ރަޝިޔާގެ ޤައުމީ އެއަރލައިންކަމަށްވާ އޭރޯފުލޯޓު އިނގިރޭސިވިލާތުގައި އުދުހުން މަނާކޮށް ރަޝިޔާއާއެކު އޮންނަ މާލީ ގުޅުންތައް ކަނޑާލައިފިއެވެ.
ރިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގައި ތަޤްރީރުކުރައްވަމުން އެ ޤައުމުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންވަނީ ޔޫކްރެއިންނަށް ވަރުގަދަ ޙަމަލާތަކެއް ދޭން ފެށުމުން އެ ކަމުގެ ރައްދެއްގެ ގޮތުން ރަޝިޔާއާ ދެކޮޅަށް މީގެ ކުރިން ނާޅާވަރުގެ ހަރުކަށި އިޤްތިޞާދީ އަދި މާލީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާކަން އިޢުލާންކުރައްވައިފައެވެ. އެ ގޮތުން އިނގިރޭސިވިލާތުގައި ހިންގައި ރަޝިޔާގެ ބޭންކުތަކާއި އެއްވެސް މާލީ މުޢާމަލާތެއް ނުކުރުމަށާއި އެ ބޭންކުތަކުގެ މުދަލާއި ފައިސާ ހިފެހެއްޓުމާއި ސުޓާލިން ޕައުންޑާއި ޑޮލަރުގެ މުޢާމަލާތްތައް ކުރުން މަނާކުރުމާއި ލޯނުތައް ލިބޭނެ ދޮރުތައް ބަންދުކުރުން ހިމެނެއެވެ. އަދި 100އަށްވުރެ ގިނަ ކުންފުންޏާއި ވަކިވަކި ފަރުދުންގެ މުދަލާއި ފައިސާ ހިފަހައްޓައި ޓެކްނޮލޮޖީގެ ދާއިރާއިންނާއި ހަކަތައިގެ ދާއިރާއިން ރަޝިޔާއިން ބޭނުންވާ ސާމާނު އިނގިރޭސިވިލާތުން ހޯދުން މަނާކުރުންވެސް ޖޮންސަން އިޢުލާންކުރެއްވި އިޤްތިޞާދީ އަދި މާލީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެއެވެ.
ޔޫކްރެއިންނާ ދެކޮޅަށް ރަޝީޔާއިން ޙަމަލާ ދިނުމުގައި އެހީތެރިކަން ފޯރުކޮށްދިން ބެލަރޫސްސާ ދެކޮޅަށްވެސް އެފަދަ ފިޔަވަޅުތަކެއް އިނގިރޭސިވިލާތުންވަނީ އަޅައިފައެވެ. އަދި އިނގިރޭސިވިލާތުން އެޅިފަދަ ފިޔަވަޅުތަކެއް އެމެރިކާއާއި ވިލާތުގެ އިއްތިޙާދުންވެސް ރަޝިޔާއާ ދެކޮޅަށް އަޅާނެކަމަށް ޖޮންސަންވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި ޔޫކްރެއިނުގައި ހިނގަމުންދާ ހަނގުރާމަ ނިމޭނީ ރަޝިޔާ ބަލިވެގެންނެވެ.
ރަޝިޔާއިން ބުނެފައިވަނީ އެ ޤައުމާ ދެކޮޅަށް އަޅައި ދަތިކުރުމުގެ ފިޔަވަޅަކުން ލިބޭނެ ގެއްލުމެއް ނެތްކަމަށާއި އެފަދަ ފިޔަވަޅުތަކަކީ އައު ކަމެއް ނޫންކަމަށެވެ. މީގެ ކުރިންވެސް ހުޅަނގުގެ ބާރުތަކުންވަނީ ރަޝިޔާއާ ދެކޮޅަށް ހަރުކަށި އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފައެވެ. ނަމަވެސް ރަޝިޔާއިން ބުނާ ގޮތުގައި ކުރިޔަށްވުރެ އެ ޤައުމު މިހާރު އޮތީ ވަރުގަދަކަންމަތީގައެވެ.