ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލުގެ ދެ ދާއިރާއެއްގެ އިންތިޚާބު ފަސްކޮށްފި


ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ، ދެ ދާއިރާއެއްގެ އިންތިޚާބު ފަސްކޮށްފިއެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، އިންތިޚާބު ފަސްކުރި ދެ ދާއިރާއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބު ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ނުވަތަ އެފަދަ މީހުންނަށް ޚިދުމަތްދޭ މަދަނީ ޖަމްޢިއްޔާތަކުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން މާދަމާ ހެނދުނު 09.00 ފެށިގެން 11.00ގެ ނިޔަލަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގައި ކުރިއަށް ދާނެއެވެ.

މި ކައުންސިލަށް އިންތިޚާބުކުރާ ނަފްސާނީ ބަލިތަކާއިބެހޭ ޞިއްޙީ ޚިދުމަތްތެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރު، އަދި ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެމްބަރު މިހާރު ވަނީ އިންތިޚާބު ވެފައެވެ. މިދާއިރާތަކަށް އިންތިޚާބުވެފައިވާ ފަރާތްތައް ވަރަށް އަވަހަށް މިނިސްޓްރީން އިޢުލާންކުރުމަށް ވަނީ ހަމަޖެހިފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ތެރެއިން އެމީހުން އިންތިޚާބުކުރާ މެންބަރަކު ހޮވުމަށް ބާއްވާ އިންތިޚާބު ފަސްކޮށްފައިވަނީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤުލިބިގެންވާ ފަރާތްތަކަށް އިންތިޚާބުގެ އިންތިޒާމްތައް މިހާރު ހަމަޖެހިފައިވާގޮތުން ވޯޓުލުމުގައި އެންމެ ފުރިހަމައަށް ބައިވެރިވުގެ ފުރުޞަތު ލިބިގެންނުދާކަމުގެ ޝަކުވާތައް ލިބެމުންދާތީކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، މިކަންކަމަށް ރިއާޔަތްކުރުމަށްފަހު ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ފަރާތްތަކަށް ވޯޓުލުމުގެ ޙައްޤު ގެއްލިގެން ދާތީވެ، ވޯޓުލުމުގެ ޙައްޤު ލިބޭ ހުރިހާ ފަރާތްތަކަށް ފަސޭހަކަމާއިއެކު ވޯޓުލެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެހެންނަމަވެސް އެ ދާއިރާތަކުގެ އިންތިޚާބު އަލުން ބޭއްވުމަށް އަދި ވަކި ތާރީޚެއް ކަނޑައަޅާފައެއް ނުވެއެވެ.

މި އިންތިޚާބަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދަންޖެހޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްއެވެ.