ޚަބަރު

އައިއެސް ޖަމާޢަތާގުޅުން އޮތް ދިވެއްސަކު މާލެއިން ހައްޔަރުކޮށްފި


ޓެރަރިސްޓް ޖަމަޢާތެއްކަމަށްވާ އިސްލާކިމް ސްޓޭޓް ނުވަތަ އައި.އެސް ޖަމާޢަތާ ގާތްގުޅުމެއް އޮންނަ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

މިކަން ހާމަކުރައްވާ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އައި.އެސް ޖަމާޢަތާގުޅުން އޮންނަ މި މީހާ ހައްޔަރުކޮށްފައިވަނީ ދިވެހި ފުލުހުންނާއި، އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން އެފް.ބީ.އައި އަދި ޔޫރަޕިއަން ޔޫނިއަންގެ ދެ ޤައުމެއްގެ ކަމާގުޅުންހުރި އިދާރާތައް ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

މި އޮޕަރޭޝަންގެ ތެރެއިން ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެނާ ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 6ވަނަ ދުވަހު މާލެއިންނެވެ.

ސީޕީ ވިދާޅުވީ، މި މައްސަލައިގައި ހައްޔުކުރި މީހާއަކީ ހައްދުފަހަނައަޅާ ދިއުމާއި ހަރުކަށި ފިކުރުތައް ފެތުރުމާއި އަދި ވަކިން ޚާއްސަކޮށް ޔޫރަޕްގެ ބިމުގައި ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ގޮވާލުމާއި ޔޫރަޕް ޤައުމުތަކުގެ ވެރިންނަށް ގެއްލުން ދިނުމަށް އެކިކަހަލަ ކެމްޕޭންތައް ހިންގާ މީހެއްކަމަށެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން އޭނާ ރާއްޖޭގައި ހުރެގެން މި ހަރަކާތް ހިންގާކަން ފާހަގަކުރެވޭކަމަށެވެ.

ފުލުހުންނާއި އެފް.ބީ.އައި އަދި ޔޫރަޕިއަން ޔޫނިއަންގެ ދެ އިދާރާއަކާ ގުޅިގެން މި މައްސަލައަކީ ޓެރަރިޒަމްގެ ބޮޑު މައްސަލައެއްގެ ގޮތުގައި މިހާރު ތަޙްޤީޤުކުރަމުންދާކަމަށް ސީޕީ ވިދާޅުވިއެވެ. އަދި މިކަމާގުޅޭ އިތުރު ތަފްޞީލު ވަރަށް އަވަހަށް ހާމަކުރައްވާނެކަމަށްވެސް ސީޕީ ވިދާޅުވިއެވެ.