ކުޅިވަރު

ބެންފީކާ އާއި އަޔެކްސް ބައްދަލުކުރި ފުރަތަމަ މެޗް އެއްވަރު


ޔުއޭފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް 16 ފުރަތަމަ ލެގްގައި ބެންފިކާ އާއި އަޔެކްސް އެމްސްޓަޑަމް ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. ބެންފީކާގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ 2 ލަނޑު 2 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އަޔެކްސްއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ބެންފީކާއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 18 ވަނަ މިނެޓްގައި ޖަހައި، ލީޑު ނެގީ އަޔެކްސްއެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ޑުސާން ޓަޑިޗްއެވެ. ނަމަވެސް މިލަނޑު ޖެހިތާ 8 މިނެޓްފަހުން ބެންފީކާއިންވަނީ އެއްވަރުކޮށްފައެވެ. މިލަނޑަކީ އަޔެކްސްގެ ފޯވަޑް ސެބަސްޓިއަން ހާލަރ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިލަނޑު ބައިކޮޅަށް ޖެހިތާ ތިން މިނެޓްފަހުން ހާލަރވަނީ އަޔެކްސްއަށް މިމެޗްގައި ދެވަނަ ފަހަރަށް ލިޑު ނަގާދީފައެވެ.

މިއީ މިފަހަރުގެ މުބާރާތުގައި އޭނާ ކާމިޔާބުކުރި 11 ވަނަ ލަނޑެވެ. މިމެޗްގައި ބެންފީކާއަށް ދެވަނަ ފަހަރަށް އެއްވަރު ކޮށްދިނީ މެޗްގެ 72 ވަނަ މިނެޓްގައި ރޯމަން ޔަރެމްކުޗް ޖަހާދިން ލަނޑުންނެވެ.
މިދެޓީމްގެ މެދުގައި ކުޅޭ ދެވަނަ ލެގްގެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގެ 15 ވަނަ ދުވަހު އަޔެކްސްގެ ދަނޑުގައެވެ.