ޚަބަރު

ވަކީލަކު ޢައްޔަނުކުރަން އަދީބަށް 15 ދުވަސް ދީފި


ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބް ފިސްތޯލެއް ގެންގުޅުނުކަމަށް ބުނެ ދައުލަތުން އެނާއާއި ދެކޮޅަށް ދައުވާކުރާ މައްސަލަގައި ވަކީލަކު ޢައްޔަންކުރުމަށް 15 ދުވަހުގެ މުއްދަތު ކުރިމިނަލްކޯޓުން ދީފިއެވެ. އަދީބާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ ވަނީ ޓެރަރިޒަމްގެ ކުށުގެ ދަޢުވާއެވެ. މި މައްސަލައިގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ވާހަކަދައްކަވަމުން އަދީބު ވިދާޅުވީ ދައުލަތުން ހުށައެޅި ދަޢުވާގެ ލިޔެކިޔުންތަކުގެ ތެރެއިން ޚުލާސާ ބަޔާނެއް ފިޔަވައި އެއްވެސް ލިޔުމެއް މިހާތަނަށް ލިބިފައިނުވާތީ ވަކީލަކު ހޯދުމަށް ދަތިވެފައިވާ ކަމަށެވެ. އަދި އެ ބަޔާނުގައި ވާގޮތުން ދައުލަތުން އެނާއާއި ދެކޮޅަށް ދައުވާކުރަނީ ފިސްތޯލެއް ހިފައިގެން ހުރިކަމަށް ތުހުމަތުކޮށް ކަމަށް އަދީބް ވިދާޅުވިއެވެ. މިއަދުގެ އަޑުއެހުމުގައި ވަކީލަކު ޢައްޔަންކުރުމަށް އެއްމަސްދުވަހުގެ މުއްދަތަކަށް އަދީބު އެދިވަޑައިގެންފައިވެއެވެ. ލިޔެކިޔުންތައް ހޯއްދެވުމަށް އަދީބް އެދިވަޑައިގަތުމުން ދައުލަތުގެ ވަކީލް ވިދާޅުވީ ސިއްރު ކުރަންޖެހޭ ލިޔެކިޔުންތައް ފިޔަވާ ހުރިހާ ލިޔެކިޔުންތައް ކޯޓް މެދުވެރިކޮށް ފޯރުކޮށް ދެއްވާނެކަމަށެވެ. ދައުލަތުން އަދީބާއި ދެކޮޅަށް ހުށައަޅާފައިވާ ޓެރަރިޒަމްގެ ދަޢުވާ ބައްލަވަނީ 3 ފަނޑިޔާރުންގެ ބެންޗަކުންނެވެ. ވަކީލަކު ޢައްޔަން ކުރުމަށް 1 މަސް ދުވަހުގެ މުއްދަތެއް އަދީބް އެދިވަޑައިގެންނެވި ނަމަވެސް ކޯޓުން ދީފައިވަނީ 15 ދުވަހުގެ މުއްދަތެކެވެ.މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުން ނިންމާލީ އިތުރު އަޑުއެހުމެއް އަންނަ މަހުގެ 15 ވަނަ ދުވަހު ބާއްވާނެކަން މައްސަލަ ބައްލަވާ ބެންޗުން އިއުލާންކުރެއްވުމަށް ފަހުއެވެ. މިއަދުގެ އަޑުއެހުން ކުރިޔަށް ގެންގޮސްފައިވަނީ އަދީބު ކުރިމިނަލްކޯޓަށް ހާޒިރުކޮށްގެންނެވެ. މިއީ އެނާއާއި ދެކޮޅަށް ދައުލަތުން އުފުލި ދަޢުވާއެއްގައި އެނާ މާލެ ގެނައި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ބޭއްވުނު ޝަރީއަތުގެ މަޖިލީހާއި ބަންދުގެ މުއްދަތުގެ މަޖިލިސްތައްވެސް ކުރިޔަށް ގެންގޮސްފައިވަނީ ކުރިމިނަލްކޯޓާއި ދޫނިދޫ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ގުޅާލައިގެންނެވެ. މިއަދުގެ އަޑުއެހުން ކުރިޔަށް ދިޔައިރު އެ ސަރައްޙައްދުގެ ސަލާމަތީ ކަންކަން ފުލުހުން ވަނީ ވަރަށް ވަރުގަދަ ކޮށްފައެވެ. އެމްއެމްޕީއާރްސީން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ރަށްތަކެއް ދިން މައްސަލައިގައި ރަސްމީ ހައިސިއްޔަތު ނަހަމު ގޮތުގައި ބޭނުންކުރި ކަމުގެ ދަޢުވާ މީގެ ކުރިން އަދީބާއި ދެކޮޅަށް ދައުލަތުން އުފުލާފައިވެއެވެ. މި މައްސަލައިގައި ވަކީލަކު ޢައްޔަންކުރުމަށް 1 މަސްދުވަހުގެ މުއްދަތެއް ކޯޓުން ދެއްވާފައިވެއެވެ.