްސް، ކޮމަންވެލްތް ގޭމްސް، ސާބާ ޗެމްޕިއަންޝިޕް، ވަރލްޑް ޗެސް އޮލިމްޕިއާޑް ހިމެނެއެވެ. ނިމިގެންދިޔަ އަހަރަށް ބަލާއިރުވެސް 29 މިލިއަނަށްވުރެ ގިނަ ރުފިޔާ 17 އެސޯސިއޭޝަނަކަށް ދޫކޮށްފައިވާކަން މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ. އޭއެފްސީކަޕްގައި ވާދަކުރި ދެ ޓީމަށްވެސް ދެމިލިއަން ހަސަތޭކަ ނުވަދިހަ ހަތަރު ހާހަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެއެވެ. ޓީމްތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ޓިކެޓް ނަގާދީފައިވަނީ މިނިސްޓްރީގެ ބަޖެޓުންނެވެ. 2014 ވަނަ އަހަރެކޭ އެއްގޮތަށް ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަންގެ ކްލަބްތަކަށް ފައިސާގެ އެހީތެރިކަން ދީ، ޓީމްތަކުގެ ކޯޗުންގެ މުސާރައަށްވެސް މިނިސްޓްރީގެ ބަޖެޓުން ފައިސާ ދޫކޮށްފައިވެއެވެ. ޤައުމީ ކުޅުންތެރިންނަށް މުސާރަ ދިނުމަށް ނިންމަވައި ކުޅުންތެރިންގެ މުސާރައިގެ ގޮތުގައިވެސް މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ހަތްމިލިއަން ރުފިޔާއަށްވުރެ ބޮޑު ހޭދައެއް ކުޅިވަރާއި ބެހޭ ވުޒާރާގެ ބަޖެޓުން ކުރެއްވިއެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަކީ ރާއްޖެއިން މިހާތަނަށް އެންމެ ބޮޑު ކޮންޓިންޖެންޓެއް ބައިވެރިވެ، އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ގޭމްސްއެވެ. އެގޭމްސްއަށްވެސް ސަރުކާރުން ވަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީ، ކާމިޔާބު ހޯދި ކުޅުންތެރިންނަށްވެސް ފައިސާގެ އިނާމް ދީފައެވެ. ގޭމްސްއަށް ސަރުކާރުން ވަނީ 12 މިލިއަން ރުފިޔާ ދެއްވާފައެވެ. މިދިޔަ އަހަރު ރާއްޖެއިން ބައިވެރިވެ، ވާދަކުރި ޞަރަހައްދީ އަދި ބައިނަލްއަޤްވާމީ އެހެން އިވެންޓްތަކަށް ބަލާއިރު ކޮމަންވެލެތް ޔޫތް ގޭމްސް، އޭޝިއަން ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް، އޭސީސީ ޓްވެންޓީ ޓްވެންޓީ މުބާރާތް، އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕް އަދި އޭޝިއަން ޗެސް ޗެމްޕިއަންޝިޕް ހިމެނެއެވެ. މިދިޔަ ދެއަހަރަށް ބަލާއިރުވެސް ގޭމްސްތަކަށް އެކަނިވެސް ސަރުކާރުން ޚަރަދުކޮށްގެން ފަސްސަތޭކައަށްވުރެ ގިނަ ކުޅުންތެރިންނާއި އެތްލީޓުން ރާއްޖެއިން ބޭރަށްދިޔައެވެ. ގޭމްސްތަކުގައި ޓީމްތައް ބައިވެރިކުރުމަކީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޒިންމާއެކެވެ. ކުޅިވަރުގެ ބަސްވިކޭ ބޭފުޅުން އެކޮމިޓީގައި ތިއްބަވައެވެ. ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ ބޭފުޅުންގެ ތެރޭގައިވެސް އޭގެތެރެއިން ބޭފުޅުން ހިމެނެއެވެ. ސަރުކާރަކީ މާލީގޮތުން އެހީތެރިވާ ފަރާތެވެ. ސަރުކާރުގެ މިހާރުގެ ސިޔާޔަތަކީ ނަތީޖާ ޙާޞިލްކުރެވޭނެ، ވާދަކުރެވޭ އަދި ތައްޔާރުވާ ކުޅިވަރުތަކަށް ވިސްނައިގެން އެފަދަ އެހީތެރިކަން ފޯރުކޮށްދެއްވުމެވެ. މިދުވަސްވަރަކީ ބައެއް އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް ބޯވަތިވެގެން އަންނަ ދުވަސްވަރެވެ. އެކަމުގެ ސަބަބުން މިނިސްޓްރީއާއި ސަރުކާރުގެ ބައެއް ކަންކަން ބަލައިގަތުމުގެ ބަދަލުގައި ވަކި ވަކި ބޭފުޅުންކޮށްދެއްވާ ކަންތައްތަކެއްގެ ގޮތުގައި އެކަންކަން ދައްކަވަން މަސައްކަތްކުރައްވަމުންދާކަން ފާހަގަކުރެވެއެވެ.