ކުޅިވަރު

ޗެލްސީ އާއި ލީލް ބައްދަލުކުރިމެޗް ޗެލްސީ ކާމިޔާބުކޮށްފި


ޔުއޭފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް 16 ގެ ފުރަތަމަ ލެގްގައި ޗެލްސީ އާއި ލީލް ބައްދަލުކުރިމެޗް ޗެލްސީ ކާމިޔާބުކޮށްފިއެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ޗެލްސީއިން ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ލީލްއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 8 ވަނަ މިނެޓްގައި ޗެލްސީއަށް ޖަހައިދިނީ ކައި ހަވާޓްޒެވެ. އަދި ދެވަނަ ލަނޑު 63 ވަނަ މިނެޓްގައި ޖަހައިދިނީ ކްރިސްޓިއަން ޕުލިސިޗެވެ. މިމެޗްގައި ހަވާޓްޒްއަށް ލަނޑު ޖަހާނެ އިތުރު ފުރުސަތެއްވެސް ލިބިގެންދިޔައެވެ. މިމެޗްގައި ޗެލްސީގެ ރޮމެލޫ ލުކާކޫ އަރުވާފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. މިމެޗްގައި ޗެލްސީއަށް ދިމާވި ހަމައެކަނި މައްސަލައަކީ ހަކީމް ޒިޔެކް އާއި މަޓިއޯ ކޮވޮސިޗްއަށް އަނިޔާ ވެގެން ބާލަން ޖެހުނެވެ.

އަންނަ އާދީއްތަ ދުވަހު ކަރަބާއޮ ކަޕްގެ ފައިނަލްގައި ލިވަޕޫލާއި ދެކޮޅަށް ނިކުންނައިރު މިދެ ކުޅުންތެރިން ނެތުން ވެގެން ދާނީ ޗެލްސީއަށް ލިބިގެންދާ ހީނަރުކަމަކަށެވެ. ރޭގެ މެޗްގައި ލީލްއިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެއިން އެއްވެސް ހަމަލާއެއް ލަނޑަކަށް ބަދަލު ކުރެވޭ ގޮތެއް ނުވިއެވެ.

މިދެޓީމްގެ މެދުގައި ކުޅޭ ދެވަނަ ލެގް ކުޅުމަށް ހަމަޖެހިފައިވަނީ ލީލްގެ ދަނޑުގައެވެ.