ވިޔަފާރި

ވިލިމާލެ ފެރީ ޓާރމިނަލް ތަރައްޤީކުރަން މިއަހަރު ފަށަނީ


ވިލިމާލެ ފެރީޓަރމިނަލް ތަރައްޤީކުރެއްވުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި މިއަހަރުތެރޭގައި ފަށްޓަވާނެކަމަށް އެމްޓީސީސީން ހާމަކުރައްވައިފިއެވެ. އެމްޓީސީސީން ދެއްވާ ޚިދުމަތްތައް ރަނގަޅުކޮށް ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ދެއްވުމުގެ މަޤްޞަދުގައި ވިލިމާލެ ފެރީ ޓާރމިނަލް ތަރައްޤީކުރެއްވުމަށްވަނީ ނިންމަވާފައެވެ. އެގޮތުން ވިލިމާލެ ފެރީ ޓާރމިނަލް ތަރައްގީ ކުރެއްވުމަށް ނިންމަވާފައިވަނީ 12 ބުރީގެ ދެ ޢިމާރާތް ހިމެނޭ ގޮތަށެވެ.  އެމްޓީސީސީގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، ޓާރމިނަލްގެ ކޮންސެޕްޓް ނިމިފައިވާ ކަމަށާއި، މިހާރު ކުރިއަށްދަނީ ފައިނޭޝިއަލް މަސައްކަތްތައް ކަމަށެވެ. ވިލިމާލޭގެ އާ ފެރީޓަރމިނަލް ދެ ފިޔަވައްސަކަށް ބަހާލައިގެން ހެދުމަށް ނިންމާފައިވާއިރު، އެތަން ފަރުމާކޮށްފައިވަނީ، ތަފާތު ޚިދުމަތްތައް ލިބެންހުންނާނެ ގޮތަށެވެ.12  ބުރީގެ ދެ ޢިމާރާތް ނިމޭއިރު އެތަނުގައި، ކެފޭތަކާއި، ފިހާރަތަކާއި، ޒުވާނުން މުނިފޫހިފިލުވުމަށް ޚާއްސަ ތަންތަނުގެ އިތުރުން ސިނަމާއެއްވެސް ހުންނާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއްވައެވެ. ދެވަނަ ފިޔަވަހީގައި ހެދުމަށް ހަމަޖެހިފައިވާ ޢިމާރާތުގެ ހަތަރު ފްލޯރއެއް ޕާކިންގއަށް ޚާއްސަ ކުރެވިފައިވާ ކަމަށްވެސް ސީއީއޯ އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވިއެވެ. އަދި މަޝްރޫއު އެއްކޮށް ނިމިގެންދާއިރު، ދެ އިމާރާތް ބްރިޖަކުން ގުޅާލެވިފައިވާނެކަންވެސް ސީއީއޯ ފާހަގަކުރެއްވިއެވެ.ސީއީއޯ ވިދާޅުވީ، އާ ޓަރމިނަލްގެ މަސައްކަތް ކުރިއަށް ދިޔަނަމަވެސް ވިލިމާލެ ފެރީޓަރމިނަލުން މިހާރު ދެއްވާ ޚިދުމަތްތަކަށް ބުރޫ ނާރާނެގޮތަށް ވަގުތީ ޓާރމިނަލެއްް އެޅުއްވުމަށް ކުރައްވަން ޖެހޭ ކަންކަން މިހާރު ކުރައްވަމުން ގެންދަވާކަމަށެވެ.  އެގޮތުން ވަގުތީ ޓާރމިނަލެއް ހެއްދެވުމަށް ބިން ފައިނަލް ކުރެއްވުމަށް ހައުސިން މިނިސްޓްރީއާއިއެކު މަޝްވަރާތައް ކުރައްވަމުން ގެންދަވާކަމަށާއި، އަންނަ ހަފްތާ ތެރޭގައި ވަގުތީ ޓާރމިނަލްގެ ބިން ހަމަޖެހޭނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ. އާ ޓާރމިނަލް ހެއްދެވުމުގެ ހުރިހާ މަސައްކަތެއް ކުރައްވަނީ އެމްޓީސީސީންނެވެ.