ކުޅިވަރު

ބަރންލީން ޓޮޓްނަމް ހޮޓްސްޕަރ މައްޗަށް ކުރި ހޯދައިފި


އިންގްލިޗް ޕްރިމިއަރ ލީގުގައި ބަރންލީ އާއި ޓޮޓްނަމް ހޮޓްސްޕަރ ބައްދަލުކުރިމެޗް ބަރންލީ ކާމިޔާބުކޮށްފިއެވެ. ބަރންލީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޓޮޓްނަމުން ގިނަ އިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ބަރންލީއިންނެވެ. މިމެޗްގައި ބަރންލީއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 71 ވަނަ މިނެޓްގައި ޖަހައިދިނީ ކެޕްޓަން ބެން މީއެވެ. މިމެޗްގައި ދެޓީމަށްވެސް ލަނޑު ޖަހާނެ ފުރުސަތު ލިބިގެންދިޔަ ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މިއީ މި ފަހުން ބަރންލީއިން ޖެހިޖެހިގެން ދެމެޗް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. އަދި މިއީ ޓޮޓްނަމް އެންމެފަހުން ކުޅުނު ފަސް މެޗްގެ ތެރެއިން ބަލިވި ހަތަރު ވަނަ މެޗެވެ. އެންމެފަހުން މެންޗެސްޓަރ ސިޓީއާއެކު ކުޅެ މޮޅުވި މެޗަށްފަހު ޓޮޓްނަމަށް އިތުރު ހިތްވަރެއް ލިބިގެންދާނެކަމަށް ބެލެވުނު ނަމަވެސް އެކުޅުން މިމެޗްގައި ތަކުރާރު ކުރެވެ ގޮތެއް ނުވިއެވެ. އަދި ޓޮޓްނަމްގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ވަނީ މެޗް ނިމުމާއެކު ޑްރެސިންގ ރޫމަށް ވަދެގެން ގޮސްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ކޮންޓޭ ބުނީ ޓީމަށް ކާމިޔާބީ ހޯދައިދިނުމަށް ކުރެވެންއޮތް ހުރިހާ މަސައްކަތެއް އޭނާ ކުރަމުން ކަމަށާއި އޭނާގެ މަސައްކަތް މިވަގުތަށް ނުފުދޭކަމަށެވެ. އަދި ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވުން މިއީ ގަބޫލް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ޓޮޓްނަމްއަށް މިދިމާވާ މައްސަލަ ތަކުގެ އަސްލަކީ ކޯޗް ކަމަށްވާ ނަމަ އޭނާ އެކަމުން ދުރަށް ދާން ތައްޔާރަށް ހުރި ކަމަށެވެ.

މިކާމިޔާބީއާއެކު ބަރންލީ މިހާރުވަނީ 23 މެޗުން ލިބިފައިވާ 20 ޕޮއިންޓައެކު ތާވަލްގެ 18 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި އެޓީމް ނުކުޅެ ބައެއް މެޗް ހުރުމުން ރެލިގޭޝަނުން ބަރންލީއަށް ސަލާމަތް ވެވޭނެކަމަށް މިހާރު ވަނީ ބެލެވެން ފަށާފައެވެ. މިމެޗުން ބަލިވުމުން ޓޮޓްނަމް މިހާރު އުޅެނީ 24 މެޗުން ލިބިފައިވާ 39 ޕޮއިންޓާއެކު ތާވަލްގެ 8 ވަނައިގައެވެ.