ވިޔަފާރި

ސްރީލަންކަންއިން ގަމަށްކުރާ ދަތުރުތަކަށް މަންޓާގެ ކަނެކްޝަން ފްލައިޓްތައް


ސްރީލަންކަންގެ ދަތުރުތަކަށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުން ކަނެކްޝަން ފޯރުކޮށްދިނުމަށް މަންޓާ އެއާރއިން ނިންމާފައިވާ އެކުންފުނިން ހާމަކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސްރީލަންކަން އެއާލައިންސްގެ ޖީއެސްއޭ، އޭސް އެވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ފިރާޤް ވިދާޅުވީ، މަންޓާއިން ސްރީލަންކަން އެއާލައިންސްއަށް ކަނެކްޝަން ފޯރުކޮށް ދިނުމަށް ނިންމާފައިވާއިރު، ކަނެކްޝަން ފޯރުކޮށްދޭނީ ހަމައެކަނީ ހުވަދު އަތޮޅާއި ހަމައަށް ނޫން ކަމަށެވެ. އެގޮތުން ދ. އަތޮޅާއި ހަމައަށްވެސް މަންޓާގެ ކަނެކްޝަން ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ސްރީލަންކަން ދަތުރުތައް މިދިޔަ އަހަރު އަލުން ގަމަށް ފެށިއިރު، އޭރު އެންމެ ބޮޑު ކަންބޮޑުވުމަކަށް އޭސް އެވިއޭޝަނުން ފާހަގަކޮށްފައި އޮތީ، ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ދެކުނުގެ ގަމުން ދެކުނުގެ އަތޮޅުތަކަށް ޑޮމެސްޓިކް ކަނެކްޝަނެއް ބޭނުންވުމެވެ. މިކަމަށް ހައްލު ހޯދުމަށް ކުރިން ކުރެވުނު މަޝްވަރާތަކުން ކާމިޔާބެއް ނުލިބުނުއިރު މަންޓާ އެއާރއާއެކު ކުރެވުނު މަޝްވަރާތަކުން އެކުންފުނިން އެކަމަށް ތައްޔާރުވެފައިވާކަން ސްރީލަންކަން އެއާލައިންސްއިން ފާހަގަކުރެއެވެ.

މަންޓާ އެއަރގެ އެއްބާރުލުމާއެކު ސްރީލަންކަން އެއާލައިންސްއިން ގަމަށް އިތުރު ދަތުރުތައް އެޅުމަށް ވަނީ ނިންމާފައެވެ. މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސްރީލަންކަން އެއާލައިންސްގެ ރީޖަނަލް މެނޭޖަރ ޖަޔަންތާ އަބޭސިންގެ ވިދާޅުވީ މިހާތަނަށް ކުރެވުނު މަޝްވަރާތަކުން މާރިޗުމަސް ނިމުމުން ހަފްތާއަކު ދެ ފްލައިޓު ގަމަށް ބޭއްވުމަށް ހަމަޖެހިގެން ގޮސްފައިވާ ކަމަށެވެ. އަދި މިއަދަދު ތިނަކަށް އިތުރު ކުރުމަށް މަޝްވަރާ ކުރެވެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މިދަތުރު ތަކާއި ގުޅޭގޮތުން މަންޓާ އެއަރގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ މަންޓާ އެއަރއިން ޤަބޫލު ކުރާގޮތުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ދަތުރުތައް ފަހި ކުރެވެން ޖެހޭނެއެވެ.އެގޮތުން އުތުރުންވެސް އަދި ދެކުނުންވެސް ކަނެކްޝަން ލިބުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިފަދަ ކަނެކްޝަންތަކަކީ ގެސްޓް ހައުސް ސިނާޢަތަށް ލިބޭނެ ރަނގަޅު ކުރިއެރުމެއް ކަމަށް ހަލީލް ވިދާޅުވިއެވެ.

މަންޓާ އެއަރގެ ދަތުރުތައް ގަމަށް ފަށާއިރު ކޮންމެ ދުވަހަކު ފްލައިޓެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. އެކުންފުނީގެ ދަތުރުތައް އައްޑޫއަށް ބުރާސްފަތި ދުވަހު ފަށާއިރު، ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން ޓިކެޓްވެސް ވިއްކަން މިހާރު ވަނީ ފަށާފައެވެ.