މުނިފޫހިފިލުވުން

"ދަ ގްރޭޓް އިންޑިއަން ކިޗަން" ގެ ހިންދީ ރީމޭކަށް ސަނާޔާ


51 ވަނަ ކެރެލާ ސްޓޭޓް ފިލްމު އެވޯޑްސް އިން އެންމެ މޮޅު ފިލްމުގެ އެވޯޑް ހޯދި މަލަޔާލަމް ފިލްމު "ދަ ގްރޭޓް އިންޑިއަން ކިޗަން" ގެ ހިންދީ ރީމޭކްގެ މަސައްކަތް ފަށައިފިއެވެ.

ފިލްމުގެ ލީޑްރޯލުން ފެންނާނީ "ދަންގަލް"، "ބަދާއީ ހޯ" އަދި "ޝަކުންތަލާ ދޭވީ" އިންވެސް ފެނުނު ތަރި ސަނާޔާ މަލޯތްރާއެވެ. ސަނާޔާ ހުރީ މި ފިލްމު ވަރަށް ކުޅޭހިތުން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

އަރާތީ ކާދަވް ޑައިރެކްޓްކުރާ މި ފިލްމުގެ ކޯ ޕްރޮޑިއުސަރަކީ ހަރުމަން ބޭޖްވާ އެވެ. އަރާތީ ވަނީ ފިލްމު "ކާގޯ" ވެސް ޑައިރެކްޓުކޮށްފައެވެ.

މިދިޔަ އަހަރު ރިލީޒްކުރި މަލަޔާލަމް ފިލްމު "ދަ ގްރޭޓް އިންޑިއަން ކިޗަން" ގައި ދައްކަނީ އަލަށް ކައިވެނިކޮށްގެން ފިރިމީހާގެ ގެއަށް ދާ އަންހެނަކު އޭނާގެ ފިރިމީހާއާއި ގޭ މީހުން އުންމީދުކުރާ ގޮތަށް އުޅެން މަސައްކަތްކުރާތަނެވެ.