ޚަބަރު

ޔޫކްރެއިނުގެ ދިފާޢުގައި ރަޝިޔާއާ ކުރިމަތިލުމުގެ ވިސްނުމެއް ނޭޓޯއިން ނުގެންގުޅޭ


ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ ވިސްނުމަކީ ވިލާތުގެ އިރުމަތީ ބިތުގެ ޤައުމުތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުންކަމަށް އެ އިއްތިޙާދުގެ ސެކެޓުރީ ޖެނެރަލް ޔެންސް ސުޓޮލްޓެންބާގު ވިދާޅުވެއްޖެއެވެ.

ޔޫކްރެއިނުގެ ދިފާޢުގައި ރަޝިޔާގެ ފައުޖުތަކާ ދެކޮޅަށް ކުރިމަތިލުމަކަށް ނޭޓޯއިން ނުދާނެކަން ފާހަގަކުރައްވަމުން ސުޓޮލްޓެންބާގު ވިދާޅުވީ އެއްގަމު މަގުންނާއި ކަނޑު މަގުންނާއި ވައިގެ މަގުން އެ އިއްތިޙާދުގެ ފައުޖުތައް އޮތީ ތައްޔާރީ ޙާލަތެއްގައިކަމަށެވެ. އެ ގޮތުން ނޭޓޯގެ 100 އަސްކަރީ މަތިންދާބޯޓު ވިލާތުގެ އިރުމަތީ ބިތުގެ ޤައުމުތަކުގައި ތައްޔާރީ ޙާލަތެއްގައި އޮތްކަމަށާއި ނޭޓޯގެ ޤައުމަކަށް ޙަމަލާއެއް ޢަމާޒުވެއްޖެނަމަ ވަރުގަދަ ރައްދެއް އެ އިއްތިޙާދުން ދޭނެކަމަށް ސުޓޮލްޓެންބާގު ވިދާޅުވިއެވެ.

ނޭޓޯގެ މެންބަރު 30 ޤައުމާއެކު ކުރެއްވި މަޝްވަރާތަކަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ސުޓޮލްޓެންބާގު ވިދާޅުވީ ރަޝިޔާގެ ޢަމަލުތަކުގެ ސަބަބުން ވިލާތުގައި އޮތް ޞުލްޙަވެރިކަން ގެއްލިފައިވާކަމަށާއި އެ ޤައުމުން މަސައްކަތްކުރަނީ ބާރުގެ ބޭނުންކޮށްގެން ތާރީޚު ބަދަލުކޮށް ޔޫކްރެއިނުގެ މިނިވަންކަމާއި އިސްތިޤްލާލު ނަގާލުމަށްކަމަށެވެ. އަދި ޔޫކްރެއިނަށް ޙަމަލާ ދިނުމަށް ރަޝިޔާއިންވަނީ ދުރާލައި ތައްޔާރުވެފައިވާކަމަށާއި ރަޝިޔާގެ ޢަމަލުތަކުގެ ސަބަބުން ކުށެއްނެތް ޢާއްމުންގެ ފުރާނަގެއްލެމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވިލާތުގެ ޤައުމެއްގެ ގޮތުގައި އޮންނަ ޔޫކްރެއިނަކީ ނޭޓޯގެ މެންބަރު ޤައުމެއް ނޫނެވެ. އެހެންކަމުން ޔޫކްރެއިނުގެ ދިފާޢުގައި އެ ޤައުމަށް ނޭޓޯގެ ފައުޖުތައް ފޮނުވައި އަސްކަރީ ފިޔަވަޅުތަކެއް ނޭޅޭނެއެވެ. ނަމަވެސް އެހެން ގޮތްގޮތަށް ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ނޭޓޯގެ އިތުރުން ވިލާތުގެ އިއްތިޙާދުންވަނީ ބުނެފައެވެ. އަދި ޔޫކްރެއިނަށް ދުވަހަކުވެސް ނޭޓޯގެ މެންބަރުކަން ނުދޭނެކަމުގެ ޔަޤީން ދިނުމަށް ރަޝިޔާއިން އެދުނު ނަމަވެސް އެ އިއްތިޙާދުންވަނީ އެއީ ބަލައިގަނެވޭނެ ޝަރުތެއް ނޫންކަމަށް ބުނެފައެވެ.